އަށް ދުވަސް ތެރޭގައި ވޭމަންޑޫ ކޯވިޑް އަދަދުތައް 50އަށް

ތ. ވޭމަންޑޫން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު 50 އަށް އަރައިފި އެވެ. ވޭމަންޑޫއިން ފުރަތަމަ ޕޮސިޓިވް ކޭސްތައް ފެނުނީ އެ ރަށުގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން...

18 Apr 2021 | 14:58

ތ. ވޭމަންޑޫން ކޯވިޑް-19 އަށް ޕޮސިޓިވްވި މީހުންގެ އަދަދު 50 އަށް އަރައިފި އެވެ.

ވޭމަންޑޫއިން ފުރަތަމަ ޕޮސިޓިވް ކޭސްތައް ފެނުނީ އެ ރަށުގައި ހުންނަ ތ. އަތޮޅު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދެމުން ދިޔަ ދެ މީހަކު އިތުރު ފަރުވާއަށް މާލެ ގެނެސް ޓެސްޓު ކުރުމުންނެވެ. އެ ދެމީހުން ޕޮސިޓިވްވުމުން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިމަހުގެ ނުވަ ވަނަ ދުވަހު އެވެ.

ނޫސްވެރިންންށް މައުލޫމާތު ދެއްވަމުން އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާތިމަތު ނަޒްލާ ރަފީގު ވިދާޅުވީ ވޭތުވެ ދިޔަ އަށް ދުވަސް ތެރޭގައި ނެގުނު ސާމްޕަލްތަކުން ވޭމަންޑޫއިން އިތުރު 50 މީހުން ޕޮސިޓިވްވެފައިވާ ކަމަށެވެ. އެ އެންމެންނަކީ ފުރަތަމަ ކޯވިޑަށް ޕޮސިޓިވްވި ދެ މީހުންގެ ކޮންޓެކްޓުން ކަމަށް ވިދާޅުވި އެވެ.

ވޭމަންޑޫގެ އިތުރުން އެ ކޭސްތަކުގެ ކޮންޓެކްޓުންގެ ގޮތުގައި ބެލެވިގެން ކަރަންޓީންގައި ތިބި އެ އަތޮޅުގެ އިތުރު ހަތަރު ރަށެއްގެ މީހުންނަށް ކޯވިޑް ޖެހިފައިވެ އެވެ. އޭގެ ތެރޭގައި ކިނބިދޫ، މަޑިފުށި، އޮމަދޫ އަދި ގާދިއްފުށި ހިމެނެ އެވެ.

ޑރ. ނަޒްލާ ވިދާޅުވީ ތ. އަތޮޅުން އިތުރު ކޭސްތަކެއް ފެނުމުގެ ފުރުސަތު އަދިވެސް އެބައޮތް ކަމަށެވެ. އަދި ވޭމަންޑޫ ކްލަސްޓާއާ ގުޅުން ނެތް15 މީހަކު ވިލުފުށިންވެސް ޕޮސިޓިވްވެފައިވާ ކަމަށް ވިދާޅުވި އެވެ.

ތ. އަތޮޅުގެ ރަށްތަކުގެ އިތުރުން މިހާރު ގިނަ ބަޔަކު ޕޮސިޓިވްވަމުން ދަނީ އދ. މާމިގިލީ ކްލަސްޓާއިންނެވެ. އެ ކްލަސްޓާއިން މިހާތަނަށް105 މީހަކު ކޯވިޑަށް ޕޮސިޓިވްވެ އެވެ

ފްލޫ ކްލިނިކަށް ދެއްކި މީހަކު ކޯވިޑަށް ޕޮސިޓިވްވެގެން އެ ރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިމަހުގެ ހަތަރު ވަނަ ދުވަހު އެވެ.

ހަލުވިކަމާއި އެކު ކޯވިޑް ފެތުރު ރަށްތައް ކަމަށްވާ ކ. ހުރާ، ޅ. ފެލިވަރު އަދި ނައިފަރުން ޕޮސިޓިވްވާ މީހުންގެ އަދަދު ވަނީ ދަށްވާން ފަށާފައި އެވެ. އެގޮތުން އެންމެ ފަހުން ނައިފަރުގައި މީހަކު ކޯވިޑަށް ޕޮސޓިވްވީ މިމަހުގެ16 ވަނަ ދުވަހު އެވެ. ހުރާއިން އިއްޔެ ދެމީހުން ޕޮސިޓިވްވެފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް