ކ. އަތޮޅުން އައްޑޫ ސިޓީ ރީނދޫ އެލާޓުގައި: 60 މޭލަށް ވައިޖެހޭނެ ކަމަށް ލަފާކުރޭ

ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ރަށްތަކަށް ރީނދޫ އެލާޓު ނެރެފައިވާ މުއްދަތު އިތުރުކޮށްފި އެވެ. މިހާރު ނެރެފައިވާ ރީނދޫ އެލާޓުގެ މުއްދަތު ވަނީ ހަވީރު5:00 އަށް އިތުރުކޮށްފައި އެވެ. މެޓް އ...

18 May 2020 | 08:35

ކ. އަތޮޅުން ފެށިގެން އައްޑޫ ސިޓީ އާއި ދެމެދުގެ ރަށްތަކަށް ރީނދޫ އެލާޓު ނެރެފައިވާ މުއްދަތު އިތުރުކޮށްފި އެވެ.

މިހާރު ނެރެފައިވާ ރީނދޫ އެލާޓުގެ މުއްދަތު ވަނީ ހަވީރު5:00 އަށް އިތުރުކޮށްފައި އެވެ. މެޓް އޮފީހުން ބުނީ ރީނދޫ އެލާޓު ނެރެފައިވާ ވަގުތުތަކުގައި އެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި ގުގުރާނެ ކަމަށެވެ.

އާންމުކޮށް ވައި ޖެހޭނެ ކަމަށް ލަފާކޮށްފައިވަނީ28 މޭލާއި35 މޭލާއި ދެމެދުގެ ބާރުމިނުގައި އެވެ. އެކަމަކު ވިލާގަނޑުގައި55 މޭލާއި 60 މޭލާއި ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށް ލަފާ ކުރެ އެވެ.

އިއްޔެ ހަވީރުން ފެށިގެން މި ސަރަހައްދުތަކަށް މެޓް އޮފީހުން އޮތީ ރީނދޫ އެލާޓު ނެރެފައި އެވެ. ރީނދޫ އެލާޓު ނެރެނީ ކުރިމަތިވެދާނެ ހާދިސާއަކުން ސަލާމާތްވުމަށް ތައްޔާރީ ހާލަތުގައި ތިބުމަށް އެންގުމުގެެ ގޮތުންނެވެ.

މެޓް އޮފީހުން ބުނީ ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ހުޅަނގު މޫސުމުގެ ވިއްސާރައިގެ އިތުރުން ބޭއޮފް ބެކްގާލްގައި އުފެދިފައިވާ އަމްޕަން ތޫފާނުގެ ނުސީދާ އަސަރެވެ. އެ ތޫފާނު ރާއްޖެއާއި ދުރަށް ދިޔަނަމަވެސް މިއަދަކީ އެ ތޫފާނުގެ ބާރު އެންމެ ގަދަވާނެ ދުވަސް ކަމަށް ލަފާ ކުރެވޭ ކަމަށް މެޓް އޮފީހުން ބުނެ އެވެ.

އެހެންވެ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މިއަދުގެ ވަގުތުތަކުގައި އާދަޔާ ހިލާފަށް ވައި ގަދަވާނެ އެވެ.

މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގަ ރާއްޖޭގެ އެކި ސަރަހައްދުގެ ރަށްތަކަށް ދަނީ ގެއްލުން ވަމުންނެވެ. އެގޮތުން ގޭގޭގެ ފުރާޅު އެއްލާލުމާއި ގަސްތައް ވެއްޓުމާއި ގޭގެއާއި މަގުތަކުގައި ފެންބޮޑުވެ ތަކެއްޗަށް ގެއލުންް ލިބުމުގެ ހާދިސާތައް ހިނގާފައިވެ އެވެ.

މެޓް އޮފީހުން ބުނީ ރައްކާތެރި ގޮތަކީ މިދުވަސްވަރު އެއްގޮތަކަށްވެސް ކަނޑުދަތުރު ނުކުރުން ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް