ނޭޕާލް އަދި ބަންގްލަދޭޝްގައި ތިބި ދިވެހި ދަރިވަރުން ރާއްޖެއަށް ގެންނަނީ

ނޭޕާލް އަދި ބަންގްލަދޭޝްގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންގެ ތެރެއަށް ރާއްޖެއަށް އައުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދިފައިވާ ދަރިވަރުން މިމަހުގެ 20 ވަނަ ދުވަހު ރާއްޖެއަށް ގެނައުމަށް ތައްޔާރުވަމުން...

18 Apr 2020 | 14:50

ނޭޕާލް އަދި ބަންގްލަދޭޝްގައި ކިޔަވަން ތިބި ދިވެހި ދަރިވަރުންގެ ތެރެއަށް ރާއްޖެއަށް އައުމަށް ސަރުކާރުގެ އެހީތެރިކަމަށް އެދިފައިވާ ދަރިވަރުން މިމަހުގެ 20 ވަނަ ދުވަހު ރާއްޖެއަށް ގެނައުމަށް ތައްޔާރުވަމުން އަންނަ ކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އެ މިނިސްޓްރީން ބުނެފައިވާގޮތުގައި  މީގެ ތެރޭގައި ހިމެނެނީ ނޭޕާލުން އަންނަ 18 ދިވެހިންނާއި، ބަންގްލަދޭޝްއިން އަންނަ 51 ދިވެހިންނެވެ.

މި މީހުން ރާއްޖެއަށް ގެންނަނީ ދިވެހި ސަރުކާރާ ބަންގްލަދޭޝްގެ ސަރުކާރާއެކު ކުރެވުނު މަޝްވަރާތަކަށްފަހު، އެޤައުމުގެ އަސްކަރީ މަތިންދާބޯޓެއްގައެވެ. މިމަތިންދާބޯޓުން ރާއްޖެއަށް ގެނައުމަށްޓަކައި، ނޭޕާލުގައި ތިބި 18 ދިވެހިން އާދިއްތަ ދުވަހު  ނޭޕާލުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް ދަތުރުކުރާނެއެވެ. އަދި މި ފްލައިޓުން ރާއްޖެއަށް އަންނަ ދިވެހިން ތިބީ ބަންގްލަދޭޝްގެ އެކި ހިސާބުތަކުގައިކަމުން، އެމީހުން ވެރިރަށް ޑާކާއަށް ގެންދިޔުމުގެ މަސައްކަތް އިއްޔެއިން ފެށިގެން ބަންގްލަދޭޝްގެ އަސްކަރިއްޔާއިން ދަނީ ކުރަމުންނެވެ.

މިކަމަށް މަގުފަހިކުރުމަށްޓަކައި ބަންގްލަދޭޝްގެ ސަރުކާރާ ދިވެހި ސަރުކާރާ ދެމެދު ގިނަ މަޝްވަރާތަކެއް ވަނީ ކުރެވިފައެވެ. އަދި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު، ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރަށް 2 ފަހަރެއްގެ މަތިން ގުޅުއްވައި، މަޝްވަރާކުރައްވާފައިވެއެވެ.

ބަންގްލަދޭޝްއިން އަންނަ ފްލައިޓްގައި ރާއްޖެއިން ކޮވިޑް-19 އާ ދެކޮޅަށް ކުރާ މަސައްކަތުގައި އެހީތެރިވުމަށް އެޤައުމުގެ މެޑިކަލް ޓީމެއްވެސް ރާއްޖެއަށް އަންނާނެއެވެ. މި ޓީމަކީ 10 މެމްބަރުންގެ މައްޗަށް އެކުލެވޭ ޓީމެކެވެ. މީގެ އިތުރުން ބަންގްލަދޭޝްއިން ރާއްޖެއަށް 100 ޓަނުގެ އެހީގެ ތަކެތި ހިފައިގެން އަންނަ އެގައުމުގެ އަސްކަރީ މަނަވަރު މިފެށޭ ހަފްތާގެ ތެރޭގައި މާލެއަށް ބަނދަރު ކުރާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް