ސްރީލަންކާއާ އިންޑިއާއަށް ފޮނުވި ހުރިހާ ކެއާޕެކޭޖްތައް ހަވާލުކޮށްފި

ކޯވިޑް-19 އާ ގުޅިގެން ބޭރުގެ ބައެއް ގައުމުތަކުގައި ދިރިއުޅެމުންދާ ދިވެހި އާއިލާތަކަށް ލުއިތަކެއް ހޯދައިދިނުމަށް، އެއާއިލާތަކަށް ކެއަރޕެކޭޖްތައް ފޮނުވުމަށް ސަރުކާރުން ހުޅުވާލި ފުރުސަތުގައި އިންޑިއާ އަދ...

18 Apr 2020 | 12:41

ކޯވިޑް-19 އާ ގުޅިގެން ބޭރުގެ ބައެއް ގައުމުތަކުގައި ދިރިއުޅެމުންދާ ދިވެހި އާއިލާތަކަށް ލުއިތަކެއް ހޯދައިދިނުމަށް، އެއާއިލާތަކަށް ކެއަރޕެކޭޖްތައް ފޮނުވުމަށް ސަރުކާރުން ހުޅުވާލި ފުރުސަތުގައި އިންޑިއާ އަދި ސްރީލަންކާއަށް ފޮނުވި ކެއަރ ޕެކޭޖްތައް އާއިލާތަކާ ހަވާލުކޮށް ނިމިއްޖެއެވެ.

ސްރީލަންކާއަށް ފޮނުވި 622 ކެއަރޕެކޭޖް އާއިލާތަކާ ހަވާލުކޮށް ނިމިފައިވަނީ ހޮނިހިރު ދުވަހުއެވެ. އޭގެ ހަފްތާއެއްހާ ދުވަސްކުރިން ކޮލަމްބޯގައި ދިރިއުޅޭ އާއިލާތަކަށް ޕެކޭޖްތައް ހަވާލުކޮށް ނިމުނުއިރު، ބާކީހުރި ޕެކޭޖްތައް ކޮލަމްބޯއާއި ދުރުގައިވާ ސިޓީތަކަށް ގެންދިޔުމަށް ލަންކާގައި ހުންނަވާ ދިވެހި ސަފީރު އުމަރު އަބްދުއްރައްޒާޤްވެސް ވަޑައިގަތެވެ.

އިންޑިއާގެ ޓްރިވެންޑްރަމް އަދި ކޮޗިން އަށް ފޮނުވި 144 ކެއާޕެކޭޖްވެސް ވަނީ އާއިލާތަކާ ހަވާލުކޮށްފައެވެ. އަދި މެލޭޝިއާއަށް ފޮނުވި 452 ކެއަރޕެކޭޖްގެ ތެރެއިން ކުއާލަލަމްޕޫރު ސަރަހައްދުގައި ދިރިއުޅޭ އާއިލާތަކަށް ފޮނުވި ހުރިހާ ޕެކޭޖެއް ވަނީ ހަވާލުކޮށްފައެވެ. އަދި ކުއާލަލަމްޕޫރުން ބޭރުގައި ދިރިއުޅޭ 14 އާއިލާތަކަށް ފޮނުވި ކެއާޕެކޭޖްތައް ފޮނުވުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ތައިލެންޑްގެ ބެންކޮކްގައި ދިރިއުޅޭ ދިވެހި އާއިލާތަކަށް ފޮނުވި ކެއާޕެކޭޖްތައް ބެންކޮކަށް ގެންދެވިފައިވަނީ ހަފްތާ ބަންދާ ދިމާކޮށް ކަމަށްވުމުން، ހަފްތާ ބަންދު ނިމުމުން ކަސްޓަމުން ކްލިއާކޮށް، މިހަފްތާ ތެރޭ އާއިލާތަކާ ހަވާލުކުރެވޭނެއެވެ.

ޔޫއޭއީއަށްވެސް ކެއާޕެކޭޖް ފޮނުވުމަށް ފުރުސަތު ހުޅުވާލިނަމަވެސް، މާލެ ސަރަހައްދު ލޮކްޑައުންކުރުމާ ގުޅިގެން ތަކެތި ބަލައިގަތުން ވަނީ ފަސްކުރެވިފައެވެ. އަދި ތަކެތި ބަލައިގަންނާނެ ތާރީޚެއް ފަހުން އިއުލާންކުރެވޭނެއެވެ.

ކެއާޕެކޭޖްތައް ހަވާލުކުރުމުގެ މަސައްކަތް ކުރަމުންދަނީ ވަރަށް ގިނަ ގޮންޖެހުންތަކާއެކުގައެވެ. ތަކެތި ފޮނުވާ ސިޓީތަކަކީ ލޮކްޑައުންގައި އޮތް ސިޓީތަކެއްކަމުން، އެގައުމުތަކުގެ ސަރުކާރުތަކުން ޚާއްސަ ހުއްދައެއް ނަގައިގެން ތަކެތި އާއިލާތަކާ ހަވާލުކުރުމުގެ މަސައްކަތްކުރަނީ ކޯވިޑް-19 އިން ރައްކާތެރިވުމަށް އެގައުމުތަކުގެ ސަރުކާރުތަކުން އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތަކަށްވެސް ބޯލަނބައިގެންނެވެ. މިއީ ސަރުކާރުން ދިވެހި ރައްޔިތުންނަށް ހިލޭ ފޯރުކޮށްދޭ ޚިދުމަތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް