އިސްލާމްދީނަކީ الله ތަޢާލާ މީސްތަކުން އުޅުމަށްޓަކައި ރުއްސަވާވޮޑިގަންނަވާ ގޮތެވެ. އިސްލާމްދީނުގައި ރިވެތިއަޚްލާޤަށް ވަރަށްބޮޑު އަހައްމިޔަތުކަމެއް ދެވިފައިވެއެވެ. ރަސޫލުން ފޮނުއްވުނީ މައިގަނޑު ދެ މަޤްޞަދަކައިގެންނެވެ. އެއީ ތައުޙީދަށް ގޮވާލުމަށާއި ނަފުސުތަކުގައި ރިވެތި އަޚްލާޤު އަށަގެންނެވުމަށެވެ. ރަސޫލު الله ޞައްލަ الله ޢަލައިހި ވަސައްލަމަ ޙަދީޘުކުރައްވާފައިވެއެވެ. (( إِنَّمَا بُعِثتُ لِأُتَمِّمَ مَكَارِمَ الأَخلَاقِ)) 1މާނައީ: “ތިމަންކަލޭގެފާނު ފޮނުއްވުނީ ރިވެތި އަޚްލާޤު ފުރިހަަމަކުރެއްވުމަށްޓަކައެވެ.”
މުޅި ދީނަކީވެސް އަޚްލާޤެވެ. ދީން ބިނާވެފައިވަނީ الله އާ އަޅާއާ ދެމެދު އޮންނަ އަޚްލާޤާއި (ޞައްޙަ ޢަޤީދާއާއި އަޅުކަންތައްތަކާއި) އަޅުތަކުން އެއްބަޔަކު އަނެއްބަޔަކާ ދެމެދު އޮންނަންޖެހޭ އަޚްލާޤު (ހުރިހާ ރިވެތި ސިފަތަކާއި ޙައްޤުތަކާއި ހުރިހާ މުޢާމަލާތު)ގެ މައްޗަށެވެ. އިބްނުލް ޤައްޔިމު ރަޙިމަހު الله ވިދާޅުވެފައިވެއެވެ. (الدِّيْنُ كُلُّهُ خُلْقٌ ، فَمَنْ فَاقَكَ فِي الـخُلْقِ ؛ فَقَدْ فَاقَكَ فِي الدِّيْنِ.) 2މާނައީ: “މުޅި ދީނަކީ އަޚްލާޤެވެ. ފަހެ އަޚްލާޤުގައި ތިބާއަށްވުރެ ކުރި ހޯދައިފިމީހާ ހަމަކަށަވަރުން އެމީހާ ތިބާގެ މައްޗަށް ދީނުގައި ކުރި ހޯދައިފިއެވެ.”
އަހަރެމެންގެ ތެރެއިންވާ އެންމެ މާތްވެ މަތިވެރިވެގެންވާ މީހުންނަކީ އަހަރެމެންގެ ތެރެއިން އެންމެ އަޚްލާޤު ރަނގަޅު މީހުންނެވެ.
ރަނގަޅު އަޚުލާޤަށް ރަނގަޅު ރަހުމަތްތެރިން:
ރަނގަޅު ރަހުމަތްތެރިންނަކީވެސް ރިވެތި އަޚުލާޤު ލިބިގަތުމުގެ މުހިއްމު މަސްދަރެކެވެ. ރަހުމަތްތެރިންގެ ގޮތުގައި ހެޔޮލަފާ މީހުން އިޚުތިޔާރު ނުކުރުމަކީ ތިމާގެ ދެދުނިޔޭގެ ބާއްޖަވެރިކަން ގެއްލިގެންދިއުމުގެ މަގެކެވެ. ﷲ ވަޙީކުރައްވާފައިވާ ބަސްފުޅުގެ މާނައިގައިވެއެވެ. "އަނިޔާވެރިޔާ އޭނާގެ ދެއަތުގައި ދަތްއަޅާ ދުވަސް ހަނދުމަކުރާށެވެ! އޭނާ (އެދުވަހުން) ބުނާނެތެވެ. އޭ ސަހަރޯއެވެ! ރަސޫލާގެ އަރިހުން މަގެއްހިފައި، ބޭނުންކުޅަނަމަ، ތިމަންނާއަށް ކިހާ ރަނގަޅުވީސްހެއްޔެވެ؟ އޭ ހުރި ހަލާކެއްގެ ބޮޑުކަމާއެވެ! ސަހަރޯއެވެ! ތިމަން އެވެނިމީހަކު މިތުރަކުކަމުގައި ނުހިފިނަމަ، ކިހާ ރަނގަޅުވީސްހެއްޔެވެ؟ ހަމަކަށަވަރުން، ތިމަންނާއާހަމަޔަށް އެ ޤުރުއާން އައުމަށްފަހު، އޭނާ ތިމަން އެއިން އެއްކިބާކޮށް މަގުފުރައްދައިފިއެވެ. އިންސާނާއަށް އޭނާ ދެރަކޮށް ނިކަމެތިކޮށްލާ އެއްޗެއްކަމުގައި ޝައިޠާނާ ވެއެވެ."[ފުރުޤާނު: 27-29]
ނޯޓް: މި ލިޔުމަށް މައުލޫމާތު ނަގާފައިވަނީ ރާއްޖޭގެ ދީނީ ޢިލްމުވެރިން ލިޔުއްވާފައިވާ ބައެއް ލިޔުންތަކުނެނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް