އޭޑިކޭ ހޮސްޕިޓަލް ލެބް ޓެކްނީޝަނުން ފުލުހުންގެ ލެބްގަ ތަމްރީން ހޯދަން ފަށައިފި

ކޯވިޑް-19 އަށް ޓެސްޓު ކުރަން ފެށުމުގެ ކުރިން އޭޑީކޭ ހޮސްޕިޓަލްގެ ލެބޯޓަރީ ޓެކްނީޝަނުން ތަމްރީން ހޯދަން ފަށައިފި އެވެ. އޭޑީކޭއިން މިދިޔަ ހަފްތާގައި ކޯވިޑަށް ޓެސްޓު ކުރެވޭ މެޝިނެއް ރާއްޖެއަށް ގެނެސްފައި...

18 May 2020 | 06:01

ކޯވިޑް-19 އަށް ޓެސްޓު ކުރަން ފެށުމުގެ ކުރިން އޭޑީކޭ ހޮސްޕިޓަލްގެ ލެބޯޓަރީ ޓެކްނީޝަނުން ތަމްރީން ހޯދަން ފަށައިފި އެވެ.

އޭޑީކޭއިން މިދިޔަ ހަފްތާގައި ކޯވިޑަށް ޓެސްޓު ކުރެވޭ މެޝިނެއް ރާއްޖެއަށް ގެނެސްފައިވާއިރު ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެ މެޝިނުން ޓެސްޓު ކުރަން ފެށޭނެ ކަމަށް ބުނެފައިވެ އެވެ. ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ވަނީ އެ ހޮސްޕިޓަލްގެ ޓެކްނީޝަނުން ތަމްރީންކޮށް ކިޓްތައް ދިނުމުގެ އިތުރުން އިތުރު ގޮތްގޮތުން ސަރުކާރުގެ އެހީތެރިކަން ލިބޭނެ ކަމަށް ހާމަކޮށްފައި އެވެ.

މިއަދު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އޭޑީކޭ ހޮސްޕިޓަލްގެ ހަތަރު ލެބް ޓެކްނީޝަނުން ފުލުހުންގެ ފޮރެންސިކް ލެބޯޓްރީގައި ކޯވިޑަށް ޓެސްޓުކުރުމުގެ ތަމްރީން ހޯދަމުންދާ ކަމަށެވެ. އަދި އެޓީމު ކުރަމުންދާ މަސައްކަތަށް ފަހުރުވެރިވާ ކަމަށެވެ.

އޭޑީކޭ ހޮސްޕިޓަލްގެ އިތުރު މުވައްޒަފުން އައިޖީއެމްއެޗުގައި ތަމްރީން ކުރާކަން އަދި ހާމައެއް ނުކުރެ އެވެ.

ސީޕީ ހަމީދު ވިދާޅުވީ ފުލުހުންގެ ފޮރެންސިކް ޓީމްގައި ކޯވިޑް ސާމްޕަލްތައް ޓެސްޓު ކުރަން21 އޮފިސަރަކު ހަރަކާތްތެރިވަމުންދާ ކަމަށެވެ. އެ ޓީމާއި ހަވާލު ކުރެވޭ ސާމްޕަލްތައް ކަނޑައެޅިފައިވާ ސުންގަޑިއަށް ނިންމުމަށް ބުރަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ސީޕީ ހަމީދު ވިދާޅުވި އެވެ.

މިހާރު ރާއްޖޭގައި ކޯވިޑަށް ޓެސްޓު ކުރަނީ ފުލުހުންގެ ފޮރެންސިކް ލެބްގައި ހުރި މެޝިނެއްގެ އިތުރުން އައިޖީއެމްއެޗުގައި ހުރި ދެ މެޝިނަކުންނެވެ. އެ ތިން މެޝިނުން ދުވާލަކުު ޓެސްޓު ކުރެވެނީ 300-400 އާއި ދެމެދުގެ ސާމްޕަލްއެއްވެ.

އެންއީއޯސީން ބުނީ އޭޑީކޭ މެޝިނުން ޓެސްޓު ކުރަން ފެށުމުން އިތުރު500 ސާމްޕަލް ކޮންމެ ދުވަހަކު ޓެސްޓު ކުރެވޭނެ ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް