ގިނަ ބަޔަކު އެއްވެގެން ރޯދަ ވިއްލުންތައް ބޭވުންފަދަ ކަންކަން އަދިވެސް ރަނގަޅެއް ނޫން: ޑރ. ނަަޒްލާ

ރޯދަ ވިއްލުންތައް ފަދަ، މީހުން އެއްވެގެން ކުރާ ކަންކަން ކުރުން އަދިވެސް ރަނގަޅެއް ނޫން ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާޠިމަތު ނަަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ. މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައ...

18 Apr 2021 | 09:39

ރޯދަ ވިއްލުންތައް ފަދަ، މީހުން އެއްވެގެން ކުރާ ކަންކަން ކުރުން އަދިވެސް ރަނގަޅެއް ނޫން ކަމަށް އެޗްއީއޯސީގެ ތަރުޖަމާނު ޑރ. ފާޠިމަތު ނަަޒްލާ ރަފީޤް ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޑރ ނަޒްލާ ވިދާޅުވީ، އެކި ތަންތަނުގައި ގިނަމީހުން އެއްވެގެން ރޯދަ ވީއްލުމާއި ތަރާވިސް ކެއުން ފަދަ ކަންކަން ބޭއްވުން އަދިވެސް ރަނގަޅު ނޫން ކަމަށެވެ.

އަދި މާރުކޭޓްތަކާއި ފިހާރަތަކަށް ވެސް އެއްފަހަރާ ވަދެވޭ އަދަދަށްވުރެ ގިނައިން މީހުން ނުވަނުމަށް އިލްތިމާސް ކުރެއްވި ވެއެވެ. އަދި މާސްކު އެޅުމާއި ގައިދުރުކަން ބެހެއްޓުމުގެ މުހިންމުކަން ހަނދާންކޮށްދެއްވަމުން ޑރ ނަޒްލާ ވިދާޅުވީ، ފިހާރަތަކަށް ވަނުމަށްފަހު އެއްޗެހީގައި އަތް ލުމުގެ ކުރިންނާއި، ފިހާރައިން ނުކުތުމަށްފަހުވެސް އަތް ސާފުކުރަން ހަނދާން ކުރަންވާނެ ކަަމަށެވެ.

މީގެ އިތުރުން، ފެރީތަކުގައި ދަތުރު ކުރާ ފަރާތްތަކުން ގައިދުރުކަން ބެހެއްޓުމަށް ސަމާލުވުމަށް ޑރ. ނަޒްލާ އިލްތިމާސްކުރެއްވިއެވެ.

މި ރަމަޞާން މަހާ ބައްދަލު ކުރިއިރުވެސް 'ކޮވިޑް އަހަރެމެންނާ ވަކިނުވާ' ކަމަށް ފާހަގަކޮށް، ޑރ ނަޒްލާ ވިދާޅުވީ ބައްޔަށް ސަމާލުވުމާއި ބަލިން ރައްކާތެރިވުމަށް މަސައްކަތް ކުރުމަކި މިހާރުވެސް ވަރަށް މުހިންމު ކަމެއް ކަމަށެވެ.

މާލޭގެ ކޭސްތައް ވޭދުވެދިޔަ ހަތަރު ހަފްތާގައި މަދުވަމުން އައިކަމަށާއި، އެގޮތުން އެ ހަތަރު ހަފްތާގައި، އެއް ހަފްތާއަށް ވުރެ އަނެއް ހަފްތާ ކޭސްތައް މަދު ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

" އެހެންކަމުން ޖުމުލަ ގޮތެއްގައި ބަލާއިރު މާލޭގެ ކޭކަސްތައް މި އަންނަނީ މަދުވަމުން" ނަޒްލާ ވިދާޅުވިއެވެ.

ޑރ ނަޒްލާ ލަފާކޮށްފައި ވަނީ،  އިތުރަށް ވެކްސިން ޖެހެމުންދާ ވަރަކަށް ކޭސްތައް މަދުވާނެ ކަމަށެވެ. އެހެން ނަމަވެސް، ވެކްސިން ޖެހުމަށްފަހުގައި ވެސް ބަލި ޖެހުމުގެ ކޮންމެވެސް ވަރެއްގެ ފުރުސަތެއް އޮވެއެވެ. ޚާއްޞަކޮށް އެންމެ ގިނައިން ބޭރަށް ނުކުމެ، ތަންތަނަށް ގޮސްް ނުވަތަ ވަޒީފާއަށް ދިއުމާއި ރައްޓެހިންނާ ބައްދަލުކުރަން ދާ އުމުރުގެ މީހުން މިކަމަށް ޚާއްޞަ ސަމާލުކަމެއް ދޭން ޖެހޭކަމަށް ނަޒްލާ ފާހަގަ ކުރެއްވިއެވެ.

މީގެ އިތުރުން ޒުވާން އުމުރުގެ މީހުން ވެކްސިން ޖަހާ މިންވަރު މަދުކަން މިއަދުގެ ޕްރެސްގައި ޑރ. ނަޒްލާ ފާހަގަކުރެއްވިއެވެ.

"އެހެންކަމުން އެ ފަރާތްތަކުން ހަމަ ވެކްސިން ޖެހި ވަރަކަށް، ބަލި ފެތުރުމުގެ ފުރުސަތު ކުޑަވަމުން ދާނީ" ނަޒްލާ އިތުރަށް ވިދާޅުވީ، ވެކްސިން ޖެހުނުކަމަށް ބެލެވޭނީ ދެ ޑޯޒް ފުރިހަމަ ކުރުމުން ކަމަށެވެ.

ނަމަވެސް ފުރަތަމަ ޑޯޒް އާއެކުވެސް ވެކްސިންގެ ހެޔޮ ބަދަލު ފެންނަމުން ދާ ކަމަށާއި، ޚާއްޞަކޮށް ފުރަތަމަ ޑޯޒް އަށް ފަހު ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާދޭ ބަލިމީހުންގެ އަދަދު ނިސްބަތުން ދަށްވާ ކަމަށް ނަޒްލާ ފާހަގަކުރެއްވިއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް