ހޮންޑޫރަސްގެ ރައީސް ހުއާން އޮރްލާންޑޯ އެނާންޑޭޒް، ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު ހޮސްޕިޓަލުގައި އެނދުމަތިކޮށް ނިއުމޯނިއާއަށް ފަރުވާދޭން ފަށައިފިއެވެ.
ހޮންޑޫރަސްގެ ރައީސަށް ކޯވިޑް-19 ޖެހިފައިވާކަން އިއުލާނުކުރީ އިއްޔެގެ ވަގުތެއްގައެވެ. ހާލުކޮޅު ގޯސްވެ، ނިއުމޯނިއާއަށް ފަރުވާ ދެމުން އަންނަނީ މިލިޓަރީ ހޮސްޕިޓަލެއްގައެވެ.
ޕޮޒިޓިވްވި ކަން ހާމަކޮށް، އެކަން އިއުލާނުކުރުމަށް ގައުމާ މުހާތަބުކުރައްވާ އިއްޔެ ދެއްކެވި ވާހަކަފުޅުގައި އޭނާ ވިދާޅުވެފައިވަނީ އޭރު ކޯވިޑް-19ގެ އަލާމާތްތައް އެހާ ގޯސް ނޫން ކަމަށާއި ރެސްޓް ކުރުމަށް ޑަކުޓަރުން ލަފާދެއްވާފައިވާކަމަށެވެ.
ހޮންޑޫރަސްގެ ރައީސް ކޯވިޑް-19 އަށް ޕޮޒިޓިވްވެފައިވާއިރު ރައީސްގެ އަނބިކަނބަލުންވެސް ވަނީ ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައެވެ. އަދި ރައީސާއި ގާތުން މަސައްކަތްކުރަމުން އަންނަ ދެ ފަރާތެއްވެސް ކޯވިޑް-19 އަށް ޕޮޒިޓިވް ވެފައިވެއެވެ.
އެ ގައުމުން މިހާތަނަށް 10 ހާހަށްވުރެ ގިނަ މީހަކަށް ކޯވިޑް-19 ޖެހިފައިވެއެވެ. 300 އަށްވުރެ ގިނަ މީހުން މި ވައިރަހުގައި އެ ގައުމުން މަރުވެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް