ޗައިނާއިން ސިނަފޯމް ވެކްސިންގެ ދެ ލައްކަ ޑޯޒް އަނގަބަހުން ރާއްޖެއަށް ދީފައިވާއިރު، އެ ވެކްސިން ބޭނުންނަމަ ރާއްޖެއިން ޖެހޭނީ އެ ވެކްސިން ބަލާ އެ ގައުމަށް ދާން ކަމުގައި އަންގައިފިއެވެ.
ޗައިނާއިން ދެ ލައްކަ ޑޯޒް ވެކްސިން ރާއްޖެއަށް ހަދިޔާކޮށްފައިވަނީ ދެ ބުރެއްގެ މަތިންނެވެ. އެއީ އެއް ފަހަރު އެއް ލައްކަ ޑޯޒް އަދި ދެވަނަ ފަހަރު އެއް ލައްކަ ޑޯޒެވެ. އެ ޑޯޒްތައް ހަދިޔާކުރި އިރު އެ ޖެހޭނީ ބަލާ ދާންކަން ބުނެފައެއް ނުވެއެވެ.
ނަމަވެސް ދުވަހަށް މައުލޫމާތު ލިބިފައިވާގޮތުގައި ޗައިނާއިން މިހާރު އަންގާފައިވަނީ އެ ވެކްސިން ރާއްޖެއިން ބޭނުން ނަމަ އެ ވެކްސިން ރާއްޖެ ގެނައުމުގެ އިންތިޒާމު ރާއްޖެއިން ކުރަން ޖެހޭނީ އަމިއްލައަށް ކަމަށް ބުނެފައެވެ. ކަން މިހެން ވުމުން މިކަމަށް ރާއްޖެއިން ބޮޑު ކޯސްޓެއް "ބެއަރ" ކުރަން ޖެހި ވެކްސިން ދިނުމުގެ މަޝްރޫއަށް ބުރޫއަރާގޮތް މިވަނީ މެދުވެރިވެފައެވެ.
ދުވަހަށް މައުލޫމާތު ހިއްސާކުރި އޮފިޝަލަކު ވިދާޅުވީ އިންޑިއާއިން ރާއްޖެއަށް ދިން ދެ ލައްކަ ޑޯޒް ހަދިޔާކުރިކަން އިއުލާނުކުރީ ވެސް ރާއްޖެއާއި ހަމައަށް ގެނެސްދީފައިކަމަށާއި ޗައިނާއިންވެސް އެ ގައުމާ ދުރު، އެފްރިކާގެ ބައެއް ގައުމުތަކަށްވެސް ވެކްސިން ހަދިޔާ ކުރީ ގެންގޮސްދިނުމަށްފަހުގައި ކަމަށްވާއިރު ރާއްޖެއަށް ހަދިޔާކުރި ވެކްސިން ބޭނުންނަމަ ޖެހޭނީ ބަލާ ދާންކަން އެންގުމަކީ ކުރި ޖެއްސުމެއްގެ ގޮތުގައި އޮފިޝަލް ސިފަކުރިއެވެ.
ދުވަހަށް އެނގިފައިވާގޮތުގައި ޗައިނާގެ ވެކްސިން، ސިނަފޯމަށް ހުއްދަ ލިބުން ލަސްވެގެން ދިޔައީވެސް ޗައިނާއިން އެ ކަމަށް ބޭނުންވާ މައުލޫމާތު ފޯރުކޮށްދިނުން ލަސްވެގެން ދިއުމުންނެވެ. އެގޮތުން އެ ވެކްސިނަށް ހުއްދަ ދިނުމަށް ބޭނުންވާ މައުލޫމާތު ރާއްޖެއަށް ޗައިނާއިން ފޯރުކޮށްދިނީ ދެވަނަ ލައްކަ ޑޯޒް ރާއްޖެއަށް ނަމެއްގައި ހަދިޔާކުރުމަށްފަހުގައި ކަމަށްވެސް ދުވަހަށް މައުލޫމާތު ލިބިފައިވެއެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް