ކޯވިޑް-19 ފެތުރުން ހުއްޓުވުމަށް މީގެ ދެ މަސް ކުރިން އިންޑިއާއިން އިއުލާނުކުރި ލޮކްޑައުންގެ މުއްދަތު ހަތަރުވަނަ ފަހަރަށް ދިގުދަންމާލައިފިއެވެ.
މުއްދަތު މިފަހަރު ދިގު ދަންމާލާފައިވަނީ މި މަހުގެ ނިޔަލަށެވެ.
ކޯވިޑް-19 އާއި ގުޅިގެން އިންޑިއާއިން އެންމެ ފުރަތަމަ ލޮކްޑައުން އިއުލާނުކުރީ މާރިޗް މަހުގެ 25 ވަނަ ދުވަހުގައެވެ. އެއަށްފަހު 15 އޭޕްރީލްގައި އެ މުއްދަތު 19 ދުވަހަށް އިތުރުކުރިއެވެ. ތިންވަނަ ފަހަރަށް ލޮކްޑައުންގެ މުއްދަތު އިތުރުކުރީ މިމަހުގެ ހަތަރުވަނަ ދުވަހުގައެވެ. އެއީ 14 ދުވަހަށެވެ. މި 14 ދުވަސް ހަމަވުމުން މިއަދު މުއްދަތު އިތުރު އެކުރީ ހަތަރުވަނަ ފަހަރަށެވެ. މިފަހަރުވެސް އިތުރު އެކުރީ ސާދަ ދުވަހެވެ.
މިކަން އިއުލާނުކުރުމަށްފަހު އިންޑިއާގެ ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފައިވަނީ މި އިތުރު ކުރުމާއެކު ރައްޔިތުން އަމަލުކުރަންވީ އާ އުސޫލުތަކެއްވެސް އިއުލާނުކުރާނެ ކަމަށެވެ. އެއީ އިގްތިސާދީ ދުވެލި ކޮންމެވެސް މިންވަރެއްގައި ކުރިއަށް ގެންދިއުމަށް ކަނޑައެޅޭ އުސޫލުތަކެއް ކަމުގައިވެސް ބުނެފައިވެއެވެ.
އިންޑިއާގައި ލޮކްޑައުން އިއުލާނުކޮށްފައިވަނީ މުޅި ގައުމަށެވެ. ވައިގެ މަގުން ކުރެވޭ ދަތުރުތަކާއި ރޭލު ދަތުރުތައްވެސް ވަނީ މިމަހުގެ ނިޔަލަށް ހުއްޓާލާފައެވެ. ސްކޫލްތަކާއި ހޮޓާ ރެސްޓޯރެންޓްތަކާއި ޝޮޕިން މޯލްތައްވެސް ހުރީ ބަންދުކޮށްފައެވެ. ސިނަމާތަކާއި އަޅުކަންކުރާ އެންމެހާ ތަންތަންވެސް ހުރީ ބަންދުކޮށްފައެވެ.
އިންޑިއާގެ ލޮކްޑައުނަށް މި މަހުގެ ހަތަރެއްގައި ކޮންމެވެސް ވަރެއްގެ ލުޔެއް ދިނެވެ. އެއީ ކަންމަތީ ފިހާރަތައް ހުޅުވުމުގެ ލުޔެކެވެ. ފަގީރު ސަރަހައްދުތަކުގައި ދަނޑުވެރިކަން އަދި ތަރައްގީވަމުން އަންނަ ބައެއް ސަރަހައްދުތަކުގައި އުފެއްދުންތެރިކަން ކުރިއަށް ގެންދިއުމުގެ ހުއްދަވެސް ކޮންމެވެސް މިންވަރަކަށް ދީފައިވެއެވެ. އަދި އެއް ސްޓޭޓު ނުވަތަ އެއް އަވަށުން އަނެއް އަވަށުގައި ތާށިވެފައިވާ މަސައްކަތްތެރިން ގެންދިއުމަށް ކޮންމެވެސް ވަރަކަށް ރޭލު ދަތުރުތައްވެސް ފަށާފައިވެއެވެ.
އިންޑިއާއިން މިހާތަނަށް 95 ހާހަށްވުރެ ގިނަ މީހުން މި ވައިރަހަށް ޕޮޒިޓިވް ވެފައިވެއެވެ. ތިން ހާހަށްވުރެ ގިނަ މީހުން މި ވައިރަހުގައި މަރުވެފައިވާއިރު 36 ހާހަށްވުރެ ގިނަ މީހުން ވަނީ ރަނގަޅުވެފައެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް