ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ރޭގަނޑަށް އަނދިރި މަގުތައް އަލިކުރުމުގެ މަސައްކަތް ފަށައިފިއެވެ.
މަގުބައްތިތައް ނުދިއްލޭތީ ހުޅުމާލޭގެ ގިނަ މަގުތަކެއް އޮންނަނީ އަނދިރިކޮށެވެ. ހުޅުމާލޭގެ މަގުތައް އަނދިރިވެ އާންމުންގެ ގިނަ ބަޔަކު ދަނީ ޝަކުވާ ކުރަމުންނެވެ.
ހުޅުމާލެ ތަރައްގީކޮށް ހިންގުމުގައި ހަރަކާތްތެރިވާ މައި ކުންފުނި ހައުސިން ޑިވެލޮޕްމަންޓް ކޮޕަރޭޝަން (އެޗްޑީސީ)ން މިއަދު ބުނީ ގިނަ މަގުތަކެއް އަނދިރިވެ މަގު މަތީގައި ޖަހައިފައި ހުންނަ މަގުބައްތި މަދުވުމަކީ ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނާއި އެކި ބޭނުންތަކަށް ހުޅުމާލެ ޒިޔާރަތް ކުރާ ފަރާތްތަކުކުން އަބަދުވެސް ޝަކުވާ ހުށަހަޅާ ކަންބޮޑުވުން ފާޅުކުރަމުން އަންނަ މައްސަލައެއް ކަމަށެވެ. އަދި މި މައްސަލައަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ސްޓްރީޓް ލައިޓް މާސްޓަ ޕްލޭން އެއް އެކުލަވާލައިފައިވާ ކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ.
މި ޕްލޭން އެކުލަވާލުމަށް ހުޅުމާލެ ފުރަތަމަ ފިޔަވަހީގައި މައްސަލަ ޖެހިފައިވާ މަގު ބައްތިތަކާއި އަނދިރި މަގުތައް ވަނީ ފާހަގަކޮށްފައެވެ.
އެޗްޑީސީން ބުނީ އަނދިރި ކަމަށް ފާހަގަ ކުރެވުނު 14 ސަރަހައްދެއްގައި ހުރި މައްސަލަ ޖެހިފައިވާ މަގު ބައްތިތައް ބަދަލުކޮށް ކަނޑައެޅިފައިވާ ހަމަތަކަށް ފެތޭހެން އައު މަގު ބައްތި ހަރުކުރުމުގެ މަސައްކަތް މިހާރު ފެށިފައިވާ ކަމަށެވެ.
މި ޕްލޭންގެ ދަށުން ޖުމްލަ 1330 މަގުބައްތި ހަރުކުރުމަށް ހަމަޖެހިފައިވާއިރު ޖޫން މަހު މަސައްކަތް ނިންމުމަށް ހަމަޖެހިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް