ފޮރޮންޓްލައިންގައި މަސައްކަތް ކުރާ މީހުން ތިބެން ގެސްޓް ހައުސްތައް ހަމަޖައްސަނީ

ކޯވިޑް-19 އާއި ގުޅިގެން ފްރޮންޓް ލައިންގައި ނުވަތަ ނުރައްކާތެރި ކަމަށް ހުށަހެޅިގެން މަސައްކަތް ކުރާ މީހުން ތިބެން މާލޭގެ ގެސްޓް ހައުސްތައް ހަމަޖައްސަން ފަށައިފި އެވެ. ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް ...

18 Apr 2020 | 03:17

ކޯވިޑް-19 އާއި ގުޅިގެން ފްރޮންޓް ލައިންގައި ނުވަތަ ނުރައްކާތެރި ކަމަށް ހުށަހެޅިގެން މަސައްކަތް ކުރާ މީހުން ތިބެން މާލޭގެ ގެސްޓް ހައުސްތައް ހަމަޖައްސަން ފަށައިފި އެވެ.

ކޯވިޑް-19 ގެ ތަރުޖަމާނު މަބްރޫކް އަޒީޒް ވިދާޅުވީ ޑިއުޓީ އަދާ ކުރުމަށް ފަހު ގެއަށް ދިއުމުގެ ބަދަލުގައި ތިބޭނެ ތަންތަން ހަމަޖެއްސުމުގެ ގޮތުން ފުލުހުން ގެސްޓުހައުސްތަކެއް ހަމަ ޖައްސާފައިވާ ކަމަށެވެ. އަދިވެސް އިތުރު ގެސްޓު ހައުސްތަކެއް ހަމަޖެއްސުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުންގެ ފަރާތުން މައުލޫމާތު ދީފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.

ހެލްތް މިނިސްޓްރީ އާއި ހަވާލާދީ މަބްރޫކް ވިދާޅުވީ ހޮސްޕިޓަލްތަކުގައި މަސައްކަތް ކުރާ މީހުންނަށް އެ އިންތިޒާމް ހަމަޖެއްސުމަށް ހޮސްޕިޓަލްތަކުން އެދުމުން ގެސްޓު ހައުސްތައް ހަމަޖެއްސުމުގެ މަސައްކަތް ކުރިޔަށް ދާނެ ކަމަށެވެ.

އެފަދަ މީހުން ޑިއުނީ ނިންމުމަށް ފަހު ގެއަށް ދިއުމަކީ ރައްކާތެރި ކަމެއް ނޫނެވެ.

ކޯވިޑް-19 ގައި މާލެ ނުރައްކާތެރި ހާލަތަކަށް ގޮސްފައިވާއިރު އާންމުންގެ ހިދުމަތުގައި އަދި ނުރައްކަލުން ސަލާމަތް ކުރުމަށް އެތައް ބަޔަކު ދަނީ ރެއާ ދުވާލު މަސައްކަތް ކުރަމުންނެވެ. އޭގެ ތެރޭގައި ޑޮކްޓަރުން، ނަރުހުން، ސިއްހީ ދާއިރާގައި މަސައްކަތް ކުރާ މީހުން، ސިފައިންނާއި ފުލުހުން، ރެޑް ކްރެސެންޓު، ސަރުކާރުގެ އެކި ވުޒާރާތައް އަދި ދައުލަތުގެ ކުންފުނިތަކާއި އަމިއްލަ ފަރުދުން ހިމެނެ އެވެ.

މިހާތަނަށް ފްރޮންޓްލައިންގައި މަަސައްކަތް ކުރާ މީހަކަށް ބަލި ޖެހިފައިވާކަން ހާމަކޮށްފައެއް ނުވެ އެވެ.

ރާޢްޖެއިން29 މީހަކު ބައްޔަށް ޕޮސިޓވް ވެފައިވާއިރު ނުވަ މީހުންނަކީ ތިން ދުވަސް ތެރޭ މާލެއިން ޕޮސިޓިވް ވި މީހުންނެވެ. އެޗްޕީއޭއިން ބުނީ މާލެ އޮތީ ކޯވިޑް-19 ގައި އެންމެ ނުރައްކާތެރި ހާލަތުގައި ކަމަށެވެ.

އަދި މި ހާލަތު އާންމުން ގޭގައި މަޑުކޮށްގެން ބަލި ކޮންޓްރޯލް ކުރަން މަސައްކަތް ނުކޮށްފި ނަމަ ކުރިޔަށް އޮތް14 ދުވަސް ތެރޭގައި މުޅި ރާއްޖެ ނުރައްކާތެރި ހާލަތަކަށް ދާނެ ކަމަށެވެ. އެ ހާލަތުގައި މީހުންނަށް ފަރުވާ ދެވޭނެ ނިޒާމެއް ރާއްޖޭގައި ނެތް ކަމަށް އެޗްޕީއޭއިން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް