''މަންމަ ބަލިވެގެން ހޮސްޕިޓަލުގައި އެވަގުތު އުޅެން ޖެހުނީ.....އެހެންވެ ފޯނަށް ޖަވާބު ނުދެވުނީ.....ސޮރީ ވަރަށް ބޮޑަށް...'' ޒާރާ ގެ އަޑުގައިވަނީ އިންތިހާ ހިތްދަތި ކަމެވެ. ދޮގު ހެދުމަކީ ޒާރާ އަށް ފަސޭހަކަމަކަށް ނުވާތީ ބުނެވުނީ ބޭނުންވާ ވަރަށްވުރެ އުނދަގުލުންނެވެ.
ބޭނުންވާ ހުރިހާ ވާހަކައެއް ދެލޯބިވެރިން ހިއްސާކޮށް، ލޯބީގެ އެތައް ވައުދު ތަކަކަށް ފަހު ހަމަޖެހުމުގެ ނޭވާއެއް ޒާރާ ބޭރުކޮށްލީ ފޯނު ކަންފަތާ ދުރުކޮށްލަމުންނެވެ. އާދިލް އާ ޒާރާގެ ދިގު ކޯލަށްފަހު ޒާރާގެ މޫނުމަތި ފެންނަނީ އުޖާލާ ކޮށެވެ. އެތަށް އިރެއްގެ ހިތްދަތި ކަމަށްފަހު ހިނިތުންވުމެއް އެ ރީތި ތުންފަތުގައި ކުޅެމުން ދާން ފަށައިފިއެވެ.
ކަލަންޑަރުގެ ގަނޑުތައް އުކެމުން ދިޔައީ ހީވެސް ނުކުރާހާ ހަލުވިކަމާއެކުގައެވެ. ފާރުގައި އަޅުވާލާފައި އޮތް ކަލަންޑަރުން ފެންނަން އޮތީ ޖުލައި މަހުގެ ދުވަސްތަކެވެ. ކަލަންޑަރަށް ޒާރާ ބަލަންހުރި އިރު އޭނާގެ ޝަހާދަތް އިނގިލި ޖައްސާލެވިފައިވަނީ އެމަހުގެ އަށާރަ ވަނަ ދުވަސް އިން ގޮޅީގައެވެ. ޒާރާ އަށް އެދުވަސް ހާއްސަވީ އާދިލްގެ އުފަންދުވަސް ކަމަށް ވާތީއެވެ. މާދަމާއަކީ އެދުވަހެވެ. ހަދިޔާއެއް ދޭން ޒާރާ ނިންމީ މާލޭގައިތިބި އޭނާގެ އެކުވެރިން މެދުވެރިކޮށެވެ. އެތައް ދުވަހެއް ކުރިއްސުރެ އޭނާ އެ އިންތިޒާރު ކުރަނީ އާދިލްގެ އުފަން ދުވަހަށެވެ. ޖުލައި މަހުގެ އަށާރަ ވަނަ ދުވަސް ޒާރާ ހަނދާން ކުރާކަށް ނުޖެހެއެވެ. މާލޭގައި ހޭދަކުރި ދެއަހަރުވެސް އާދިލް އާއެކު އޭނާގެ އުފަންދުވަސް ޒާރާ ފާހަގަކުރީ އިންތިހާ ލޯތްބާ ހިތްހަމަޖެހުމާ އެކުގައެވެ.
ރައްޓެއްސަކަށް ގުޅާ އާދިލް އަށް ދޭނެ ހަދިޔާ ތައްޔާރު ކުރުވިއެވެ. ކޭކެއް ނުފެޅުނު ނަމަވެސް ރަތް ފިނިފެންމަލުގެ ގުލްދަސްތާ އަކާއެކު ލޯބީގެ ލަފުޒުތަކުން ފަޅުފިލުވާލެވިފައިވާ ކާޑެއް އިޚްތިޔާރު ކުރީ އެކުވެރިންގެ އެހީގައެވެ. އާދިލް އެންމެ ބޭނުންވި ކުލައިގެ ރީތި ޓީޝާޓެއް ގަތުމަށްފަހު ޕާރުސަލް ކޮށްލަން ހަވާލުކުރީ އެންމެ ގާތް ރަހްމަތްތެރިންގެ ތެރެއިން ޝާފީ އާއެވެ. ޝާފީއަށް ގުޅާ ހުރިހާ ކަމެއް ހިއްސާކުރަމުން ޒާރާ ނިކުމެލީ ހުޅަނގުފަރާތު އަތިރި މައްޗަށެވެ. ކަންފަތުގައި ފޯނު ޖައްސާލައިގެން ހިނގަމުން ދިޔަ ޒާރާ އަށް މަގުމަތިން ދިމާވާ ފިރިހެން ކުދިންގެ ކަޅިތައް އޭނާއާ އަމާޒުވަމުން ދިޔަކަމެއް ނޭނގެއެވެ. ދައްކަން ހުރި ވާހަކަތައް ނިންމާލުމަށްފަހު ދޮންވެލި މަތީގައި އޮތް ހިކި ގަސްބުޑެއްގައި އޭނާ އިށީދެލިއެވެ.
ހަވީރުގެ ހިތްގައިމު ވަގުތު ނިމި ރޭގަނޑަށް މަރުޙަބާ ކިޔަމުން އުދަރެހުން އިރު އޮބާލުމަށް ތައްޔާރުވަމުން ދާ ހިތްގައިމު ވަގުތެވެ. އިރުގެ ރަން އަވިން މުޅި ޖައްވު ފެންވަރުވަމުން ދަނީ އެވެ. އުދަރެހުގައި ހުރި ހުދު ވިލާތަކަށް އިރުގެ ރަން އަވި އެޅުމުން ދައްކުވައިދޭ މަންޒަރު ނުހަނު ހިތްގައިމެވެ. ގޮނޑުދޮށަށް ބީއްސަމުންދާ ރާޅުތަކުގެ މިއުޒިކީ އަޑުން ހިތްތަކަށް އުފާވެރިކަން ގެނުވާނެކަން ކަށަވަރެވެ. އަތިރިމަތީގެ އެކި ހިސާބުތަކުގައި އެކި އުމުރުގެ މީހުން ހަރަކާތްތެރިވާތީ ފެނެއެވެ. ކުޑަކުދިން ތަފާތު ކުޅިވަރުތަކުގައި ދުވެ ފުމެ އުޅެމުންދަނީއެވެ. ބޮޑެތި މީހުންގެ އިތުރުން ގިނަ އަދަދެއްގެ ޒުވާނުން ކޯޅި ކޯޅިއަށް އެތިބީ އެކި ދިމަދިމާގައި އެމީހުންގެ އަމިއްލަ ވާހަކަ ތަކުގައި މަޝްއޫލުވެފައެވެ.
''ޒާރާ.....'' ފަހަތުން އިވުނު ފިރިހެންވަންތަ އަޑުން ޒާރާ ސިހޭގޮތް ވިއެވެ. ލޯކުރިމަތިން ފެންނަމުން ދިޔަ ގުދުރަތީ ރީތިމަންޒަރު ތަކުން އެއްފަރާތް ވެލުމަށްފަހު ފަހަތަށް އެނބުރި ބަލާލިއެވެ. ޒާރާގެ ނުހަނު ގާތުގައި ރީތި ހިނިތުންވުމަކާއެކު ހުއްޓިލައިގެން ހުރީ އިމްރާން ފިޔަވައި ދެވަނަ މީހެއް ނޫނެވެ. ކަޅި ޖަހާނުލާ ޒާރާގެ މޫނަށް އިމްރާން ބަލަން ހުރިގޮތުން ޒާރާ އަށް އުނދަގޫވިއެވެ.
''އަހަރެން މިތާނގައި އިށީނދެލިޔަސް އެންމެ ރަނގަޅުތަ؟......'' ޒާރާގެ ކުރިމައްޗަށް ހުއްޓެމުން އިމްރާން އިޝާރާތްކުރީ ޒާރާ އިށީނދެ އިން ގަސްބުޑުން ބާކީ އޮތް ހުސްތަނަށެވެ. ޒާރާ އަށް އެއްވެސް ޖަވާބެއް ނުދެވުނެވެ. އެތާގައި އިމްރާން އިށީދެއްޖެ ނަމަ ޒާރާ އެތަނުން ތެދެވެގެން ދާނަމޭ ހިތާ ހިތުން ބުނެލެވެނެވެ.
''އެންމެ ރަނގަޅުތަ.......'' ޒާރާގެ ހުއްދައަށް އިމްރާން އެދެމުން ދިޔަ ނަމަވެސް އިސް އުފުލާ ބަލާވެސް ނުލާ ޒާރާ އިނީ އެވެ. ޒާރާގެ އެރީތި މޫނަށް އިރުގެ ރަން އަވި އެޅިފައިވާއިރު ފެންނަލެއް ނުހަނު ހިތްގައިމެވެ.
އިމްރާން އެއްވެސް ޖެހިލުމެއް ނެތި ޒާރާގެ ނުހަނު ގާތުގައި އިށީނދެލިއެވެ. ޒާރާގެ ހުއްދަ ނުލިބުނަސް މެއެވެ. ޒާރާގެ ހިތުގެ ވިންދު އިންތިހާއަށް އަވަސްވި ކަމެއް ކަމުގައި އިމްރާންގެ މި ހަރަކާތް ވިއެވެ. އިންތަނުން ތެދުވަން އޭނާ ބޭނުންވިއެވެ. އުނގުތެރޭގައި އޮތް އޭނާގެ ދެއައްތިލަ ފިނިވެ ދާހިއްލަން ފެށިއެވެ. އެފަދަ ތަނެއްގައި އިމްރާން އެގޮތަށް އެ ކަންތައްކުރީ ޒާރާ ލަދުގަންނަވަން ކަމުގައި އޭނާއަށް ހީކުރެވުނެވެ. އަތިރިމަތީގައި އެއްވެފައިވާ އެންމެންގެ ލޯތައް ޒާރާ އަށް އަމާޒު ވެފައި ހުރެދާނެއޭ ހީވެ، އިތުރަށް ކަންބޮޑުވާގޮތް ވިއެވެ. ބޭއިޚްތިޔާރުގައި ވަށައިގެން ހޯދާލެވުނެވެ.
''ޒާރާ...... އަހަރެން ބޭނުން ޒާރާ ގާތު ވާހަކައެއް.....'' އިމްރާނުގެ ޖުމްލަ ފުރިހަމަ ވުމުގެ ކުރިން ޒާރާ ތެދުވެއްޖެއެވެ. ކުރިއަށް އެޅި ފިޔަވަޅު ހުއްޓުނީ އޭނާގެ އަތުގައި އިމްރާން ހިފުމުންނެވެ. އެ ފިނި ފިނި އަތުގައިވާ ތުރުތުރު އެޅުން އިމްރާންނަށް އިހްސާސް ކުރެވުނުހިނދު ޒާރާގެ މައުސޫމް ކަން ހިތަށް ވެރިވެގެން ދިޔައެވެ. އެ އަތުން ދޫކޮށްލީ ޒާރާ ހިތްހަމަ ނުޖެހިދާނެތީއެވެ. އެ އަތުން ދޫކޮށް ނުލުމަށް ގޮވަމުން ދިޔަ އޭނާގެ އަމިއްލަ ހިތަށް ބީރުކަންފަތެއް ދީފައެވެ. އިމްރާނުގެ ހިތުގައި ޒާރާގެ މައްޗަށް އޮތް ލޯބި އެތަށް ގުނައަކަށް އިތުރުވެގެންދިޔައީ އެ ލަދުވެތި އަދާ ތަކުގެ ސަބަބުންނެވެ.
''ޒާރާ ދެކެ އަހަރެން ވަރަށް ލޯބިވޭ.......'' އިމްރާން ވަރަށް ހިތްވަރުގަދަ އެވެ. ޒާރާގެ ފައި ދަށުން ބިންގަނޑު ދެމިގަތްހެން އޭނާއަށް ހީވިއެވެ. ލިބުނު ސިހުމުގައި ފަހަތުގައި ހުރި އިމްރާންގެ މޫނަށް ބަލާލެވުނީ ހައިރާންކަން އެކުލެވިފައިވާ ބެލުމަކުންނެވެ.
'' އަހަރެން ޒާރާދެކެ އިންތިހާއަށް ލޯބިވަން.... އަހަރެންގެ ލޯބި ގަބޫލު ކުރާނެކަމަށް އުންމީދު ކުރަން........ޒާރާ ފެނުނު ފުރަތަމަ ވަގުތުން ފެށިގެންވެސް..........'' އިމްރާނުގެ ވާހަކަތައް އަޑުއެހުމަށް ޒާރާ މަޑެއް ނުކުރިއެވެ. ދެފަޔަށް ބާރުލާފައި ގެއާއި ދިމާލަށް ޒާރާ ހިނގައިގަތެވެ. އިމްރާނާ ދިމާލަށް ބަލާލުމެއްވެސް ނެތިއެވެ.
'' ތި ސޫރަވަނީ އަހަރެންގެ ހިތުން ޖާގަ ހޯދާފައި.... ޒާރާ އަހަރެން ޒާރާދެކެ ވަރަށްބޮޑަށް ލޯބިވަން.......'' އަޑު އަހާނެ މީހަކު ނެތް ނަމަވެސް އިމްރާނުގެ ހިތުގެ އަޑު ދުލުން ބޭރުވީ އެއްވެސް އިޚްތިޔާރެއް ނެތިއެވެ. ދުރަށް ހިންގަމުންދާ އޭނާގެ ހިތުގެ ހަމަޖެހުން ކަމުގައިވާ ޒާރާގެ ސޫރައަށް ނަޒަރު ހުއްޓާލައިގެން ހުރި އިރު އެ މޫނުމަތިން ފެންނަނީ އިންތިހާ ލޯތްބާ ކުލުނުން ފުރިފައިވާ އަސަރުތަކެކެވެ. ލޮލުގައި ވިދަމުންދާ ކަރުނަ އިން ދޭހަވަނީ ޒާރާދެކެ އިމްރާން ވަމުންދާ ހަޤީޤީ ލޯބީގެ ގަދަފަދަ ކަމެވެ. މާޔޫސް ކަމުގައި އިސްދަށަށް ޖަހާލެވުނީ ޒާރާ ކަންތައް ކުރިގޮތުން ހިތަށް ލިބުނު ބަޔާން ނުކުރެވޭ ވޭނެއްގެ ސަބަބުންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް