އާންމުންގެ މެދުގައި ބަލި ފެތުރުން އިތުރުވާ ކަމުގެ އަލާމާތެއް ފެންނަން ފަށައިފި

މާލޭ ސިޓީ ލޮކްޑައުންގައި އޮންނަތާ ދެ މަސް ފަހުން ހުއްދަ އަކައި ނުލައިބޭރުގައި އުޅެވޭ ވަގުުުތުތަކެއް ކަނޑައެޅި ފަހުން ކޯވިޑްގެ ކޭސްތައް އިތުރުވަމުން އަންނަ ގޮތަށް ބަލާއިރު ބަލި އިތުރަށް ފެތުރެމުންދާކަމ...

18 Jun 2020 | 05:15

މާލޭ ސިޓީ ލޮކްޑައުންގައި އޮންނަތާ ދެ މަސް ފަހުން ހުއްދަ އަކައި ނުލައިބޭރުގައި އުޅެވޭ ވަގުުުތުތަކެއް ކަނޑައެޅި ފަހުން ކޯވިޑްގެ ކޭސްތައް އިތުރުވަމުން އަންނަ ގޮތަށް ބަލާއިރު ބަލި އިތުރަށް ފެތުރެމުންދާކަމުގެ އަލާމާތްތަކެއް ފެންނަން ފަށައިފި ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެޗްޕީއޭގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ މި ފަހަކަށް އައިސް އެހެން ޕޮސިޓިވް ކޭސްތަކާއި ގުޅުން ނެތް ގިނަ ކޭސްތަކެއް ފެންނަލެއް އިތުރުވެފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެގޮތަށް ފެންނަ ކޭސްތައް ފެންނަލެއް ގިނަވުމަކީ އާންމުންގެ މެދުގައި ބަލި ފެތުރުން އިތުރުވާން ފަށާފައިވާކަމުގެ ހެތްކެތް ކަމަށެވެ.

އެޗްޕީއޭިން މީގެ ކުރިން ބުނެފައިވަނީ ވައިރަސް އާއި ގުޅިގެން އަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުން ކޭސްތައް އިތުރުވާން ފަށައިފި ނަމަ އަނެއްކާވެސް ފުލް ލޮކްޑައުނަކަށް ދާނެ ކަމަށެވެ.

މިކަމާއި ގުޅޭގޮތުން ޑރ. އަފްޒަލް ވިދާޅުވީ ވަކި ވަކި ކޭސްތައް އިތުރުވާކަން ފާގަވިޔަސް ކޭސްތަކުގެ ޖުމްލަ އަދަދު އިތުރު ނުވާތީ އަދި އެއީ މާބޮޑު ކަންބޮޑުވުމެއް ނޫން ކަމަށެވެ. އޭނާ ވިދާޅުވީ މިހާރު ދީފައިވާ ލުއިތަކާ މެދު ދެވަނަ ވިސްނުމަކަށް ދާން ޖެހޭނީ މި ޓްރެންޑް މިހެން ހުރުމާ އެކު ޖުމްލަކޮށް ކޭސްތަކުގެ އަދަދު އިތުރުވާ ނަމަ ކަމަށެވެ.

އެޗްޕީއޭއިން ރޭ އާންމު ކުރި މައުލޫމާތުތަކަކަށް ބަލާއިރު ރާއްޖޭގައި އާއްމުންގެ ތެރޭގައި ކޮވިޑް ފެތުރެން ފުރަތަމަ ފެށި އިރު އެއް ކޭސް އަނެއް ކޭހާ ގުޅުމެއް ނެތް ކޭސްތަކުގެ ނިސްބަތަކީ 10 ޕަސެންޓް ކަމަށާއި އެހެން ނަމަވެސް މިހާރު އެ ނިސްބަތް ގާތްގަނޑަަކަށް 30 ޕަސެންޓަށް އަރައިފި ކަމަށެވެ.

ގުޅުން ނެތް ކޭސްތައް އިތުރުވާން ފަށާއުވަނީ މި މަހު އެވެ. ލޮކްޑައުން އަށް ލުއިދޭން ފުރަތަމަ ފެށީ މެއި މަހުގެ28 ވަނަ ދުވަހުން ފެށިގެންނެވެ.

ޑރ. އަފްޒަލް ވިދާޅުވީ އާންމުނަށް ބޭރަށް ނުކުމެވޭގޮތަށް ގިނަ ވަގުތުތަކެއް ހަމަޖައްސާފައި ވީނަމަވެސް އަދިވެސް އެދިވަޑައިގެންނަވަނީ ކޮންމެހެން ދާން ޖެހިގެން ނޫންނީ ބޭރަށް ނުދިއުމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް