އައްޑޫއާ ފުވައްމުލަކު ސިޓީގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލައިފި

ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން ރާއްޖެ ބޮޑުވެ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލައިފި އެވެ. އިސްލާމިކް މިނިސްޓްރީން ބުނީ އެ ދެ ސިޓީގައި ޖަމާއަތުގައި ނަމާދު...

18 Apr 2020 | 12:16

ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން ރާއްޖެ ބޮޑުވެ އައްޑޫ ސިޓީ އާއި ފުވައްމުލަކު ސިޓީގައި ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލައިފި އެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އެ ދެ ސިޓީގައި ޖަމާއަތުގައި ނަމާދު ކުރުން ވަގުތީ ގޮތުން މެދުކަނޑާލަން ނިންމާފައިވަނީ މިއަދު މަޤުރިބް ނަމާދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ އަސުރު ނަމާދުގެ ނިޔަލަށެވެ. މި މުއްދަތުގައި އެ ސިޓީތަކުގެ މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ނުކުރުމަށް އެ މިނިސްޓްރީން ވަނި އަންގާފައި އެވެ.

މީގެ އިތުރުން މާލެ، ހުޅުމާލެ، ވިލިމާލެ އަދި ރިސޯޓުތަކުގައި ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ކުރުން މެދުކަނޑާލާފައި އޮތް މުއްދަތު ވަނީ މިމަހު30 ގެ ނިޔަލަށް އިތުރުކޮށްފައި އެވެ. އަދި ކޯވިޑް-19 އާއި ގުޅިގެން އެޗްޕީއޭއިން މޮނިޓަރިންގެ ހާލަތަށް ގެންނަ ރަށްރަށުގައި ވެސް އަމަލު ކުރާނީ މި އުސޫލުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.

މިއީ ކޯވިޑް-19 އާއި ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އަޅާ ފިޔަވަޅެކެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދަށް ބަންގި ގޮވާނެ ކަމަށެވެ. އަދި މިސްކިތްތައް ހުންނާނީ ހުޅުވާފައި ކަމަށާއި ގަވައިދުން މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.

ބަންގި ގޮވާ ނިމުމަށް ފަހު ގޭގައި ނަމާދު ކުރުމަށް އަރަބި ބަހުންނާއި ދިވެހި ބަހުން އިމާމުން ގޮވާނެ ކަމަށް އިސްލާމިކް މިނިސްޓްރީ ބުނެ އެވެ.

މިގޮތަށް ނިންމީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުން ރަނގަޅު ނޫންކަމަށް އެޗްޕީއޭއިން ބުނެފައިވާތީ އެވެ. އަދި ޖަމާއަތުގައި ނަމާދު ނުކުރާ މުއްދަތު އިތުރު ކުރަން ނިންމީ ހާލަތައް ރިއާޔަތް ކޮށް ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފައިވެ އެވެ.

މިގޮތަށް ނިންމީ ދީނީ އިލްމުވެރިންނާއި އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މަޝްވަރާ އާއި އެކު ކަމަށް މިނިސްޓްރީން ބުނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް