މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ގުޅޭގޮތުން ދޮގު ވާހަތަކެއްދެއްކި މީހެއްގެ މައްސަލަ ތަހުގީގުކޮށް ދައުވާ ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުން ފުލުހުންގެ ކިބައިން އެދެފި އެވެ.
އެ އިދާރާ އިން ރޭ ނެރުނު ބަޔާނެއްގައިވާ ގޮތުން، ނަޝީދުގެ އިސްތަށިފުޅުގައި ދޮގު އިލްޒާމް އެޅުވީ ރ. އަނގޮޅިތީމު، ޖީޒާގެ އިބްރާހިމް އަލީ ނަމަކަށް ކިޔާ މީހެކެވެ. އޭނާ ވަނީ ނަޝީދު، ކީރިތި ރަސޫލާއާ މެދު އިހާނެތި ބަސް ވިދާޅުވެފައިވާ ކަމަށް ބުނެ ވާހަކަދައްކާފައި އެވެ. އެ ވީޑިއޯ ދަނީ ސޯޝަލް މީޑީއާގައި ދައުރުވަމުންނެވެ.
މި މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ އިދާރާ އިން ނެރުނު ބަޔާނުގައި ބުނީ، އިބްރާހިމް އަލީގެ އިންޓަވިއު ބްރޯޑްކާސްޓް ކުރި ޗެނަލްގެ މައްޗަށްވެސް ޖިނާއީ ދައުވާ ކޮށްދިނުމަށް އެދިފައިވާނެ ކަމަށެވެ. ބައެއް މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި އެ ވީޑިއޯ އަކީ2013 ވަނަ އަހަރު ނަގާފައިވާ ވީޑީއޯއެކެވެ.
މަޖިލީހުގެ އިދާރާ އިން ބުނީ، ނަޝީދު ދެކެވަޑައިގަންނަވާ ގޮތުގައި، ދީނީ އެއްބައިވަންތަކަން ގެއްލޭ ގޮތަށް މިފަދަ ވާހަކައެއް ދެއްކުމުގެ މަގްސަދަކީ އެ މަނިކުފާނު ގަތުލުކޮށް، ލޭ ހުއްދަ ކަމަށް ދެއްކުމެވެ.
ގާނޫނުލްއުގޫބާތުގެ 617 ވަނަ (ހ) ގެ (5) ގައި ބަޔާންކޮށްފައިވާ ގޮތުން، ރައްޔިތުންގެ މެދުގައި ދީނީ އެއްބައިވަންތަކަން ނަގާލުމަށް މަސައްކަތްކޮށް، މީހުންގެ މެދުގައި ދީނީ ބައިބައިވުން އުފެދޭ ގޮތަށް ވާހަކަ ދެއްކުމާއި އެފަދަ އަމަލުތައް ކުރުމަކީ ޖުނަހްގެ 1 ވަނަ ދަރަޖައިގެ ކުށެކެވެ.
އެ މީހާގެ މި ވާހަކަތައް ކުށްވެރިކޮށް އެމްޑީޕީންވެސް ބަޔާނެއް ނެރުނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް