ކޯވިޑް-19 އާއި ގުޅިގެން ވަޒީފާއަށް އަސަރު ކުރި ފަރާތްތަކުގެ ތެރެއިން ޖޮބް ސެންޓަރުގައި ރަޖިސްޓްރީވެފައި ނުވާ ފަރާތްތަކަށް ފުރުސަތު ދީފި އެވެ.
އިންކަމް ސަޕޯޓު އެލަވަންސްގެ ގޮތުގައި ސަރުކާރުން ދޭން ނިންމާފައިވަނީ5،000 ރުފިޔާ އެވެ. މި އެލަވަންސް ދިނުމަށް ހަމަޖެހިފައިވަނީ އޭޕްރިލް، މެއި އަދި ޖޫން މަހު އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެ ތިން މަހު ސަރުކާރުން ދޭން ހަމަޖެހިފައިވާ އެލަވަންސް ހޯދުމަށް އެދޭ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ރަޖިސްޓްރީވެފައި ނުވާ ފަރާތްތަކަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
މި އެލަވަންސް ލިބޭނީ ކޯވިޑްގެ ހާލަތާއި ގުޅިގެން ވަޒީފާއިން ވަކި ކުރި މީހުން، ސަސްޕެންޑު ކުރި މީހުން، ނޯ ޕޭއަށް ފޮނުވާލި މީހުން އަދި މުސާރައިން ބައެއް އުނިކުރި މީހުންނާއި އަމިއްލަ މަސައްކަތް ކުރާ މީހުންނަށެވެ. އަމިއްލަ މަސައްކަތް ކުރާ މީހުންނާއި މުސާރައިން ބައެއް އުނި ކުރި މީހުންގެ ތެރެއިން އެލަވަންސް ނިދުމަށް ހަމަޖެހިފައިވަނީ5،000 ރުފިޔާގެ އާމްދަނީ ނުލިބޭ މީހުންނަށާއި އެއަށްވުރެ ދަށުން ލިބޭނެ ނަމަ5،000 ރުފިޔާއަށް މަދުވާ ބައި ހަމަކޮށްދީގެންނެވެ.
އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ އެލަވަންސްއަށް ޝަރުތު ހަމަވާ މީހުންގެ ތެރެއިން މިދިޔަ މާޗް މަހާއި އޭޕްރިލް މަހު އާމްދަނީއަށް އަސަރުކޮށްފައިވާ މީހުން މިމަހުގެ30 ގެ ކުރިން ރަޖިސްޓްރީ ކުރަން ވާނެ ކަމަށެވެ. އަދި މިމަހު އާމްދަނީއަށް ނުރަނގަޅު އަސަރު ކުރަން ފެށި މީހުން އަންނަ ޖޫން މަހުގެ ހަތް ވަނަ ދުވަހުގެ ރަޖިސްޓްރީ ކުރަން ވާނެ ކަމަށާއި ޖޫން މަހު އާމްދަނީއަށް އަސަރު ކޮށްފައިވާ ފަރާތްތަކުން ޖުލައި ހަތް ވަނަ ދުވަހުގެ ކުރިން ރަޖިސްޓްރީ ކުރަން ވާނެ ކަމަށެވެ.
އެލަވަންސް އަށް އެދޭ ފަރާތްތަކުން ޖޮބް ސެންޓަރުގެ ވެބްސައިޓުގައިވާ އޮންލައިން ފޯމު ފުރޭނެ އެވެ. އެ ފޯމު ފުރަން އުޒުރުވެރިވާނަމަ ފޯމް ފުރުމަށް ފަހު އީމެއިލްވެސް ކުރެވޭނެ އެވެ. އީމެއިލް ކުރަން ޖެހެނީ [email protected] އަށެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ އެލަވަންސް ދޭނީ މަޖިލީހުން މިކަމާއި ގުޅޭ ބިލު ފާސްކުރުމުން ކޮންމެ މަހެއްގެ15 ވަނަ ދުވަހުގެ ކުރިން ކަމަށެވެ. އިންކަމް ސަޕޯޓު އެލަވަންސް ލިބޭނީ ދިވެހިންނަށް އެކަންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް