ޞަދަޤާތް ދިނުމަކީ މަތްކަމާއި މަތިވެރިކަމުން ފުރިގެންވާ ހެޔޮ ޢަމަލެކެވެ. ދަރުމައާއި ސަވާބު އިތުރު އަޅުކަމެކެވެ. ހިތްތަކަށް އުފާވެރިކަން ގެނުވައި ގުޅުން ބަދަހިކުރުވާ ރަނގަޅު ކަމަކެވެ. ހާއްސަކޮށް ރަމަޟާން މަހުއެވެ. މިހޭދަ ކުރަނީ މާތް ވެގެންވާ ރަމަޟާން މަސް ކަމަށް ވާތީ މިމައްސަރުގައި ޞަދަޤާތް ދިނުމުގައި މަތިވެރިކަން ދަންނާން ޖެހެއެވެ. އެހެނީ މިބަރަކާތްތެރި މައްސަރަކީ އަބަދާއަބަދު އެންމެނަށް ލިބޭނެ މައްސަރެއް ނޫނެވެ. ވީމާ، އެކެލޭގެފާނުގެ ޢަމަލު ފުޅުން ފިލާވަޅު ލިބިގަތުން މުހިންމެވެ.
ޢައްބާސްގެފާނުގެ ދަރިކަލުން (ޢަބްދު اللَّهِ) رَضِيَ اللَّهُ عَنْهُمَا ގެ ކިބައިން ރިވާ ވެގެންވެއެވެ. އެ ކަލޭގެފާނު ވިދާޅުވިއެވެ. ރަސޫލު اللَّهِ صلى الله عليه وسلم އަކީ މީސްތަކުންކުރެ އެންމެ ދީލަތިފުޅު ސާހިބާއެވެ. ރަމަޟާންމަހު، އެ ކަލޭގެފާނާއި ޖިބުރީލުގެފާނު ބައްދަލު ކުރައްވާ ހިނދު، އެކަލޭގެފާނުގެ ދީލަތިފުޅުކަން އިތުރު ވެގެން ދެއެވެ. އަދި ޖިބުރީލުގެފާނު ރަމަޟާން މަހުގެ ކޮންމެ ރެޔަކު އެކަލޭގެފާނުގެ އަރިހަށް ވަޑައިގެން އިތުރު އެކަލޭގެފާނުގެ އަރިހުން ޤުރްއާން އަޑު އައްސަވައެވެ. ފަހެ، ރަސޫލު اللَّهِ صلى الله عليه وسلم ގެ އަރިހަށް ޖިބުރީލުގެފާނު ވަޑައިގަންނަވާ ހިނދު، އެކަލޭގެފާނުގެ ހެޔޮ ޢަމަލުފުޅު ތައް އިތުރުވެ، ޖެހެމުންދާ ވައިރޯޅި އަށްވުރެ ވެސް އެކަލޭގެފާނުގެ ދީލަތިފުޅު ކަން އިތުރުވެއެވެ.
ވަޞިއްޔަތް ކުރަމެވެ. ޞަދަޤާތް ދިނުމުގައި ﷲ ގެ ރުހި ވޮޑިގަތުމާއި ޘަވާބު ލިބިގަތުން ފިޔަވައި އެހެން ކަމެއް ހިތުގައި ނުބާއްވާށެވެ. ﷲ ކީރިތި ޤުރުއާނުގެ ސޫރަތުލް އިންސާނުގެ 7 ވަނަ އާޔަތުގައި ވަޙީ ކުރައްވާފައި ވަނީ "އެތަކެއްޗަށް ލޯބި ހުރުމާ އެކުވެސް، މިސްކީނުންނާއި، ޔަތީމުންނާއި، ހައްޔަރު ވެފައިވާ މީހުންނަށް އެއުރެން ކާތަކެތި ކާންދެތެވެ. (ބުނަމުންނެވެ.) ތިމަންމެން ތިޔަބައިމީހުންނަށް ކާންދޭކަން ކަށަވަރީ، اللَّه ގެ وجه ފުޅަށްޓަކައެވެ. ތިޔަބައިމީހުންގެ ކިބައިން އެކަމުގެ އުޖޫރައެއް، އަދި ޝުކުރެއް ވެސް ތިމަންމެން ނޭދެމުއެވެ." މި ފަދައިނެވެ.
ޞަދަޤާތަކީ އަޅާގެ އީމާންކަން ފުރިހަމަ ވެގެންވާ ކަމުގެ ދަލީލެވެ. ހަމަ ކަށަވަރުން ﷲ ކީރިތި ޤުރުއާނު ގައި ތަޤުވާވެރި މުއުމިނުންގެ ސިފަ ބަޔާން ކުރައްވަމުން ވަޙީ ކުރައްވާފައި ވަނީ الم މިއީ އެ ފޮތެވެ. އެ ފޮތާ މެދަކު ޝައްކެތް ނެތެވެ. (މިފޮތަކީ) تقوى ވެރިންނަށްހުރި ހިދާޔަތެކެވެ. އެއުރެންނީ، ޣައިބަށް އީމާންވާ، އަދި ނަމާދު ގާއިމް ކުރާ، އަދި ތިމަން ރަސްކަލާނގެ އެއުރެންނަށް ދެއްވި ތަކެތިން ހޭދަކުރާ މީހުންނެވެ. އީމާން ކަމުގެ އަހުލުވެރިންގެ ސިފަތަކުގެ ތެރެއިން ﷲގެ ރުހިވޮޑިގަތުން ލިބިގަތުމަށްޓަކައި ޞަދަޤާތް ދިނުމާއި ޒަކާތް ދިނުން ހިމެނެއެވެ. އެހެނީ އެކަމުގައި ހިދާޔަތާއި ޙަޔާތުގެ އަނދިރިކަމުން އަލި ނޫރު ލިބިގެންވެއެވެ. އިމާމު މުސްލިމުގެ ރިވާޔަތެއްގައިވާ ރަސޫލާ صلى الله عليه وسلم ގެ ޙަދީޘް ފުޅެއްގެ މާނާގައި ވެއެވެ. ޞަދަޤާތަކީ، އަޅާގެ އީމާންކަން ފުރިހަމަ ކަމުގެ ހެއްކެކެވެ.
ދަންނާށެވެ. ރަމަޟާން މަހުގައި، މާތްﷲ، އަޅުގަނޑުމެން މުސްލިމުންގެ މައްޗަށް ރޯދަހިފުން ފަރުޟު ކުރައްވައިފައިވާ ފަދައިން، އެހެން ކަމެއްވެސް ފަރުޟު ކުރައްވައިފައިވެއެވެ. ފިޠުރު ޒަކާތަކީ، ކޮންމެ މުސްލިމަކު، ތިމާއާއި، ތިމާ ޚަރަދުކުރަން ޖެހޭ މީހުން، ޢީދު ވިލޭރެއާއި، ޢީދު ދުވަހު ކާނޭ ތަކެތި ހުރެފައި، އިތުރަށް ހުރި އެއްޗަކުން ތިމާއާއި ތިމާ ޚަރަދު ދިނުން ލާޒިމު އެންމެންގެ ފަރާތުން، ތިމާ ދިރިއުޅޭ މުޖުތަމަޢުގެ ފަޤީރުންނަށް ދިނުން، ފަރުޟު ކުރައްވައިފައިވާ އެއްޗެކެވެ. ކީރިތި ރަސޫލާގެ ސުންނަތުން ޘާބިތުވެފައިވާ ގޮތުގައި، ފިޠުރު ޒަކާތް ފަރުޟު ކުރެވުނީ، ހިޖުރައިން ދެވަނަ އަހަރުއެވެ. އެއީ، ރަމަޟާންމަހުގެ ރޯދަވެސް، ފަރުޟު ކުރެވުނު އަހަރެވެ.
ފިޠުރު ޒަކާތަކީ، ކޮންމެ މުސްލިމް ފިރިހެން އަންހެން، ކުދި ބޮޑު އެންމެންގެ މައްޗަށްވެސް، ފަރުޟު ކުރައްވައިފައިވާ ކަމެކެވެ. މިކަން ބަޔާންކުރައްވާ، ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްފުޅު ކުރައްވައިފައިވާ ކަމަށް، (عَبْدُ الله إبْن عُمَر) ރިވާ ކުރައްވައިފައިވާ ބަސްފުޅެއްގެ މާނާގައިވެއެވެ. "ހަމަކަށަވަރުން، ރަސޫލުﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ، މީސްތަކުންގެ މައްޗަށް ރަމަޟާންމަހު، ފިޠުރު ޒަކާތް ފަރުޟު ކުރައްވާފައިވެއެވެ. އެއީ ކަދުރުން ނުވަތަ ގޮދަނުން، ޞާޢެއްގެ މިންވަރެވެ. މުސްލިމުންކުރެ ކޮންމެ ފިރިހެނަކާއި، އަންހެނެއްގެ މައްޗަށާއި، މިނިވަނުންނާއި، އަޅުންގެ މައްޗަށްވާ ވާޖިބެކެވެ."
އެހެން ކަމުން މި މަހުގައި ވީ ވަރަކުން ޞަދަޤާތް ކުރާށެވެ. އަދި ފިތުރު ޒަކާތް ދައްކަވާށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް