ކޯވިޑް-19: ފްލޫ ކްލިނިކްތަކަށް ދެއްކި 121 މީހަކު ވައިރަހަށް ޓެސްޓު ކުރި

ކޮރޯނާ ވައިރަސް އާއި ގުޅިގެން ހެލްތް މިނިސްޓްރީން މާލޭގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކްތަކަށް ޑޮކްޓަރަށް ދެއްކި121 މީހަކު ކޮރޯނާ ވައިރަހަށް ޓެސްޓު ކުރި ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރު...

18 Mar 2020 | 18:07

ކޮރޯނާ ވައިރަސް އާއި ގުޅިގެން ހެލްތް މިނިސްޓްރީން މާލޭގައި ގާއިމްކޮށްފައިވާ ފްލޫ ކްލިނިކްތަކަށް ޑޮކްޓަރަށް ދެއްކި121 މީހަކު ކޮރޯނާ ވައިރަހަށް ޓެސްޓު ކުރި ކަމަށް ނެޝަނަލް އެމަޖެންސީ އޮޕަރޭޝަން ސެންޓަރުން ބުނެފި އެވެ.

މާލޭގައި ހުޅުވާފައިވަނީ އާންމުކޮށް ޖެހޭ ރޯގާ އާއި ހުމަށް ހާއްސަކޮށްގެން ސެނަހިޔާގައި ހުޅުވާފައިވާ ފްލޫ ކްލިނިކް، ޓްރެވަލް ކްލިނިކް އަދި ހުޅުމާލޭގައި ބިދޭސީންނަށް ހާއްސަކޮށްގެން ހުޅުވާފައިވާ ކްލިނިކެކެވެ. އެތަންތަން ހުޅުވުމުގެ ބޭނުމަކީ ހޮސްޕިޓަލްތަކަށް މީހުން ދިއުން މަދު ކުރުވުމެވެ.

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެ ކްލިނިކްތަކަށް މިހާތަނަށް ޑޮކްޓަރަށް ދެއްކި މީހުންގެ ތެރެއިން ރޯގާ އާއި ހުން އައިސްގެން ސީރިއަސް ހާލަތަކަށް ދިޔަ މީހުންގެ ތެރެއިން121 ފަރާތެއް ޓެސްޓު ކުރިކަމަށެވެ. އެކަމަކު އެ އެންމެންވެސް ކޮރޯނާ ވައިރަހަށް ނެގެޓިވް ވެފައިވާ ކަމަށެވެ.

މަބްރޫކު ވިދާޅުވީ އާދައިގެ ރޯގާތައް ޖެހުނަސް ހާލު ސީރިއަސް ނަމަ ވައިރަހަށް ޓެސްޓު ކުރަނީ ކޮރޯނާ ވައިރަސް ފެތުރުމުގެ ފުރުސަތު ވީހާވެސް ބޮޑަށް ހަނިކުރުމުގެ ބޭނުމުގައި ކަމަށެވެ. ރޯގާ ޖެހިގެން ހާލު ސީރިއަސްވާ މީހުންގެ އިތުރުން ނިއުމޯނިއާ ޖެހޭ މީހުންވެސް ދަނީ ވައިރަހަށް ޓެސްޓު ކުރަމުންނެވެ.

މިރޭ ހާމަ ކުރި ތަފާސް ހިސާބަށް ބަލާއިރު ސެނަ ހިޔާގައި ގާއިމުކޮށްފައިވާ ފްލޫ ކްލިނިކަށް 860 މީހަކު، ސިނަމާލެ ކައިރީގައި ހަދާފައިވާ ޓްރެވަލް ކްލިނިކަށް 237 މީހަކު އަދި ބިދޭސީންނަށް ހުޅުމާލޭގައި ހާއްސަކޮށްފައިވާ ކްލިނިކަށް 65 މީހަކު ޑޮކްޓަރަށް ދައްކާފައިވެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް