ކޯވިޑް-19 އާއި ގުޅިގެން ދަރިވަރުން ސްކޫލަށް ފޮނުވުމަށް ޖެހިލުންވާތަން ނުފެންނަ ކަމަށް އެޗްޕީއޭއިން ބުނެފި އެވެ.
އެންއީއޯސީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޗްޕީއޭގެ ޑޮކްޓަރު އިބްރާހިމް އަފްޒަލް ވިދާޅުވީ ވައިރަސް ޖެހިދާނެތި ކުދިން ސްކޫލަށް ފޮނުވަން ޖެހިލުންވާކަމަށް ބުނެ ދެކެވޭ ވާހަކަ ގަބޫލު ކުރަން ދަތިކަމަށެވެ. އެއީ ވައިރަހާއި ގުޅިގެން މާލޭ ސިޓީގައި އަަޅާފައިވާ ފިޔަވަޅުތަކަށް ލުއި ދިނުމުން ގިނަ އަދަދެއްގެ ކުޑަކުދިންވެސް ބެލެނިވެރިންނާއި އެކު ބޭރުގައި އުޅޭތީ ކަމަށް ވިދާޅުވި އެވެ.
މާލެއަކީ އަދިވެސް ކޯވިޑް-19 ފެތުރެމުންދާ ތަނަކަށް ވާތީ ބޭރަށް ނުކުތުމުގެ ހުއްދަ ދީފައިވާ ވަގުތުގެ ތެރެއިން ކުޑަކުދިންނަށް ހާއްސަ ގަޑިއަކީ ހަވީރު 4:00 ން6:00 އަށެވެ. އެހެން ވަގުތުތަކުގައި ވީހާވެސް މަދުން، ނުވަތަ ކޮންމެހެން ދާން ޖެހޭ ތަނަކަށް ނޫން ގޮތަކަށް ކުޑަކުދިން ބޭރަށް ނުނެރުމަށް އޮތީ އިލްތިމާސްކޮށްފައި އެވެ.
ޑރ. އަފްޒަލް ވިދާޅުވީ އާންމުކޮށް ބޭރަށް ނުކުމެ އުޅެވޭ ހުރިހާ ވަގުތެއްގައި ކުޑަކުދިން ބޭރުގައި އުޅޭއިރު ވައިރަސް ޖެހިދާނެ ކަމަށް އާންމުން ބިރު ނުގަންނަ އިރު ސްކޫލަށް ގެންދިއުމުން ވައިރަސް ޖެހިދާނެ ކަމަށް ބަޔަކު ބުނާބުނުން ގަބޫލު ކުރަން ދަތި ކަމަށެވެ. އަދި އެކަން ފެންނަމުންދާ މަންޒަރުތަކުން ސާފު ނުވާ ކަމަށް ވިދާޅުވި އެވެ.
ޑރ. އަފްޒަލް ވިދާޅުވީ އަލުން ސްކޫލްތަށް ފަށާއިރު ސްކޫލް މާހައުލަކީ ދަރިވަރުންނަށް ރައްކާތެރި މާހައުލެއްކަން އެޗްޕީއޭއިން ކަށަވަރު ކުރާނެ ކަމަށެވެ. އަދި ސްކޫލްތައް ފެށުމުގެ ހުއްދަ ދީފައިވަނީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ހުރިހާ ފިޔަވަޅަކައި އެކު ކުރިޔަށް ގެންދާ ގޮތަށް ކަމަށެވެ.
ކޯވިޑް-19 އާއި ގުޅިގެން ސްކޫލްތައް ބަންދުކޮށްފައި އޮންނަތާ ތިން މަސް ވަރު ފަހުން އަންނަ މަހުގެ އެއް ވަނަ ދުވަހު ސްކޫލްތަކުގައި ކިޔަވައިދޭން ފެއްޓުމަށް ދަނީ ތައްޔާޜުވަމުންނެވެ.
އެޑިއުކޭޝަން މިނިސްޓްރީން ބުނީ ރައްކާތެރިކަމުގެ ގޮތުން ހުރިހާ ކުދިންވެސް ސްކޫލަށް ދާނީ މާސްކު އަޅައިގެން ކަމަށެވެ. އަދި ސްކޫލަށް ކުދިން ވަންނަ އިރު ހުން ބަލާނެ ކަމަށާއި ފަސޭހައިން އަތްދޮވެ، އިޖްތިމާއީ ގައިދުރުކަމުގައި ކިޔެވުމުގެ ފުރުސަތު ފަހިކޮށްދޭނެ ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް