ލޯކަލް ޓުއަރިޒަމްއަށް މަޝްހޫރު ރަސްދޫގައި އައު އިންޖީނުގޭ އިމާރާތުގެ ބިންގާ އަޅައިފި

އއ. ރަސްދޫގައި ސްޓެލްކޯއިން އިމާރާތްކުރާ އައު އިންޖީނުގޭގެ ބިންގާ މިއަދު އަޅައިފިއެވެ. ރަސްދޫގައި އަޅާ އިންޖީނުގެއަކީ 5 މެގަވޮޓް ކެޕޭސިޓީއެއް ގާއިމް ކުރެވޭގޮތަށް އަޅާ ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު ...

18 Mar 2021 | 14:32

އއ. ރަސްދޫގައި ސްޓެލްކޯއިން އިމާރާތްކުރާ އައު އިންޖީނުގޭގެ ބިންގާ މިއަދު އަޅައިފިއެވެ.

ރަސްދޫގައި އަޅާ އިންޖީނުގެއަކީ 5 މެގަވޮޓް ކެޕޭސިޓީއެއް ގާއިމް ކުރެވޭގޮތަށް އަޅާ ރާއްޖޭގެ އެންމެ ފެންވަރު ރަނގަޅު އިންޖީނުގެތަކުގެ ތެރޭގައި ހިމެނިގެންދާނެ ޒަމާނީ އިންޖީނުގެއެއް ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ރަސްދޫއަކީ ދިވެހި ރާއްޖޭގެ ލޯކަލް ޓުއަރިޒަމްގެ މަޝްހޫރު ނަމެކެވެ. އެކި ފަންތިއާއި ގިންތީގެ ގެސްޓްހައުސްތައް ހިންގަމުން ގެންދާ ރަސްދޫއަށް އަންނަމުންދާ ތަރައްގީއާއި އެއްވަރަށް އައި ރަސްދޫގެ މަތިވަމުންދާ ލޯޑަށް ކޭޓާ ކުރުމަށްޓަކައި ސްޓެލްކޯއިން އަބަދުވެސް ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށް އެ ކުންފުނިން ބުނެއެވެ.

އެގޮތުން މިވަގުތު ރަސްދޫގައި 754 ކިލޯވޮޓްގެ އިންޖީނުގެއެއް ސްޓެލްކޯއިން ހިންގަމުން ދާ އިރު، އެ އިންޖީނުގެއަކީ ކުރިޔަށް އޮތްތަނުގައި ރަސްދޫއަށް ބޭނުންވާ ކަރަންޓު ފޯރުކޮށްދެވޭ ވަރަށްވުރެ ޖާގައިގެ ގޮތުން ކުޑަ ތަނެއް ކަމަށް ސްޓެލްކޯއިން ފާހަގަ ކުރެއެވެ.

އެެހެންކަމުން މުސްތަގުބަލުގައި ރަށަށް އަންނާނެ ކުރިއެރުމާއި، ތަރައްގީއަށް އަދި ދުރު މުސްތަގުބަލަށް ވިސްނާ، 5 މެގަވޮޓްގެ އާއިންޖީނުގެއެއް އެޅުމުގެ މަސައްކަތް މިހާރު މިވަނި ފެށިފައި ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

މި އިންޖީނުގެ އިމާރާތް ކުރެވޭނީ ހިދުމަތައް ބުރޫ ނާރާގޮތަށް މިހާރުގެ އިންޖީނުގެ ހުރިތަނުގައެވެ. ރަސްދޫގައި އަލަށް އިމާރާތް ކުރާ އިންޖީނުގެ އަކީ ޒަމާނުއްސުރެ އިންޖީނުގެތަކާއި މެދު ދެކެމުން އައި ގޮތް ބަދަލުކޮއްލާ، ރަށުގެ ރީތި ނަލަ ލޭންޑް މާކަކަށް ވެގެންދާނެއެވެ. އަދި ވެންޓިލޭޝަން ރަނގަޅު، އުސްކޮށް އިމާރާތް ކުރެވޭ ޒަމާނީ ފެންވަރުގެ ތަނަކަށްވެގެންދާނެއެވެ.

މީގެ އިތުރުން މި އައު އިންޖީނުގެ ވެގެންދާނީ، އަޑު މަޑު، ތިމާވެއްޓާއި ރައްޓެހި ތަނަކަށް ކަމަށް ސްޓެލްކޯއިން ބުނެއެވެ. އެގޮތުން އިންޖީނުގެއަށް ބޭނުންވާ ކަރަންޓު އުފައްދައިދޭނީ އިންޖީނުގޭގައި ހަރުކުރާ ސޯލާ ޕެނަލްތަކުންނެވެ.

މީގެ އިތުރުން އޮންލައިން މޮނިޓަރިންގ އާއި، ޓެކްނިކަލް ސަޕޯޓްގެ އިތުރުން، އައު އިންޖީނުގެ ވެގެންދާނީ މުވައްޒަފުންނަށް ރައްކާތެރި މަސައްކަތުގެ މާހައުލަކަށެވެ.

މި އައު އިންޖީނުގެއާއެކު، ރަސްދޫއަށް ބާރު ދުވެލީގައި އަންނަމުންދާ ތަރައްގީއާއި، ލޯކަލް ޓުއަރިޒަމް ވިޔަފާރިއަށް އިތުރު ތަރައްގީއާއި، ކުރިއެރުން ލިބި، ސްޓެލްކޯއިން ރަނގަޅު ހިދުމަތެއް ރަސްދޫގައި ދިނުމަށް އުންމީދު ކުރާ ކަމުގައި ސްޓެލްކޯއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް