މާލޭގައި ރަށްރަށަށް ނުދެވި މީހުން ތާށިވެފައި ތިބި މައްސަލައިގާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ކެތްތެރިކަން ކޮޅުންލައިގެންދާތަން ފެނިވަޑައިގަންނަވާކަމަށާއި އެމަނިކުފާނުގެ ކެތްތެރިކަންވެސް ހިފެހެއްޓޭނީ ވަކި މިންވަރަކަށް ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ މިއަދުގެ ޖަލްސާގައި ފުވައްމުލަކު މެދުދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ ދެއްކެވި ވާހަކަފުޅަކާއި ގުޅިގެން ދެއްކެވި ވާހަކަފުޅެއްގައެވެ.
މެމްބަރު ފާހަގަކުރެއްވީ ރަށްރަށަށް މީހުން ފޮނުވުމުގައި ޖެންޑަރ މިނިސްޓްރީން އަމަލުކުރަމުންދަނީ އެކުވާލި އުސޫލާ ހިލާފަށް ކަމަށެވެ. އަދި މާލޭގައި ހައްޔަރުކޮށްގެން ބަނދެފައި ކޮޓަރީގައި ތަޅުލެވިގެން ތިބ ތިބުން ނިމުމަކަށް ގެނެސް ރައްޔިތުންނަށް ރަށަށް ދެވޭނެ ގޮތެއް ހޯދައިދޭންޖެހޭކަން މެމްބަރު ފާހަގަކުރެއްވިއެވެ.
ރައީސް ނަޝީދު ވިދާޅުވީ ވަރަށް ގިނަ މީހުން ހާލުގައި އެބައުޅޭ ކަމަށާއި މިކަމަށް ހައްލެއް ހޯދުން އެއީ މުހިންމުކަމެއްގެ ގޮތުގައި ނުފެންނަ ސަބަބެއް ނުފެންނަ ކަމަށެވެ.
"މެމްބަރުން ބާރު ހުންނާނެ ބޭނުންވެވަޑައިގަތީމާ ބޭފުޅުން ބަދަލުކޮށް އިތުބާރު ނެތްކަމަށް ހެއްދެވޭނެ، އެއެއް ނޫން އަމާޒަކީ" ރައީސް ނަޝީދު ވިދާޅުވިއެވެ.
މަޖިލިސް ރައީސް އިތުރަށް ވިދާޅުވީ އިއްޒަތްތެރި ގިނަ މެމްބަރުން ވަކި ގޮތަކަށް ފާހަގަކުރާން ފެށީމ، ސަރުކާރުން އެކަންކަމާ ހަވާލުވެ ތިއްބެވި ބޭފުޅުން އެކަންކަމަށް އަމަލު ނުކުރައްވާ ސަބަބެއް ނުވިސްނޭ ކަމަށެވެ.
މާލޭގައި އެތައް ހާސް ބަޔަކު ތާށިވެފަ ތިބީމާ މިއީ އެތައް ބަޔަކަށް ވަރަށް ބޮޑު ގެއްލުމެއްކަން ރައީސުލްޖުމްހޫރިއްޔާއަށްވެސް އެނގެންވާނެ ކަމުގައިވެސް މަޖިލިސް ރައީސް މިއަދު ވިދާޅުވިއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް