އަދުހަމް ފުލުހުންނަށް ކުރި ތުހުމަތުތައް ބަލަން ހަތް ދުވަސް

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލިކަމުގެ ދައުވާލިބޭ އަދުހަމް މުހައްމަދު ފުލުހުންނަށް ކުރި ތުހުމަތުތައް ބަލަން ހަތް ދުވަސް ދީފި އެވެ. ގާސިމް މަރާލި މައްސަލައިގަ ފެ...

18 Jun 2020 | 09:16

މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ޓެކްސީ ޑްރައިވަރު ގާސިމް ހަސަން މަރާލިކަމުގެ ދައުވާލިބޭ އަދުހަމް މުހައްމަދު ފުލުހުންނަށް ކުރި ތުހުމަތުތައް ބަލަން ހަތް ދުވަސް ދީފި އެވެ.

ގާސިމް މަރާލި މައްސަލައިގަ ފެބްރުއަރީ މަހު ބޭއްވި އެ މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި އަދުހަމް ވަނީ ގާސިމް މަރާލިކަމަށް އެއްބަސްވެފައި އެވެ. އެކަމަކު ފެބްރުއަރީ މަހުގެ 19 ވަނަ ދުވަހު ބޭއްވި ހުކުމް ކުރުމުގެ ޝަރީއަތުގައި އޭނާ ވަނީ ގާސިމް މަރާލިކަމަށް ކުއްލިއަކަށް އިންކާރުކޮށްފައި އެވެ.

އަދުހަމް އެދުވަހު ބުނެފައިވަނީ ފުރަތަމަ އަޑުއެހުމުގައި ދައުވާއަށް އެއްބަސްވީ މަސްތުގެ ހާލަތުގައި ހުރެގެން ކަމަށެވެ. އަދި ފުލުހުން އޭނާ އެދުވަހު ކޯޓަށް ގެންދިޔައީ މަސްތުވާތަކެތި ދީގެން ކަމަށް ބުނެ ފުލުހުންނަށް އަދުހަމް ބޮޑު ތުހުމަތެއް ކުރި އެވެ.

އަދުހަމް ބުނީ އޭނާއަށް ހޭވެރިކަންވީ ކަރެކްޝަންސްގެ ބަންދަށް ބަދަލު ކުރި ފަހުން ކަމަށެވެ. އޭގެ ކުރިން ފުލުހުންގެ ބަންދުގައި ހުރީ ހާއްސަ އިނާޔަތްތަކަކާއި އެކުކަމަށް ފުލުހަކު ބުނި ހަނދާނެއް ވާކަމަށެވެ. އަދި އޭނާ ބާއްވާފައި އޮންނަ ގޮޅިއަށް ސިނގިރޭޓާއި ސުޕާރީ އަދި މަސްތުވާތަކެތި ގަނެގެން ގެނެސް ފުލުހުން ވައްދާކަމަށް ބުންޏެވެ.

އެހެންވެ އެދުވަހު ހުކުމް ކުރެވޭގޮތެއް ނުވި އެވެ.

އެ މައްސަލައިގަ މިއަދު ވީޑިއޯ ކޮންފަރެންސް މެދުވެރިކޮށް ކުރިޔަށް ގެންދިޔަ ޝަރީއަތުުގައި އަދުހަމްގެ ގާނޫނީ ވަކީލު ވަނީ ފުލުހުންގެ މައްޗަށް ކުރި ތުހުމަތުތަކާ ގުޅިގެން އިތުރު ކަންކަން ސާފުކުރަމުން އަންނަ ކަމަށާއި ހެކި ހާމަކުރުމުގެ ކުރިން އެކަމުގެ މައުލޫމާތު ސާފުކުރަން ބޭނުންވާ ކަމަށެވެ. އެހެންވެ އެކަމަށް ހަފްތާއެއް ބޭނުންވާ ކަމަށެވެ.

އަދުހަމްގެ ވަކީލުގެ އެދިލެއްވުމަށް ޕީޖީ އޮފީހުގެ ވަކީލުންވެސް ދެކޮޅު ހަދާފައެއް ނުވެ އެވެ. އެހެންވެ ގާޒީ އިސްމާއިލް ރަޝީދު ބެއްލެވި މި މައްސަލައިގަ ނިންމާފައިވަނީ ހަތް ދުވަހުގެ މުއްދަތެއް އަދުހަމްގެ ވަކީލަށް ދިނުމަށެވެ.

އަދުހަމް ފުލުހުންނަށް ދީފައިވާ ބަޔާނުގައި ބުނެފައިވަނީ އޭނާ ގާސިމް މަރާލީ ފޭރެން އުޅުމުން ހަޅޭއްލަވަން ފެށުމުން ކަރުގައި ހިފާ ވަޅި ހެރުމުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް