ވިޔަފާރި އުސޫލުން އެސައިމެންޓް ހަދައިދޭ ނަމަ ޖޫރިމަނާކުރަނީ

މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަ ކުރަން ޖެހޭ މަސައްކަތެއް އެހެން ފަރާތެއް މެދުވެރިކޮށް ކުރުވުން ނުވަތަ އެހެން ފަރާތަކަށް އަގުދީގެން ކ...

18 Apr 2021 | 08:36

މަތީ ތައުލީމު ފޯރުކޮށްދޭ މަރުކަޒެއްގައި ތައުލީމު ހާސިލު ކުރަމުންދާ ދަރިވަރަކު އަމިއްލައަށް ފުރިހަމަ ކުރަން ޖެހޭ މަސައްކަތެއް އެހެން ފަރާތެއް މެދުވެރިކޮށް ކުރުވުން ނުވަތަ އެހެން ފަރާތަކަށް އަގުދީގެން ކުރުވުމަކީ ކުށެއް ކަމަށް ކަނޑައަޅަން މަތީ ތައުލީމުގެ ބިލުގައި ހިމަނައިފި އެވެ.

ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅާފައިވާ މަތީ ތައުލީމުގެ ބިލު ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއިން ވަނީ ދިރާސާކޮށް ނިންމާ ތަޅުމަށް ފޮނުވާފަ އެވެ.

މި ބިލުގައި  ދަރިވަރުގެ މަސައްކަތް އެހެން ފަރާތެއް ލައްވައި ކުރުން ނުވަތަ ކޮށްދޭން ހުށަހެޅުން އެއީ ކުށެއް ކަމަށް ވަނީ ހިމަނާފަ އެވެ.

ބިލުގައި ބުނެފައިވަނީ ދަރިވަރު ފުރިހަމަ ކުރަން ޖެހޭ މަސައްކަތެއް އެހެން މީހެއް ލައްވައި އަގު ދީގެން ނުވަތަ އަގު ނުދީވިޔަސް ކުރުވުމަކީ ކުށެއް ކަމަށެވެ. އެ ކުށުގެ އަދަބެއްގެ ގޮތުން 5000 ރުފިޔާއިން ޖޫރިމަނާ ކުރަން ބިލުގައި ވަނީ ހިމަނާފަ އެވެ.

އޭގެ އިތުރުން އަމިއްލައަަށް އަގު ހުށަހަޅައިގެން ވިޔަފާރިއެއް ގޮތުގައި އެސައިންމެންޓް ހެދުމުގެ މަސައްކަތް ކޮށްދިނުމަކީވެސް ކުށެއް ކަމަށް ބިލުގައި ވަނީ ހިމަނާފަ އެވެ. އެފަދަ ފަރާތެއް 10،000 ރުފިޔާއިން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލުގައި ވަނީ ހިމަނާފަ އެވެ.

އެފަދަ އަމަލެއް ދަރިވަރު ހިންގިތޯ ބެލުމަށް، އެކަށިގެންވާ ނިޒާމެއް މަތީ ތައުލީމު ފޯރުކޮށްދޭ ތަންތަނުގައި ގާއިމް ކުރަން ވާނެ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ. އަދި އެފަދަ އަމަލެއް ދަރިވަރު ހިނގައިފި ނަމަ ބިލުގައި ބަޔާން ކުރާ ފިޔަވަޅުގެ އިތުރުން މަތީ ތައުލީމު ދޭ މަރުކަޒުން އަޅަން ޖެހޭ ފިޔަވަޅުތައް އެޅޭނެ ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ.

ބިލުގައި އެ މާއްދާ ހިމެނި ސަބަބެއް ކަމަށް ބިލުގައި ބުނެފައިވަނީ މަތީ ތައުލީމު ހޯދާ ދަރިވަރުން އަމިއްލައަށް ފުރިހަމަ ކުރަންޖެހޭ އެސައިންމެންޓް ފަދަ މަސައްކަތް އެހެން މީހުން ލައްވައި ކުރުން އާންމުވެފައިވާތީ ކަމަށެވެ. އަދި އޭގެ ސަބަބުން އެ މަސައްކަތުން ދަރިވަރަށް ލިބެންޖެހޭ ހަގީގީ މަންފާ ގެއްލޭ ކަމަށްވެސް ބިލުގައި ވަނީ ބުނެފަ އެވެ.

އޭގެ ސަބަބުން މަތީ ތައުލީމުގ ފެންވަރު ދައްވާ ކަމަށް ބިލުގައި ވަނީ ބުނެފަ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް