ރާއްޖެ ލޮކް ޑައުނެއް ނުކުރެވޭނެ، އިގްތިސޯދަކީ ޓޫރިޒަމް އެކަންޏެއް ނޫން: މަބްރޫކް

ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖެ އެއްކޮށް "ލޮކް ޑައުން" ނުކުރެވޭނެ ކަމަށް ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ. ވައިރަސް ރާއްޖެ އައިސް ފެތުރިދާނެ ކަމުގެ ބ...

18 Mar 2020 | 12:19

ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖެ އެއްކޮށް "ލޮކް ޑައުން" ނުކުރެވޭނެ ކަމަށް ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވެއްޖެ އެވެ.

ވައިރަސް ރާއްޖެ އައިސް ފެތުރިދާނެ ކަމުގެ ބިރަށް ގިނަ ބަޔަކާއި ހާއްސަކޮށް މެޑިކަލް އެސޯސިއޭޝަނުންނާއި ދީނީ އިލްމުވެރިން ވަނީ ރާއްޖެ ލޮކް ޑައުން ނުވަތަ ރާއްޖެއަށް ވަދެވޭ ހުރިހާ ދޮރުތަކެއް ބަންދު ކުރުމަށް ގޮވާލާފައި އެވެ. މިއަޑުތައް ގަދަވާން ފެށުމުން މިކަމާ ގުޅޭގޮތުން ސުވާލު ކުރިޔަސް މާ ގިނަ ވާހަކަތަކެއް ސަރުކާރުން ނުދައްކައެވެ.

މިއަދު މަބްރޫކް ވިދާޅުވީ ސީދަލަށް ބުނާނަމަ ރާއްޖެ ލޮކް ޑައުން ކުރެވެން ނެތް ކަމަށެވެ. އެކަމަކު ވައިރަހާއި ގުޅިގެން ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ހުރިހާ ގޮތަކަށް ސަރުކާރުން އަމަލު ކުރަމުންދާނެ ކަމަށެވެ.

އެގޮތުން ވައިރަސް ފެތުރުން ހުއްޓުވުމަށް އެޅެންހުރި ހުރިހާ ފިޔަވަޅެއް މިހާރުވެސް ދަނީ އަޅަމުން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ރާއްޖޭގެ ހުރިހާ ދޮރުތަކެއް ބަންދު ކުރެވެން ނެތްކަމަށް ތަކުރާރުކޮށް ވިދާޅުވި އެވެ. ސަބަބެއް ކަމަށް ނުސީދާކޮށް ވިދާޅުވީ ރާއްޖެއަކީ އިމްޕޯޓު މުދަލަށް ބަރޯސާވާން ޖެހިފައިވާ ގައުމަކަށް ވާތީ އެވެ.

މަބްރޫކް ވިދާޅުވީ އިގްތިސޯދު މާނަ ކުރަނީ ހަމައެކަނި ރާއްޖެއަށް އަންނަ ޓޫރިސްޓުންގެ އަދަދާއި އޭގެން ލިބޭ އާމްދަނީއަށް އެކަނި ބަލައިގެން ނޫންކަމަށެވެ. ރާއްޖޭގެ ރައްޔިތުންގެ ކެއިން ބުއިމާއި އަމިއްލަ ވިޔަފާރިތަކަކީވެސް އިގްތިސޯދު ކަމަށް އޭނާ ވިދާޅުވި އެވެ.

ލޮކް ޑައުން ކުރުމާއި ގުޅޭގޮތުން އިއްޔެ ޓުރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ އެނަން ބޭނުންކޮށްފައި ވައިގެ މަގުން އާދެވޭނެ ދޮރުތައް ބަންދު ނުކުރިޔަސް ރާއްޖެ މިއޮތީ ލޮކް ޑައުންއެއްގައި ކަމަށެވެ. ޓޫރިޒަމް ދާއިރާއަށް ބެލިޔަސް މިނިސްޓަރު ވިދާޅުވީ މިހާރު ރާއްޖޭގެ ބުކިންސް1،500 އަށްވުރެ ދަށްވެއްޖެ ކަމަށެވެ.

އެހެން ކަމުން އިތުރަށް ވައިގެ މަގާއި ކަނޑުގެ މަގު ބަންދު ކުރުމަށް ލޮކް ޑައުން ބޭނުން ކުރުމުގެ ބޭނުމެއް ނެތް ކަމަށެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް