ހިމަންދޫގެ އުމްރާނީ ތަރައްގީއަށް އިތުރު ބޮޅެއް: އިންޖީނުގޭ އައު އިމާރާތް

އއ. ހިމަންދޫގައި ސްޓެލްކޯއިން އިމާރާތްކުރާ އައު އިންޖީނުގޭގެ ބިންގާ މިއަދު އަޅައިފިއެވެ. 4 މެގަވޮޓް ކެޕޭސިޓީއެއް ގާއިމް ކުރެވޭގޮތަށް އިމާރާތްކުރާ މި އިންޖީނުގެއާއި އޮފީސް އިމާރާތް ވެގެންދާނީ ހިމަންދޫގ...

18 Mar 2021 | 14:09

އއ. ހިމަންދޫގައި ސްޓެލްކޯއިން އިމާރާތްކުރާ އައު އިންޖީނުގޭގެ ބިންގާ މިއަދު އަޅައިފިއެވެ.

4 މެގަވޮޓް ކެޕޭސިޓީއެއް ގާއިމް ކުރެވޭގޮތަށް އިމާރާތްކުރާ މި އިންޖީނުގެއާއި އޮފީސް އިމާރާތް ވެގެންދާނީ ހިމަންދޫގެ މަލަމަތި ބަދަލުކޮށްލާނެ ރީތި ތަފާތު ޒަމާނީ ބިނާއަކަށް ކަމަށް ސްޓެލްކޯއިން ބުނެއެވެ.

ސްޓެލްކޯއިން ހިދުމަތް ދެމުންގެންދާ ރަށްތަކުގެ ތެރެއިން އއ. ހިމަންދޫ އަކީ ރަށަށް އަންނަމުންދާ ތަރައްގީއާއި ކުރިއެރުމަށް ބަލާއިރު، އެރަށަށް ކަރަންޓުގެ ހިދުމަތްދޭ އިންޖީނުގެ ކުޑަވެ، އިތުރު އިންޖީނު ބަހައްޓާނެ ޖާގައެއް ނެތް ރަށެކެވެ.

އެއާއެކު، ހިމަންދޫއަށް އަންނަމުންދާ ކުރިއެރުމާއި، ތަރައްގީއާ އެއްވަރަށް ކަރަންޓުގެ ހިދުމަތް ދިނުމަށް ދަތިތަކެއް ކުރިމަތިވެފައި. ވާ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

އެދަތިކަން ފިލުވުމަށް ކުރަމުންގެންދާ މަސައްކަތުގެ ތެރެއިން، ހިމަންދޫ އިންޖީނުގެ ހުރި ބިމަށް އިތުރު ކޮށްދީފައިވާ ބިމާއެކު ސްޓެލްކޯއިން ވަނީ މުޅިން އައު އިންޖީނުގެއެއް އެތަނުގައި އެޅުމުގެ މަސައްކަތް ކުރަން ފަށާފައެވެ.

ސްޓެލްކޯއިން އަލަށް މިއަޅާ އިންޖީނުގޭގެ އިމާރާތާއެކު ހިމަންދޫގެ މަލަމަތި ބަދަލްކޮށްލާނެކަ ކަމަށް ސްޓެލްކޯއިން ބުނެއެވެ.

އެގޮތުން މިހާރު ހުރި 533 ކިލޯވޮޓްގެ އިންޖީނުގޭގެ ބަދަލުގައި މުސްތަގުބަލުގައި ރަށަށް އަންނާނެ ކުރިއެރުމާއި، ތަރައްގީއަށް އަދި ދުރު މުސްތަގުބަލަށް ވިސްނާ، އަޅާ 4 މެގަވޮޓްގެ ޒަމާނީ އިންޖީނުގެ ވެގެންދާނީ ހިމަންދޫއަށް ޒިޔާރަތްކުރާ ދަތުރުވެރިންނަށްވެސް ތަރައްގީގެ މުޅިން އައު ތަފާތު މަންޒަރެއް ފެނިގެންދާނެ އިންޖީނުގެ އަކަށެވެ.

ކަސްޓަމާސާވިސް އިމާރާތަކާއެކު އަޅާމި އިންޖީނުގޭގެ އެންމެ ތިރީބައި ކަސްޓަމަރުންނަށް ހިދުމަތްދޭން ހާއްސަކޮށްފައިވާއިރު، ފުރަތަމަ ފަންގިފިލާ އިމާރާތްކުރެވިގެންދާނީ މުވައްޒަފުންގެ ހުނަރު އިތުރު ކުރުމަށް އޮންލައިން ޓްރެއިނިން ދިނުމަށާއި، މީޓިންތައް ބޭއްވޭނެ އިންތިޒާމްތަކާއެކުގައެވެ.

އަދި ކޮވިޑްގައި ކުރެވުނު ތަޖުރިބާތަކާއެކު، އެ އިމާރާތުގެ ދެވަނަ ފަންގިފިލާ އިމާރާތްކުރެވޭނީ، އެފަދަ ކާރިސާގެ ހާލަތެއް މެދުވެރިވެއްޖެ ނަމަ މުވައްޒަފުންނަށް ލޮކްޑައުންވެގެން ތިބެވޭނެ ފަދަ ގޮތަކަށް ކަމަށް ސްޓެލްކޯއިން ބުނެއެވެ.

މީގެ އިތުރުން ޑިޒައިނިން މަރުހަލާގައި އެ އިންޖީނުގެއަކީ އަޑުމަޑު ތަނަކަށް ހެދުމަށްޓަކައި މަސައްކަތްތަކެއް ކުރެވިފައިވާއިރު، ތިމާވެއްޓާއި ރައްޓެހި ތަނަކަށް ހެދުމަށްޓަކައި، ސޯލާ ޕެނަލްތަށް އެ އިމާރާތުގައި ހަރުކުރާނެއެވެ.

މީގެ އިތުރުން މުޅި އިންޖީނުގެއަކީވެސް އުސްކޮށް އިމާރާތް ކުރެވި، ވެންޓިލޭޝަން ރަނގަޅު، މަސައްކަތުގެ މާހައުލުގައި ރައްކާތެރިތަނެއްގެ ގޮތުގައި ހެދިގެންދާނެ ކަމަށް އެ ކުންފުނިން މައުލޫމާތު ދެއެވެ.

ހިމަންދޫގެ އައު އިންޖީނުގެއާއެކު، ހިމަންދޫގެ އުމްރާނީ ތަރައްގީއަށް އިތުރު ކުރިއެރުމާއި، ފާހަގަތިކަން ލިބި، ހިމަންދޫ ރައްޔިތުންނަށް އައު ފަސޭހަތަކަކާއި ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް އުންމީދު ކުރާކަމުގައިސްޓެލްކޯއިން ބުނެއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް