ސިލްސިލާ ވާހަކަ: ޒާރާ - އަށްޑިހަ ދެވަނަބައި

ބެލްކަނީގެ ދަނގަޑު ތޭރިތަކުގައި ހިފަހައްޓާލުމަށްފަހު ޒާރާ ތިރި ބަލާލިއެވެ. އޭނާއަށް އެހުރެވުނީ ދިހަބުރީގެ އުސް އިމާރާތުގެ އެންމެ މަތީގައެވެ. ދެލޯމަރާލުމަށްފަހު ފުންމާލަން ޒާރާ ބޭނުންވިއެވެ. އެއީ އޭނާގ...

18 Mar 2021 | 07:08

ބެލްކަނީގެ ދަނގަޑު ތޭރިތަކުގައި ހިފަހައްޓާލުމަށްފަހު ޒާރާ ތިރި ބަލާލިއެވެ. އޭނާއަށް އެހުރެވުނީ ދިހަބުރީގެ އުސް އިމާރާތުގެ އެންމެ މަތީގައެވެ. ދެލޯމަރާލުމަށްފަހު ފުންމާލަން ޒާރާ ބޭނުންވިއެވެ. އެއީ އޭނާގެ އެންމެ ފަހުގެ ނިންމުމެވެ.  ފަހުދުގެ އުނދަގުލާ ތުރާލުން ސަލާމަތްވެވެން އޮތް ހަމައެކަނި ގޮތަކީ އެއީއެވެ. އެއީ ހުރިހާ ލަދަކާ ބަދުނާމަކުން އޭނާއަށް ސަލާމަތް ވެވެންއޮތް ހަމައެކަނި ގޮތްވެސް މެއެވެ. އޭނާގެ ސިނކުޑި ބުނާ ބުނުމަށް އިޖާބަދޭން އޭނާ ނިންމިއެވެ. އެނޫންގޮތެއް އޭނާއަށް ނެތްކަމުގައި ގަބޫލުކުރެވޭތީއެވެ.

''އަހަރެން ވަރުބަލި ވެއްޖެ............. ވަރަށް ވަރުބަލިވެއްޖެ.......... ދެން އިތުރަށް ހިތްވަރު ކުރެވޭހާ ހަކަތައެއް މި ޒާރާގެ ކިބަޔަކު ނެތް............އިމްރާން އަހަންނަށް މާފުކުރާތި......... '' އޭނާ އަމިއްލަ ނަފުސަށް އިވޭވަރަށް ބުނެލިއެވެ.

ފުންމާލުމަށްޓަކައި ހަށިގަނޑަށް ގެނައި ހަރަކާތާއެކު ޒާރާ ހުއްޓުން އެރިއެވެ. ޒިލީގެ ރުއިމުގެ އަޑު ކަންފަތުގައި ޖެހުމާއެކު މަރާލާފައިވާ އޭނާގެ ދެލޯ ތަންމިނަށް ހުޅުވާލެވުނެވެ.

''ޒިލީ...........'' ޒާރާއަށް ބޭއިޚްތިޔާރުގައި އޭނާގެ ލޯބިވާ ދަރިފުޅުގެ ނަން ކިޔާލެވުނެވެ. ޒިލީއާ ދޭތެރޭ ވިސްނާލެވުނެވެ. އެ މައުސޫމް މޫނު ޒާރާގެ ލޯ ކުރިމަތީގައި އެނބުރިގަތެވެ. ޒާރާ އެތަނުން ފުންމާލައިގެން އަމިއްލަ ނަފުސު ގަތުލުކޮއްލައިފިނަމަ އެ ދަރިފުޅުގެ ރުއިމުގެ އަޑު އަހާނެ މަންމައަކު ނުހުންނާނެއެވެ. އެ ދަރިފުޅަށް ލޯތްބާ އަޅާލުންދީ ފިރުމާނެ މަޔަކުނެތި އެ ދަރިފުޅު ބިކަވާނެއެވެ. ޒާރާ ނެތް ދުނިޔެއެއްގައި ޒާރާއަށް ޖެހުނު ހާލަށްވުރެ ނިކަމެތި ހާލެއް އެ ދަރިފުޅަށް ޖެހުމަކީވެސް ދުރުކަމެއް ނޫނެވެ. ދޮންމަންމަ އެއްގެ ނުބައިކަމާ ނުލަފާކަން އެންމެ ރަނގަޅަށް ތަޖުރިބާ ކުރެވުނު އެކަކީ ޒާރާއެވެ. އެފަދަ އެހެން ދޮންމަންމަ އެއް އެ ދަރިފުޅަށް ލިބުމަކަށް ޒާރާ ނޭދެއެވެ.

ކުރެވެން އުޅުނު ބޮޑު ފާފަ ހިތަށް އައުމާއެކު ޒާރާ ބިރުން ތުރުތުރު އަޅައިގަތެވެ.

''ދަރިފުޅާ...........'' މައިދައިތަ ޒާރާއަށް ގޮވާއަޑު އިވުނެވެ. ސިޓިންރޫމު ބޮކިތައް ދިއްލުނެވެ. މުޅިތަން އުޖާލާވެގެން ދިޔައެވެ.

އަވަސް ފިޔަވަޅު އަޅަމުން ޒާރާ އެތެރެއަށް ވަނެވެ.

''މިއޮއް ދަންވަރު.............ބޭރުގަ ކީއްތިކުރަނީ.............. '' މައިދައިތަ އެ ސުވާލު ކުރާނެކަން ޒާރާއަށް އެނގެއެވެ.

''ހޭލެވުނީމަ ހިތަށް އެރީ ބޭރުބަލާލާނަމޭ........... އެހެންވެ ނިކުމެލީ..............'' ޒާރާ ގަސްދުގައި ދޮގުހެދިއެވެ. މައިދައިތަގެ ދެލޯ އެވަގުތު އަމާޒުވެފައިވަނީ ޒާރާލައިގެން ހުރި ހެދުމަށްކަން ޔަގީނެވެ.

''ކޯއްޗެއް ހެދުމުގަ ތިހުރީ............ '' މައިދައިތަ އިޝާރާތްކުރީ ޒާރާގެ މޭމަތިން ހެދުމުގައި އޮރެންޖުކުލަ އަރާފައިވާ ބަޔަށެވެ. ފަހުދުގެ ބިރުވެރި ސޫރަ އެވަގުތު ޒާރާގެ ހިތަށް ސިފަވިއެވެ. އެ ހިނދުކޮޅު ހަނދާނަށް އައިސް މީހާ ހުއްޓުން އެރިއެވެ. އެ ބިރުވެރި ވަގުތުކޮޅުގެ މަންޒަރުތައް ސިފަވުމުން ޒާރާގެ ގައިން ހީބިހި ހިލުވާލިއެވެ.

'' ބޮލުގަ ރިއްސާފަ ހުންނާތީ .........ޖޫސްތައްޓެއް އަޅަން އުޅެނިކޮއް..... ޕެކެޓް  ގަޔަށް އެޅުނީ........ '' ޒާރާ އިސްޖަހާލިއެވެ.

''ދަރިފުޅު ދޭ އެމަންޖެ ހުއްޓުވަން............ މަންމަ ދާނަން ޖޫސްތައްޓެއް ހިފައިގެން............ '' ޓެރަސްއިން ބޭރަށް ނިކުންނަންހުރި ދަމާދޮރު ލައްޕާލަމުން ސަރީފާ ހިނގައިގަތީ އައިސް އަލަމާރިއާ ދިމާއަށެވެ.

''މިހާރު ބޮއެފީމޭ މަންމާ......... '' ޒާރާގެ ޖަވާބު އިވުމުން އިތުރު އެއްޗެކޭ ނުބުނެ ސިޓިންރޫމް ނިއްވާލުމަށްފަހު މައިދައިތަ ޒާރާގެ ފަހަތުން އެތެރެއަށް ވަނެވެ.

***********

ފަތިސްނަމާދުގެ ބަންގީގެ އަޑުން މުޅި މާލެ ގުގުމާލައިފިއެވެ. ޒާރާ މުސައްލަ މަތީގައި އިނދެ އިންތިޒާރު ކުރަމުން އެދަނީ އެވަގުތަށެވެ. ޒާރާއަކީ ނަމާދު އަޅާކުއްޖެއް ނޫނެވެ. އެހެންނަމަވެސް ފަހަކަށް އައިސް ނަމާދު ވަގުތުގައި ކުރުމަށް ވަނީ ފަރުވާކުޑަ ކުރެވިފައެވެ.

ބަންގި ނިމުމުން ނަމާދު ކޮއްލިއެވެ. ޒާރާއަށް ކުރެވެން އުޅުނު ފާފައަށް ތައުބާވިއެވެ. އިޚްލާސްތެރި ހިތަކާއެކު، އެތައް އިރަކު ސަޖިދައިގައި އޮވެ ޒާރާ ދުޢާކުރިއެވެ. ހެއްދެވިފަރާތުން ރަޙްމަތާ އޯގާތެރިކަމާ ރައްކާތެރިކަން އެދި ކަރުނަ އޮހޮރުވިއެވެ. ޒާރާއަށް ދިމާވެފައިވާ ހިތްދަތި ކަމުން ސަލާމަތް ކޮއްދެއްވާތޯ އާދޭސް ދެންނެވުމުގައި ވަގުތު ހޭދަކުރިއެވެ.

ނަމާދު ކޮއްލުމުން ހިތަށް ހަމަޖެހުން ލިބުނުކަމުގެ އިހްސާސް ޒާރާއަށް ކުރެވުނެވެ. ނިދާފައިއޮތް އޭނާގެ ދަރިފުޅު ނަގާ ބޮޑު އެނދަށް ލުމަށްފަހު ދަރިފުޅު ގާތުގައި ޒާރާ އޮށޯވެލިއެވެ. ދަރިފުޅުގެ މޫނާ މޫނު ކައިރި ކޮއްލަމުން ޒާރާ ލޯމަރާލިއެވެ. ޚިޔާލާ ފިކުރުގެ ކަނޑެއްގައި ފަތަމުން ދަނިކޮއް ޒާރާއަށް ނިދުނީއެވެ.

''ޒާރާ.............'' ޒާރާ ސިއްސައިގެން ދިޔައީ މައިދައިތަ އައިސް އޭނާއާ ދިމާއަށް ހަޅޭއްލަވައިގަތުމުންނެވެ. އެހާ ވަރަށް މައިދައިތަ ރުޅިއައިސްފައި ހުއްޓާ ޒާރާއަށް ފެނިފައެއް ނުވެއެވެ. އޭނާ އިތުރަށް ކަންބޮޑުވީ ސަރީފާގެ ފަހަތުގައި ހުރި އިމްރާން ފެނުމުންނެވެ. އިމްރާނުގެ މޫނުންވެސް ފާޅުވަމުން ދަނީ ރުޅިވެރިކަމެވެ.

''ކަލޭ ތީ ކޮންކަލަ އަންހެނެއް........... މަގޭ އިމްރާނުގެ އަތްންބެއްގެ ގޮތުގައި ހުރެގެން ކަލޭ ތި ހާވާ ހުރިހާ ހަޑިއެއް މަށަށް އެނގޭ............. ތީ މުޑުދާރު އަންހެނެއް........ ލަދެއް ހަޔާތެއް ނެތެއްނު..........'' ސަރީފާ އެތިވަރު ގޮވައިގަތެވެ.

އެވަގުތު އިމްރާން ކުރިއަށް ޖެހިލިއެވެ. ޒާރާގެ އަތުގައި ހިފާ ދަމައިގަތް ގަތީނުން އެނދުން ވައްޓާލިއެވެ. އެއީ ހަމަ އިމްރާނުބާއޭ ޒާރާގެ ހިތަށް އެރިއެވެ.

''ބަލާބަލަ ހުރި ގޮތްކުޑަކަން........... '' ޒާރާގެ އަތުން ދޫކޮއްލަމުން އިމްރާން ދުރަށް ޖެހިލިއެވެ. އިމްރާނުގެ މޫނަށް ޒާރާ ބަލާލިއެވެ. އެ މޫނުން ޒާރާއަށް ފެނުނީ އިންތިހާ ނަފުރަތާ ނުރުހުމުގެ އަސަރުތަކެވެ. އެއީ މީގެކުރިން ދުވަހަކުވެސް އެ މޫނުން ޒާރާއަށް ފެނުނު ކުލަތަކެއް ނޫނެވެ.

''އިމްރާން........ އަހަރެން ................'' އިމްރާންގެ މޫނަށް ބަލަންއިނދެ ޒާރާ ވާހަކަދެއްކި ނަމަވެސް އަތުގެ އިޝާރާތުން އިމްރާން ޒާރާގެ ވާހަކަ ހުއްޓުވިއެވެ.

''އެއްވެސް ވާހަކައެއް އަޑުއަހާކަށް ބޭނުމެއް ނޫން........... މަށަށް ޒާރާ އިތުރަށް ކިޔައިދޭންޖެހޭ އެއްވެސް އެއްޗެއް ނެތް މިހާރަކު............ '' އިމްރާން ހަޅޭއްލަވައިގަތެވެ. އެ އަޑަށް ސިހިގެންގޮސް ޒިލީ ރޯންފެށިއެވެ. އެވަގުތު ސަރީފާ އަވަސް އަވަހާ ޒިލީ އުރާލާ އެމަންޖެ ހުއްޓުވޭތޯ މަސައްކަތް ކުރިއެވެ. އެހެން ނަމަވެސް ޒިލީ ރުއިން ހިނދެއް ހިނދަކަށް ދިޔައީ ގަދަވަމުންނެވެ.

ޒިލީގެ ރުއިމުގެއަޑުން އިމްރާންގެ ހިތަށް އެއްވެސް އަސަރެއް ނުކުރިނަމަވެސް ޒާރާއަކަށް ކެތެއް ނުވިއެވެ. ތެދުވެގެން ޒިލީއާ ދިމާއަށް ދުއްވައިގަނެވުނެވެ. އެވަގުތު ޒާރާގެ ހެދުމުގައި އިމްރާން ހިފެހެއްޓިއެވެ. އަދި ދުރައް ކޮއްޕާލިއެވެ. އިމްރާނުގެ އެ ހަރަކާތުގެ ސަބަބުން ޒާރާއަށް ރޮއެގަނެވުނެވެ.

''ތި މުޑުދާރުއަތުން ޒިލީގައިގަ އަތްލައިގެން ނުވާނެ............ ކަލެއަކީ މަކަރުވެރި ގޮތްކުޑަ އަންހެނެއް ........... '' އިމްރާން ބާރަށް ހަޅޭއްލަވައިގަތެވެ. އަދި ޒާރާއާ ގާތައްޖެހިލިއެވެ. އިމްރާންގެ ދެއަތުން ޒާރާގެ ކަރުގައި ހިފަހައްޓާލިއެވެ. އިނގިލިތަކަށް ބާރުލާ ކަރަށް ފިއްތަމުން ދިޔައިރު ޒާރާގެ ނޭވާ ދިޔައީ ހާސްވަމުންނެވެ.

''އިމްރާން.............'' ނިކަން އުދަގުލާއެކު ޒާރާގެ އަޑު ނިކުތެވެ. ވޭނީ ރިހުމެއް އެކުލެވިފައިވާ އަޑަކުން އިމްރާނަށް ގޮވާލެވުމާއެކު، އޭނާގެ އަމިއްލަ އަޑު ކަންފަތުގައި ޖެހި ޒާރާއަށް ލޯ ހުޅުވާލެވުނެވެ. ވަށައިގެން ހޯދާލެވުނެވެ. އެއްވެސް މީހަކު ފެންނާކަށް ނެތެވެ. ކޮޓަރިތެރޭގައިވަނީ ފުން ހަމަހިމޭންކަމެވެ. ނުހަނު ގާތުގައި އޭނާގެ ލޯބިވާ ދަރިފުޅު ޒިލީ ނިދާލާފައި އޮތެވެ.

ޒާރާއަށް ފުން ނޭވާއެއް ދޫކޮއްލެވުނެވެ. ފެނުނީ ހުވަފެނެކެވެ. އެހެނަސް އެ ހުވަފެނުގައި ފެނުނު ކަންތައްތަކަކީ ޒާރާ އަށް ހިތުން ފިލުވާލަން ފަސޭހަ ކަންތައްތަކަކަށް ނުވިއެވެ. ޒާރާއަށް ވިސްނާލެވުނެވެ. އެ ބިރުވެރި ހުވަފެނާ ދޭތެރޭގައެވެ.

އޭނާގެ 'އެ ސިއްރު' އެނގޭ ދުވަހަކުން ހަޤީގަތުގައިވެސް އިމްރާން ކަންތައްކުރާނީ އެފަދަ ގޮތަކަށް ބާވައޭ ޒާރާގެ ހިތަށްއެރިއެވެ. އެދުވަހަކުން ޒާރާގެ ދަރިފުޅު އިމްރާން އަތުލާފާނެ ބާވައެވެ. ޒާރާދެކެ އިންތިހާއަށް ލޯބިވާ މައިދައިތަ ވެސް އެފަދަ ދުވަހެއް އަތުވެއްޖެނަމަ ޒާރާއަށް ދައްކާނީ ރުޅު މޫނު ބާވައެވެ. ޒާރާގެ އަމިއްލަ ނަފުސާ ކުރެވުނު ސުވާލު ކޮއްލެވުނެވެ. އޭނާގެ ސިނކުޑި ހާސްވަނީއެވެ. ލޮލުން ކަރުނަ ނީރާލިއެވެ.

''ޔާ ﷲ........... މިއަޅާ މި މުސީބާތުން ސަލާމަތް ކުރައްވާނދޭވެ! ............. މިއަޅާގެ ހިތުގައިވާ އުދާސްތައް ފިއްލަވާ ހަމަޖެހުން މިންވަރު ކުރެއްވާދޭނވެ!................ އިމްރާނުގެ ލޯބިން މަހްރޫމް ވާނެ ފަދަ އެއްވެސް ކަމެއް ކުރިމަތި ނުކުރައްވާދޭނވެ!.............'' ޒާރާ ދެއަތް މައްޗަށް އުފުލާ ދުޢާކޮއްލީ ނިކަމެތި ކަމާއެކުގައެވެ. ޒާރާގެ ލޮލުން ކަރުނަ ފާއްދާލީ ހިތަށް ލިބުނު ވޭނާ ކެކުޅުމުގެ ސަބަބުންނެވެ.

އެވަގުތު ކޮޓަރީގެ ދޮރުގައި މީހަކު ޓަކިޖަހާ އަޑު އެވުނެވެ. ޒާރާގެ ހިތް ތެޅިގަތެވެ. ހާސްވެ ކަންބޮޑު ވެއްޖެއެވެ. ޒާރާއަށް ބަލާލެވުނީ ދޮރާދިމާއަށެވެ. މިހާރު ކޮންމެ ކަމަކުންވެސް އޭނާއަށް އިހްސާސްކުރެވެނީ ބިރުވެރިކަމެވެ.

----------------------------------------------------------------------

ނުނިމޭ... ވާހަކައިގެ އާ ބައެއް، އިންޝާﷲ، 23 މާރިޗް ވާ އަންގާރަ ދުވަހު ގެނެސްދެވޭނެ. އިންތިޒާރުކޮށްލައްވާ....

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް