މިހާރު ފެތުރެމުން އަންނަ ކޯވިޑް-19 އަކީ މަރުބައްޔެއް ނޫން ކަމަށާއި މި ބަލީގެ ނުރައްކާތެރިކަން އަޅުގަނޑުމެންނަކަށް ގަބޫލެ ނުކުރެވުނު ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަހުސް މަރުހަލާގައި މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާ ދެއްކެވި ފާހަކަފުޅަކާއި ގުޅިގެންނެވެ.
މެމްބަރު އަލީ ރިޒާ ވިދާޅުވީ ދޮނަކުޅި ފެސިލިޓީގައި ތިބި މީހުންގެ ހާލު ވަރަށް ރަނގަޅު ކަމަށާ އަވަހަށް ޓެސްޓް ހަދައިދީ ދެވަނަ ޓެސްޓެއްވެސް ހަދައިދީ އެމީހުންގެ މަސައްކަތަށް އެނބުރިދާން އެމީހުން ބޭނުންވާކަމަށެވެ.
ރައީސް ނަޝީދު ވިދާޅުވީ ކޯވިޑް-19ގެ ކަންތައް ބިރުވެރި ފިލްމެއްގެގޮތުގައި ޓީވީތަކުން ދައްކަމުން އަންނަތާ މަސްދުވަސް ވެއްޖެ ކަމަށެވެ.
"އެއަށްފަހު ނަރުދޫން 11 މީހުންނަށް ޖެހިއްޖެ، ހަގީގަތުގައި އެމީހުން ގަބޫލެއް ނުކުރި ކަމެއް ވެފާ ތިބި ކަމަކަށްވެސް" ރައީސް ނަޝީދު ވިދާޅުވިއެވެ.
މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ މިއީ ނުރައްކާތެރި ބައްޔެއް ކަމަށް ރާއްޖޭގެ ވަރަށް ގިނަ ރައްޔިތުން ގަބޫލު ނުކުރާ ކަމަށެވެ. އަދި މި ބައްޔަކީ އެ ފާހަގަކުރެވުނު ބާވަތުގެ މަރުބައްޔެއް ނޫން ކަމަށެވެ.
"މަރުބަލީގެ ގޮތުގައި ފާހަގަވާ ބަލިތައް އެބަހުރޭ، ނުރައްކާތެރި ބައްޔެއް، ހާލު ދެރަވާ ހާލު ބޮޑުވާ މީހުންނަށް، އެއީ ވަރަށް މަދު އަދަދެއްގެ މީހުންކަން އެއީ މާތް ރަސްކަލާނގެ ހަޒްރަތުން އަޅުގަނޑުމެންނަށް ލިބިފައިވާ ނަސީބެއް" ރައީސް ނަޝީދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ވަނީ މީގެ ކުރިންވެސް މި ވައިރަހަކީ ނުރައްކާތެރި ވައިރަހެއް ނޫންކަން ސިފަވާގޮތަށް އެތައް ފަހަރެއްގެ މަތިން ވާހަކަފުޅު ދައްކަވާފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް