ކުންފުނިތަކުގެ އަހަރީ ފީ ދެއްކުން އަންނަ ޑިސެމްބަރު މަހަށް ފަސްކޮށްދީފި އެވެ.
ކޮންމެ އަހަރަކުވެސް ފުންފުނިތަކުގެ އަހަރީ ފީ ދައްކަން ޖެހެނީ މާޗް މަސް ނިމުމުގެ ކުރިންނެވެ. މާޗު މަހު ފީ ނުދައްކާ ކުންފުނިތަކުން މެއި މަހުގެ ކުރިން ޖޫރިމަނާ އާއި އެކު ފީ ނުދައްކައިފި ނަމަ ކުންފުނި އުވައިލުމުގެ ބާރު ކޮމްޕެނީ އޮފް ރެޖިސްޓްރާއަށް ލިބިގެންވެ އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ކޯވިޑް-19 އާއި ގުޅގެން ލުއި ފަސޭހަ ކޮށްދިނުމުގެ ގޮތުން ކުންފުނިތަކުގެ އަހަރީ ފީ ދެއްކުން ޑިސެމްބަރު މަހުގެ31 ގެ ނިޔަލަށް އިތުރުކޮށްދީފައިވާ ކަމަށެވެ. ލުއި ފަސޭހަ ކޮށްދޭން ނިންމީ ކުންފުނިތަކުގެ މާލީ ހާލަތަށް އައިސްފައިވާ ހީނަރުކަމަށް ބަލައެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އަހަރީ ފީ ޖޫރިމަނާއާއި ނުލައި ޑިސެމްބަރުގެ ނިޔަލަށް މީރާއިން ބަލައިގެންނާނެ ކަމަށެވެ.
އަމިއްލަ ކުންފުނިތަކުގެ އަހަރީ ފީގެ ގޮތުގައި ދައްކަން ޖެހެނީ 2،000 ރުފިޔާ އެވެ. ޕަބްލިކް ކުންފުނިތަކުން އަހަރީ ފީގެ ގޮތުގައި 10،000 ރުފިޔާ ދައްކަން ޖެހެ އެވެ.
މާޗް މަހުގެ ފަހުން އޭޕްރީލް މަހު އަހަރީ ފީ ދައްކާ ނަމަ ޖޫރިމަނާގެ ގޮތުގައި އިތުރު 1،000 ރުފިޔާ ދައްކަންޖެހެ އެވެ. އޭޕްރީލްގެ ފަހުން ޖޫރިމަނާގެ ގޮތުގައި 2،500 ރުފިޔާ ދައްކަން ޖެހެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް