ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި ޑައިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތްއަށް ލިބިދޭ ބާރުގެ ދަށުން ރާއްޖޭގެ ހުރިހާ ރަށެއް ބަންދުކޮށްފައި ވަނިކޮށް އައްޑޫ ސިޓީ ހިތަދޫއަށް ބަޔަކު ގޮވައިގެން ދިޔަ ލޯންޗެއްގެ ކެޕްޓަން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ އެ ލޯންޗުގައި ހިތަދޫއަށް ގެންގޮސްފައިވަނީ ރިސޯޓެއްގައި މަސައްކަތްް ކުރާ މުވައްޒަފުންތަކެއް ކަމަށެވެ. އެއީ ކޮން ރިސޯޓެއް ކަމެއް ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ އެ ލޯންޗުގައި ބަޔަކު ހިތަދޫއަށް ގެންގޮސްފައިވަނީ މިއަދު ހެނދުނު 8:15 ހާއިރު ކަމަށެވެ. އަދި އެގޮތަށް ކަންތައްކޮށްފައިވަނީ ދައުލަތުގެ އެއްވެސް އިދާރާއަކުން ހުއްދަ ނުނަގާ ކަމަށެވެ.
ލޯންޗުގެ ކެޕްޓަން ހައްޔަރު ކުރުމަށް ފަހު އެ ލޯންޗުގައި އެ ރަށަށް ގެންދިޔަ އެންމެން ހެލްތް ސްކްރީންކޮށް، ސިއްހީ އެއްވެސް މައްސަލައެއް ނެތްކަން ކަށަވަރު ކުރި ކަމަށް ފުލުހުން ބުނެ އެވެ. އެމީހުން ގެއަށް ފޮނުވާލަން ނިންމީ ކޯވިޑް-19 އާއި ގުޅިގެން އައްޑޫ ސިޓީގައި އެކުލަވާލާފައިވާ ޓާސްކް ފޯސްއިން ކަމަށް މައުލޫމާތުދެ އެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.
ކޯވިޑް-19ގައި ރާއްޖެ ނުރައްކާތެރި ހާލަތަކަށް ވެއްޓުމާއި ގުޅިގެން ޑައިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތް މައިމޫނާ އަބޫބަކުރަށް ލިބިދޭ ބާރުގެ ދަށުން ވަނީ ޒަރޫރީ ހާލަތެއްގައި މެނުވީ ރާއްޖޭގެ ހުރިހާ ރަށަކަށް އަރާ ފޭބުން މަނާކޮށްފައި އެވެ. އަދި ރަށްރަށުގައި ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުން މަނާކޮށްފައިވެ އެވެ.
މި އެންގުމަށް އަމަލު ކުރަން ފަށާފައިވަނީ އިއްޔެ ހަވީރު6:00 ން ފެށިގެންނެވެ.
މިހާތަނަށް ރާޢްޖޭގައި32 މީހުން ކޯވިޑް-19 އަށް ޕޮސިޓިވްވެފައިވާއިރު މިހާތަނަށް ހަމައެކަނި މާލެއިންވެސް ވަނީ14 މީހުން ބައްޔަށް ޕޮސިޓިވް ވެފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް