ކޯވިޑް-19 އަށް ޕޮސިޓިވްވެގެން ފަރުވާ ދެމުންދާ23 ފުލުހުންގެ ހާލު ރަނގަޅުކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ސީޕީ ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޕޮސިޓިވްވެގެން އައިސޮލޭޝަން ފެސިލިޓީތަކުގައި ތިބި ހުރިހާ ފުލުހުންނަށް ވަކިވަކިން ގުޅުއްވައި ހާލު ބައްލަވާފައިވާ ކަމަށެވެ. ސީޕީ ވިދާޅުވީ ޕޮސިޓިވްވެފައިވާ ފުލުހުންނާއި ގުޅުން ހުރި ފުލުހުންގެ ތެރެއިން293 ފުލުހަކު ތިބީ ބަލި ފެތުރުމުގެ ފުރުސަތު ކުޑަކުރުމުގެ ގޮތުން އެކަހެރި ކުރެވިފައި ކަމަށެވެ.
އޭނާ ވިދާޅުވީ ފުލުހުން ވައިރަސްގެ ނުރައްކަލަށް ހުށަހެޅުމުގެ ފުރުސަތު ކުޑަކުރުމަށް ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށެވެ. ހަމީދު ވަނީ ނުރައްކާތެރި މި ދަނޑިވަޅުގައި ފުލުހުން ދައްކަމުންދާ ހިތްވަރަށް ޝުކުރު އަދާކޮށް ތައުރީފު ކުރައްވާފައި އެވެ.
ކޯވިޑް-19 އާއި ގުޅިގެން މާލެ ލޮކްޑައުން ކުރި ފަހުން ފުލުހުން އާއިލާތަށް ކައިރިޔަށް ދިއުން އޮންނަނީ މަނާ ކުރެވިފައި އެވެ. އެއީ ރައްކާތެރިކަމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެކެވެ.
https://twitter.com/M_Hameedh/status/1261999562148978688
މިހާތަނަށް ރާއްޖެއިން1،094 މީހަކު ކޯވިޑަށް ޕޮސިޓިވްވެފައިވާއިރު ފުލުހުންނާއި އެކު ނުރައްކަލަށް ހުށަހެޅިގެން ނުވަތަ ފްރޮންޓް ލައިންގައި މަސައްކަތް ކުރާ199 މީހަކު ވަނީ ވައިރަހަށް ޕޮސިޓިވްވެފައި އެވެ. އެޗްޕީއޭއިން ބުނީ އެ އެންމެންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
މިހާތަނަށް ރާއްޖެއިން ބަލި ޖެހުނު މީހުންގެ ތެރެއިން59 މީހަކު ރަނގަޅުވެފައިވާއިރު އޭގެ ތެރޭގައި ބަލި ޖެހުނު ސިފައިން ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް