ބައިނަލްއަގްވާމީ ފެންވަރުގެ ޑާޓާ ސެންޓަރއެއް އުރީދޫއިން މިއަދު އިފްތިތާހުކޮށްފި

ޓެލެކޮމިއުނިކޭޝަންސް އަދި ޓެކްނޮލޮޖީގެ ދާއިރާގެ އިންގިލާބީ ހިދުމަތްތައް މެދު ކެނޑުމެއްނެތި ރާއްޖެއަށް ތައާރަފް ކުރަމުންދާ އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެންމެ ފުރަތަމަ ޑޭޓާ ސެންޓަރު އެކުންފުނިން މިއަ...

18 Mar 2021 | 16:13

ޓެލެކޮމިއުނިކޭޝަންސް އަދި ޓެކްނޮލޮޖީގެ ދާއިރާގެ އިންގިލާބީ ހިދުމަތްތައް މެދު ކެނޑުމެއްނެތި ރާއްޖެއަށް ތައާރަފް ކުރަމުންދާ އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެންމެ ފުރަތަމަ ޑޭޓާ ސެންޓަރު އެކުންފުނިން މިއަދު ތައާރަފްކޮށްފިއެވެ.

އުރީދޫ މޯލްޑިވްސް ޑޭޓާ ސެންޓަރު (އޯއެމްޑީސީ) އަކީ ކުންފުނިތަކުގެ ޑިޖިޓަލް ޙިދުމަތް ދިނުމުގައި ހިދުމަތްތަކުގެ އޮޕަރޭޝަން މެދުކެނޑުމެއްނެތި ކުރިއަށްގެންދިއުމަށް ބޭނުންވާ ވަރުގަދަ އިންޓަނެޓް ކަނެކްޝަން، ސްޓޯރޭޖް އަދި ކުންފުނިތަކުގެ މުހިންމު ޑޭޓާތަކަށް އިތުބާރާއެކު ރައްކާތެރިކަން ފޯރުކޮށްދެވޭ ބައިނަލްއަގުވާމީ ފެންވަރުގެ ސެންޓަރެކެވެ.

ސްމާޓް ސިޓީއެއްގެ ގޮތުގައި ތަރައްޤީވަމުންއަންނަ ހުޅުމާލޭގައި ގާއިމް ކުރެވިފައިވާ މި ޑޭޓާ ސެންޓަރުގެ އެހީގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ކުންފުނިތަކާއި، ސަރުކާރު އިދާރާތަކަށް އަދި ޓުއަރިޒަމް ދާއިރާގެ ޚިދުމަތްތައް ފުޅާކޮށް އައު އިޖާދީ ޑިޖިޓަލް ޚިދުމަތްތައް ތައާރަފުކޮށް ދާއިރާތައް ކުރިއެރުވުމުގައި އެތައްގުނައަކުން ފަސޭހަވެގެންދާނެއެވެ.

ބާރު ސްޕީޑުގައި މުޅި ދުނިޔެ ދެކެމުންދާ ޑިޖިޓަލް ކުރިއެރުންތަކާއެކު، ދިރިއުޅުމަށް މިވަނީ ބޮޑެތި ބަދަލުތަކެއްއައިސްފައެވެ. ހަމައެއާއެކު، ކުދި ބޮޑު ހުރިހާ ވިޔަފާރިތަކެއްގެ ޚިދުމަތްތައްވެސް ދަނީ ޑިޖިޓަލްކުރެވެމުންނެވެ. އެހެންކަމުން ވިޔަފާރިތައް ފުޅާވަމުންދާވަރަކަށް އިންޓަނެޓަށް ބަރޯސާވާވަރު އިތުރުވެ، އައިޓީ އިންފްރާ ސްޓަރަކްޗަރ އަދި ޑޭޓާ ސެކިއުރިޓީ ވަނީ ވަރުގަދަކުރަންޖެހިފައެވެ.

ނަމަވެސް ޑިޖިޓަލް ޚިދުމަތްތައް ފޯރުކޮށްދޭ ބޮޑެތި ކުންފުނިތަކުގެ އޮޕަރޭޝަންއަށް ބޭނުންވާ މިފަދަ ޑޭޓާ ސެންޓަރެއް އަމިއްލައަށް ގާއިމްކޮށް ބެލެހެއްޓުމަކީ ބޮޑެތި ހަރަދުތަކެއް ހިގާނެކަމެކެވެ. އެހެންކަމުން ދުނިޔޭގެ ޑޭޓާ ސެންޓަރުތައް ދަނީ ވިޔަފާރިތަކުގެ ޑޭޓާ ސަރވަރތައް ރައްކާތެރިކަމާއި އިތުބާރާއެކު ހޮސްޓުކުރުމުގައި މުހިންމު ދައުރެއް އަދާ އުކުރަމުންނެވެ.

"މިއަދު ދިވެހިރާއްޖޭގައި މުޅިން އަލަށް މި ގާއިމްކުރެވުނު ޑޭޓޭ ސެންޓަރާ ގުޅިގެން މިއީ އުރީދޫ މޯލްޑިވްސްގެ ތާރީޙުގައި ފަވާލެވޭ ކުލަގަދަ ދުވަހެކެވެ. ދުނިޔެއަށް ހުޅުވާލެވޭ މިފަދަ ޑޭޓާ ސެންޓަރުތަކުގެ ޚިދުމަތް ކުރިއަށް އޮތްތަނުގައި އިތުރަށް ފުޅާވެ، ބޭނުންކުރާ އަދަދުވެސް އިތުރުވެގެންދާނެ. ޑޭޓާ ސެންޓަރުތަކުން ދެވޭ ޚިދުމަތްތަކަކީ ވިޔަފާރިތަކާއި ކުންފުނިތަކުގެ ކުރިއެރުމަށް އިންތިހާއަށް މިއަދު ބޭނުންވެފައިވާ ޚިދުމަތަކަށްވީއިރު، ރާއްޖޭގައި މިފަދަ ސެންޓަރެއް ގާއިމްވުމާއެކު ރާއްޖޭގެ ވިޔަފާރިތަކުގެ އިތުރުން ސަރަހައްދީ ވިޔަފާރިތަކަށްވެސް، ވިޔަފާރިތަކުގެ ޑޭޓާ ރާއްޖޭގައި ހޮސްޓްކުރުމުގެ ފުރުސަތު ހުޅުވިގެންދާނެއެވެ. މެދުކެނޑުމެއްނެތް އިންޓަނެޓްގެ ޚިދުމަތާއިއެކު ރާއްޖެއިން ބޭރުގެ ސަރވަރތަކުގައި ހޮސްޓްކުރުމުން ދިމާވާ ދަތިތަކުން އަރައިގަނެވި އެތަކެއް ފުރުސަތުތަކެއް ވިޔަފާރިތަކަށް ހުޅުވިގެންދާނެ. ޓެކްނޮލޮޖީގެ ދާއިރާއިން މިއަދު މި އެޅުނު މުހިންމު ބިންގަލާއެކު، އަޅުގަނޑުމެންގެ އަމާޒަކީ ދިވެހިރާއްޖެއަކީ މި ސަރަހައްދުގެ ޓެކްނޮލޮޖީގެ ވަރުގަދަ ހަބަކަށް ވެގެންދިއުން." އުރީދޫ މޯލްޑިވްސްގެ އެމްޑީ އަދި ސީއީއޯ ވިދާޅުވިއެވެ.

އޯއެމްޑީސީ އަކީ ޓިއަރ-3 ސެޓިފިކޭޝަން ރެޑީ، ފުޅާ ދާއިރާއެއްގެ ހިދުމަތްތަކެއް ލިބިގެންދާނެ ސެންޓަރެކެވެ. މިސެންޓަރު ގާއިމް ކުރެވިފައިވަނީ ތަނަވަސް ސްޓޯރޭޖް ކެޕޭސިޓީއަކާއިއެކު 7/24 މަސައްކަތް ކުރާ ހައި ސެކިއުރިޓީ ސިސްޓަމް، ފިނި ހޫނުމިން ބެލެހެއްޓޭ ސިސްޓަމްތަކާއި، ވަރުގަދަ ޕަވަރ ބެކަޕަކާއެކު ގާއިމްކުރެވިފައިވާ ސެންޓަރެކެވެ. މި އިމާރާތް ބިނާކޮށްފައިވަނީ ކާރިސާތަކުގެ ސަބަބުން ލިބިދާނެ ގެއްލުންތަކަށް ބަލާ ރައްކާތެރިވުމަށް އަޅަންޖެހޭ ވަރުގަދަ ފިޔަވަޅުތަކާއެކުއެވެ. މީޑިއަމް އެންޑް ހައި ޑެންސިޓީ ރެކްސްޕޭސް އާއި އެކު، ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ޑޭޓާ ހޮސްޓު ކުރެވޭނެ ކަމުގައިވެސް އެ ކުންފުނިން ވިދާޅުވެއެވެ.

އުރީދޫ މޯލްޑިވްސް ޑޭޓާ ސެންޓަރު ގެ ޚިދުމަތްތައް:

  • ޑޭޓާ ކޯލޮކޭޝަން
    • ފުލް ރެކް ނުވަތަ ޝެއަރޑް ރެކް ސްޕޭސް
    • ރޭޓަޑް ޕަވަރ އެންޑް ކޫލިންގް
    • ރިމޯޓް ހޭންޑްސް ސަޕޯޓް
  • ޑޭޓަރ ސެންޓަރ މެނޭޖްޑް ހޮސްޓިންގް
  • ޑެޑިކޭޓަޑް ޔުޓިލިޓީ ހޮސްޓިންގް
  • ޑިޒަރސްޓަރ ރިކަވަރީ އެންޑް ބެކަޕް
  • މެނޭޖްޑް އިންފްރާސްޓްރަކްޗަރ މޮނިޓަރިންގް

މި ޑޭޓާ ސެންޓަރ ފަރުމާކުރެވިފައިވަނީ ކަސްޓަމަރުންނަށް އެންމެ ރައްކާތެރިކަމާއިއެކު ޑޭޓާ ސްޓޯ ކުރުމާއި ލިބިގަތުމުގެ ފަސޭހަ މާހައުލަކާއި އެކުއެވެ. އަލިފާނުގެ ހާދިސާތަކާއި ފެންބޮޑުވުންފަދަ ކާރިސާތަކުން ގެއްލުންތައް ކުޑަކުރުމަށް ވަރުގަދަ ފިޔަވަޅުތަކާއެކު ޑީސްލް ޕަވަރ ޖެނެރޭޓަރުތައްވެސް ވަނީ މި ސެންޓަރުގައި ގާއިމްކުރެވިފައެވެ. ކަރަންޓްގެ ކުއްލި ހާލަތެއް ދިމާވި ކަމުގައި ވިޔަސް ސެންޓަރުގެ ޕަވަރ ބެކަޕް މެދުވެރިކޮށް 14 ދުވަހު ހިދުމަތް ފޯރުކޮށްދެވޭނެއެވެ.

އުރީދޫ މޯލްޑިވްސްއިން ގާއިމްކުރި މި ސެންޓަރުގައި ކުންފުނިތަކަށް ހާއްސަ އުރީދޫގެ ޚިދުމަތްތައް ތަޖުރިބާކޮށް ބަލާލުމަށް ޑެމޯ ރޫމްއެއް ގާއިމް ކުރެވިފައި ހުރިކަންވެސް އެ ކުންފުނިން ފާހަގަކުރެއެވެ.

އުރީދޫ މޯލްޑިވްސްއަކީ ޓެކްނޮލޮޖީގެ ދާއިރާއިން ކުރިއަރާފައިވާ ޚިދުމަތްތައް ދިވެހިރާއްޖެއަށް ތައާރަފްކޮށް އިޖާދީ އައު ކަންތައްތަކާއި އައު ފުރުސަތުތައް ދިވެހިންނާއި ގުޅުވާލަދިނުމުގައި އެންމެ ކުރީސަފުގައި ފާހަގަކުރެވޭ ކުންފުންޏެކެވެ. މިއަދު ދުނިޔޭގެ ފެންވަރުގައި މި ހުޅުވުނު ޑޭޓާ ސެންޓަރާއިއެކު ދިވެހިރާއްޖޭގެ ޑިޖިޓަލް އީކޯސިސްޓަމް ވަރުގަދަވެ މި ސަރަހައްދުގެ ޑޭޓާ ރައްކާކުރެވޭ ވަރުގަދަ ޑިޖިޓަލް ހަބެއްގެ ގޮތުގައި ރާއްޖެ ހިމެނިގެންދާނެއެވެ. ހަމަ އެއާއެކު ދިވެހިރާއްޖޭގެ ޑިޖިޓަލް އިކޮނޮމީވެސް ކުރިއަރައިގެންދާނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް