އިންތިހާބުގެ ރަސްމީ ނަތީޖާ އަންގާރަ ދުވަހު އިއުލާނު ކުރަނީ

މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުނސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ރަސްމީ ނަތީޖާ އަންނަ އަންގާރަ ދުވަހު އިއުލާނު ކުރަން އިލެ...

18 Apr 2021 | 17:36

މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުނސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބުގެ ރަސްމީ ނަތީޖާ އަންނަ އަންގާރަ ދުވަހު އިއުލާނު ކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމައިފި އެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނު ކޮށް ނިންމީ ރޭގެ ވަގުތެއްގައި އެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ ގާނޫނުގައި ބުނެފައިވާ މުއްދަތުގައި ރަސްމީ ނަތީޖާ އިއުލާނު ކުރާނެ ކަމަށެވެ. އިންތިހާބާއި ބެހޭ ގާނޫނުގައި ބުނެފައިވާ ގޮތުގައި އިންތިހާބު ބާއްވާތާ 14 ދުވަސް ތެރޭގައި ރަސްމީ ނަތީޖާ އިއުލާނު ކުރަން ޖެހޭނެ އެވެ.

އީސީން ބުނީ މިހާރު މަސައްކަތް ކުރަމުން ދަނީ އިންތިހާބާއި ގުޅިގެން ހުށަހެޅިފައިވާ ޝަކުވާތަކަށް ޖަވާބުދީ އެ މައްސަލަތައް ހައްލު ކުރުން ކަމަށެވެ. އަދި ވޯޓު އެއްވަރުވެގެން އިންތިހާބުގެ ދެ ވަނަ ބުރު ބާއްވަން ޖެހޭ ދާއިރާތައް ކަނޑައެޅުމުގެ މަސައްކަތް ކަމަށް ބުނެފައިވެ އެވެ.

ވަގުތީ ނަތީޖާ ދައްކާގޮތުން ދެ ދާއިރާއިއްގެ އިންތިހާބުގެ ދެ ވަނަ ބުރު ބާއްވަން ޖެހެ އެވެ. އެކަމަކު އިލެކްޝަންސް ކޮމިޝަނުން އެކަން ހާމައެއް އަދި ނުކުރެ އެވެ.

ކައުންސިލް އިންތިހާބުގެ ވަގުތީ ނަތީޖާ އިއުލާނުކޮށް ނިމިފައިވަނީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ.

އިންތިހާބުގައި އެމްޑީޕީން، 826 ކެންޑިޑޭޓުން ޕީޕީއެމްއިން 647 ކެންޑިޑޭޓުން، ޖުމްހޫރީ ޕާޓީން 115 ކެންޑިޑޭޓުން،  އަދާލަތު ޕާޓީން 28 ކެންޑިޑޭޓުން، އެމްޑީއޭ އިން 20 ކެންޑިޑޭޓުން، އެމްއާރްއެމް އިން 15 ކެންޑިޑޭޓުން، އެމްއެލްއެސްޑީޕީ އިން ހަތަރު ކެންޑިޑޭޓުން އަދި ޑީއާރުޕީ އިން އެއް ކެންޑިޑޭޓް ވާދަކުރި އެެވެ. އަމިއްލަ ގޮތުން 609 ކެންޑިޑޭޓަކު ވާދަކުރިއެވެ.

މި އިންތިހާބުގައި އެންމެ ގިނަ ގޮނޑި ކާމިޔާބު ކުރީ ވެރިކަން ކުރާ އެމްޑީޕީންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް