ކޯވިޑް-19 އަށް ޓެސްޓު ކުރާ ލެބޯޓަރީތަކަށް ބާރުބޮޑުވެ މާލޭގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކަށް ދައްކާ ހުރިހާ އެންމެން ވައިރަހަށް ޓެސްޓު ކުރުން ހުއްޓާލައިފި އެވެ.
ކޯވިޑް-19 އާންމުންގެ މެދުގައި ފެތުރެން ފެށުމުގެ ކުރިން އެޗްޕީއޭއިން ވަނީ މާލޭގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކަށް ދައްކާ އެންމެން ޓެސްޓު ކުރަން ފަށާފައި އެވެ. އެއީ ބަލި ފެތުރޭތޯ ބަލައި ފެތުރޭ މިންވަރު ދެނެގަތުމަށެވެ.
މިރޭ ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ކޮންމެ ދުވަހަކު އެތައް ސާމްޕަލްއެއް ނެގެމުންދާއިރު އޭގެ ތެރޭގައި އައިޖީއެމްއެޗުގައި އެޑްމިޓް ކުރާ މީހުން، ރެންޑަމް ސާމްޕަލާއި ޕޮސިޓިވްވާ މީހުންނާއި، އެމީހުންނާއި ގުޅުން ހުރި މީހުންގެ އިތުރުން ފްލޫ ކްލިނިކަށް ދައްކާ މީހުންގެ ސާމްޕަލްތައް ހުރުމުން ލެބްތަކަށް ބާރު ބޮޑުވެފައިވާ ކަމަށެވެ. އެހެންވެ ޓެގް ޓީމުން ނިންމާފައިވަނީ ފްލޫ ކްލިނިކަށް ދައްކާ އެންމެން ޓެސްޓު ނުކުރާ ގޮތަށް ކަމަށް އޭނާ ވިދާޅުވި އެވެ.
އެ އުސޫލަށް އަމަލު ކުރަން ފެށީތާ މިހާރު ހަފްތާއެއްވަރު ވެފައިވާކަން ފާހަގަ ކުރައްވާ މަބްރޫކް ވިދާޅުވީ ފްލޫ ކްލިނިކަށް ދައްކާ މީހުންގެ ތެރެއިން މިހާރު ޓެސްޓު ކުރާނީ ފަރުވާ ދޭ ޑޮކްޓަރަކު ކަނޑައަޅާ ބަޔަކު ކަމަށެވެ. އެގޮތުން މިއަދު159 މީހަކު ފްލޫ ކްލިނިކްތަކަށް ދެއްކި އިރު ބައްޔަށް ޓެސްޓު ކޮށްފައިވަނީ83 މީހުން ކަމަށް ވިދާޅުވި އެވެ.
މާލެ ތެރޭގަ ބަލި އުޅޭކަން އެނގުނީ ފްލޫ ކްލިނިކަށް ޑޮކްޓަރަށް ދައްކަން ދިޔަ މީހަކު ޓެސްޓު ކުރުމުންނެވެ.
މިހާރު ކޯވިޑް-19 އަށް ޓެސްޓު ކުރެވެނީ އައިޖީއެމްއެޗުގައި ހުންނަ ދެ މެޝިނަކާއި ފުލުހުންގެ ފޮރެންސިކް ލެބޯޓަރީގައި ހުންނަ މެޝިނަކުންނެވެ. އެ ތިން މެޝިނުން ޓެސްޓު ކުރެވެނީ ކޮންމެ ދުވަހަކު ގާތްގަނޑަކަށް300-400 އާއި ދެމެދުގެ ސާމްޕަލް އެވެ.
އަންނަ ހަފްތާގައި އޭޑީކޭ ހޮސްޕިޓަލަށް ގެނައި ކޯވިޑް-19 އަށް ޓެސްޓު ކުރާ މެޝިން ބޭނުން ކުރަން ފަށާނެ އެވެ. އެ މެޝިން ބޭނުން ކުރަން ފެށުމުން އިތުރު500 ސާމްޕަލް ޓެސްޓު ކުރަން ފެށޭނެ ކަމަށް ބުނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް