މިއަހަރުގެ ފިތުރު އީދު ނަމާދުކޮށް އީދު ފާހަގަކުރާނީ ގޭގައި

މިއަހަރުގެ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތާއި މިސްކިތްތަކުގައި ނުކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ. އެ މިނިސްޓްރީން މި ގޮތަށް ނިންމީ ކޯވިޑް-19 އާއި ގުޅިގެން އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅ...

18 May 2020 | 09:20

މިއަހަރުގެ ފިތުރު އީދު ނަމާދު ބޮޑު ޖަމާއަތާއި މިސްކިތްތަކުގައި ނުކުރަން އިސްލާމިކް މިނިސްޓްރީން ނިންމައިފި އެވެ.

އެ މިނިސްޓްރީން މި ގޮތަށް ނިންމީ ކޯވިޑް-19 އާއި ގުޅިގެން އަޅާ ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ގިނަ މީހުން އެއްތަނަކަށް އެއްވުމަށް ފުރުސަތު ނުދިނުމަށެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ސޮއި ކުރައްވާ އެ މިނިސްޓްރީން ނެރެފައިވާ އިއުލާނެއްގައި ބުނެފައިވަނީ އީދު ނަމާދު ބޮޑު ޖަމާއަތުގައި ކުރުމަކީ އިސްލާމް ދީނުގައި ވަރަށް މަތިވެރި ޝިއާރެއް ކަމަށެވެ. އެކަމަކު މިހާރު މުޅި ދުނިޔެއަށް ދިމާވެފައިވާ ބޮޑު ބަލިމަޑުކަމުގެ ވަބާގެ ހާލަތްފަދަ ދަނޑިވަޅެއްގައި ގޭގައި އީދު ނަމާދު ކުރުމަކީ ކުރެވިދާނެ ކަމެއް ކަމަށެވެ.

އެކަމަށް ދަލީލު ދައްކައި އިސްލާމިކް މިނިސްޓްރީން ބުނީ މިފަދަ ޝަރުއީ އުޒުރެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދު ނުކުރެވި ފާއިތުވެއްޖެ ނަމަ އަނަސްގެފާނު ގޭގެ އަހުލުންނާއި އެކު ޖަމާއަތުގައި އީދު ނަމާދު ކުރައްވާކަން ސައްހަ ރިވާޔަތްތަކުން ވާރިދުވެ އައިސްފައިވާ ކަމަށެވެ. މިފަދަ ހާލަތްތަކުގައި ގޭގައި އީދު ނަމާދު ކުރާނީ ޖަމާތުގައިވެސް ކުރާ ގޮތަށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

ގޭގައި އީދު ނަމާދު ކުރާއިރު އަމަލު ކުރަން ޖެހޭ ގޮތާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ބުނީ ހުތުބާއަކީ ބޮޑު ޖަމާއަތުގައި ނަމާދު ކުރާއިރު ކިޔުން ސުންނަތް އެއްޗަކަށް ވިޔަސް ގޭގައި އީދު ނަމާދު ކުރާއިރު ހުތުބާ ކިޔަން ނުޖެހޭނެ ކަމަށެވެ. ބަންގިއާއި ގަމަތް ދިނުމެއްވެސް ނޯންނާނެ އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ ރާއްޖޭގައި އީދު ނަމާދު ކުރާނީ ހެނދުނު7:30 ގައި ކަމަށެވެ. އަދި ނަމާދު ފެށުމުގެ ކުރިންނާއި ފަހުން ތަކުބީރު ކިޔަންވާނެ ކަމަށް ބުނެފައިވެ އެވެ.

އެ މިނިސްޓްރީން ބުނީ އެ މިނިސްޓްރީގެ ނަސޭހަތަކީ ގޭގައި އަޅުކަންތައް އަދާ ކުރަން ޖެހުނަސް ގިނަ ގިނައިން ދުއާކޮށް ނަމާދުކޮށް ހެދުން ކަމަށެވެ. އަދި ގޭގެ އަހުލުންނާއި އެކު ޝަރުއީ ހަމަތަކުގެ މަތިން އީދު ފާހަގަ ކުރުމަށްއެދޭކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް