ލ. ފޮނަދޫގައި އަލަށް އިމާރާތްކުރެވުނު "މަސްޖިދުލް ވިދާދި" މިސްކިތް ހުޅުވައިފި

ލ.ފޮނަދޫގައި އިމާރާތްކުރެވުނު އައު މިސްކިތް "މަސްޖިދުލް ވިދާދި" މިއަދު ހުޅުވައިފިއެވެ. އެ މިސްކިތް ހުޅުއްވައިދެއްވީ އެކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރާއްޖޭގެ އިސްލާމިކް މި...

18 Mar 2021 | 16:19

ލ.ފޮނަދޫގައި އިމާރާތްކުރެވުނު އައު މިސްކިތް "މަސްޖިދުލް ވިދާދި" މިއަދު ހުޅުވައިފިއެވެ.

އެ މިސްކިތް ހުޅުއްވައިދެއްވީ އެކަމަށްޓަކައި މިއަދު ހަވީރު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ރާއްޖޭގެ އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު އަލީއެވެ.

އެ ރަސްމިއްތާތުގައި ފޮނަދޫ ދާއިރާގެ މަޖިލިސް މެމްބަރު މޫސާ ސިރާޖްގެ އިތުރުން ފޮނަދޫ ކައުންސިލްގެ ރައީސް އަޙުމަދު ރިޔާޟްއާއި އިސްލާމިކް މިނިސްޓްރީގެ ބައެއް ބޭފުޅުން ބައިވެރިވެލެއްވިއެވެ.

ފޮނަދޫ ކުރިގަމް އަވަށު އަލަށް އާބާދުވި ސަރަހައްދުގައި އިމާރާތްކުރެވިފައިވާ މި މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހަވީރު 4:00 ގައެވެ. އެގޮތުން މިރޭ މަޣްރިބް ނަމާދުން ފެށިގެން އެ މިސްކިތުގައި ވަނީ ނަމާދުކުރަން ފަށާފައެވެ.

ފޮނަދޫގައި އިމާރާތްކުރި މި މިސްކިތަކީ، ސަރުކާރުގެ ބަޖެޓުން ޖުމްލަ 5.8 މިލިއަން ރުފިޔާ ޚަރަދުކޮށްގެން އިމާރާތްކުރި މިސްކިތެކެވެ.

މަސްޖިދުލް ވިދާދިގެ ނަމުން ނަމް ދެވިފައިވާ މި މިސްކިތް އިމާރާތް ކުރުމުގެ މަސައްކަތް ކުރީ، އިނޯކާ ޕްރައިވެޓް ލިމިޓެޑްގެ ފަރާތުންނެވެ. މި މިސްކިތަކީ، 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް