ޒަރޫރީ ބޭންކިންގެ ހިދުމަތްތަކަށް އާދީއްތަ އަދި ހޯމަ ދުވަހު ބޭންކްތައް ހުޅުވާނެ ކަމުގައި މޯލްޑިވްސް މޮނެޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފިއެވެ.
އެމްއެމްއޭއިން ބުނެފައިވަނީ ކޯވިޑް-19 އާއި ގުޅިގެން މާލެ ސަރަހައްދު ލޮކްޑައުންގެ ހާލަތުގައި ވާއިރު ކުރިއަށްއޮތް ހަފްތާގައި ޒަރޫރީ ބޭންކިންގް ޚިދުމަތްތައް ދިނުމަށް އެމް.އެމް.އޭ. އަދި ބޭންކުތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 19 އަދި 20 އޭޕްރީލް 2020 މި ދެދުވަހު ކަމަށެވެ. އަދި މިގޮތުން އެމް.އެމް.އޭ. ހުޅުވާފައި ހުންނާނީ ހެދުނު 9:30 އިން މެންދުރު 12:30 އަށެވެ. ނަމަވެސް، އެމް.އެމް.އޭ. އިން މިދުވަސްތަކުގައި އާންމުންނަށް ޚިދުމަތެއް ނުދޭނެ ކަމަށެވެ.
"މި ދެދުވަހު ބޭންކުތަކުން ފޯރުކޮށްދޭ ޒަރޫރީ ޚިދުމަތްތަކުގެ ތެރޭގައި ޓީޓީ ހެދުން، ކުންފުނިތަކުން މުވައްޒަފުންނަށް މުސާރަ ދިނުމަށް ހަދާ އޭ.ސީ.އެޗް./އާރް.ޓީ.ޖީ.އެސް. ޕޭމަންޓުތައް ހެދުން، ލެޓަރ އޮފް ކްރެޑިޓްގެ ޚިދުމަތް އަދި ރާއްޖޭންބޭރަށް ފައިސާ ފޮނުވުމުގެ ޚިދުމަތްތައް ހިމެނޭ" އެމްއެމްއޭއިން ބުނެފައިވެއެވެ.
އެމްއެމްއޭއިން ބުނެފައިވަނީ މި ޚިދުމަތްތައް ހޯއްދެވުމަށް ބޭންކުތަކަށް ވަޑައިގަތުމުގެ ބަދަލުގައި، އެ ޚިދުމަތަކަށް އެދޭ ފޯމް ނުވަތަ ރިކުއެސްޓު އެ ބޭންކަކުން ހަމަޖައްސާފައިވާ ގޮތަކަށް އޮންލައިން ކޮށް ފޮނުއްވުމަށް އެދޭ ކަމަށާއި ބޭންކުތައް ހުޅުވާ ގަޑިތަކާއި، ދޭ ޚިދުމަތްތަކާއި، އެ ޚިދުމަތްތައް ފޯރުކޮށްދޭ ގޮތުގެ ތަފްސީލު އެ ބޭންކަކުން އާންމު ކުރާނެ ކަމުގައިވެސް ބުނެފައިވެއެވެ. އަދި މި ފިޔަވަޅުތަކަކީ ލޮކްޑައުން ހާލަތުގައި ގައިދުރުކަން ދެމެހެއްޓުމަށްޓަކައި މުހިއްމު ކަންތައްތައް ކަމުން، މިކަމުގައި އާންމުންގެ އެއްބާރު ލުން މުހިންމު ކަމުގައި ދަންނަވާކަމަށްވެސް އެމްއެމްއޭއިން ބުނެފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް