މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، އަތޮޅު ތެރޭގައި ހިންގި މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި ބަނގުރާ ހޯދައި އަދި މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައި ވާ ކަމަށް ފުލުހުން ބުނެފިއެވެ.
އެގޮތުން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނަކީ ބ. ދަރަވަންދުއަށްދާ ފްލައިޓަކުން މަސްތުވާތަކެތި ގެންދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެކެވެ.
މި މާރިޗު މަހުގެ 17 ވަނަ ދުވަހު ދަރަވަންދޫ ޕޮލިސް ޑެސްކާއި އިންޓެލިޖެންސް ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ދަރަވަންދޫ އެއާޕޯޓުން 21 އަހަރުގެ މީހަކު ހައްޔަރުކޮށް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި 16 ސެލޯފިންކޮޅު ފެނިފައި ވާ ކަމަށް ފުލުހުން ބުނެއެވެ.
ބަނގުރާ ހޯދާފައިވަނީ މި މާރިޗު މަހުގެ 17 ވަނަ ދުވަހު ލ. ގަން ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނުގައެވެ.
ގަން ޕޮލިސް ސްޓޭޝަނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އެ އޮޕަރޭޝަނުގައި ގަން، ތުނޑި ފަޅު ގޯއްޗެއް ބަލައި ފާސްކުރިއިރު ހަ ފުޅި ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން ބުނެއެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރުކޮށްފައި ނުވާއިރު، މި ދެ މައްސަލަވެސް ފުލުހުން ތަހުގީގު ކުރަމު ދާ ކަމަށް ފުލުހުން ބުނެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް