ކޯވިޑް-19: ޕޮސިޓިވްވި މީހުން ރަނގަޅުވެއްޖެ ކަމަށް ބުނެވޭނެ ދުވަސް ކައިރިވެއްޖެ!

ރާއްޖޭގައި ކޮރޯނާ ވައިރަސްއަށް ޕޮސިޓިވް ވެގެން ފަރުވާ ދެމުންދާ މީހުން ބަލިން މުޅިން ފަސޭހަ ވެގެން ދޫކޮށްލަން ޖެހޭ ދުވަސް ވަރަށް ކައިރިވެއްޖެ ކަމަށް އެމީހުންނަށް ފަރުވާދެމުންދާ އައިޖީއެމްއެޗުގެ ނޭވާލާ ...

18 Mar 2020 | 11:13

ރާއްޖޭގައި ކޮރޯނާ ވައިރަސްއަށް ޕޮސިޓިވް ވެގެން ފަރުވާ ދެމުންދާ މީހުން ބަލިން މުޅިން ފަސޭހަ ވެގެން ދޫކޮށްލަން ޖެހޭ ދުވަސް ވަރަށް ކައިރިވެއްޖެ ކަމަށް އެމީހުންނަށް ފަރުވާދެމުންދާ އައިޖީއެމްއެޗުގެ ނޭވާލާ ނިޒާމުގެ ޑޮކްޓަރުންގެ ޓީމުން ބުނެފި އެވެ.

ރާއްޖޭގައި ކޮރޯނާ ވައިރަސް ޖެހިގެން13 މީހަކަށް ދަނީ ސަރުކާރުން ގާއިމްކޮށްފައިވާ ކަރަންޓީން ފެސިލިޓީތަކުގެ ފަރުވާ ދެމުންނެވެ. އެއީ ހުސް ބިދޭސީންނެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗުގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ ވައިރަސްއަށް ޕޮސިޓިވްވި މީހުންގެ ތެރެއިން މިހާރު ބަލީގެ އަލާމާތްތައް ފެންނަނީ ދެތިން މީހެއްގެ ގައިން ކަމަށެވެ. އެހެން އެންމެންގެ ހާލު މިހާރު ރަނގަޅު ކަމަށް ވިދާޅުވި އެވެ.

ހާލު ރަނގަޅު މީހުންގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލްގެ އައިސީޔޫގައި ފަރުވާ ދެމުންދާ އުމުރުން70 އަހަރުގެ އިޓަލީ ފިރިހެން މީހާވެސް ހިމެނެ އެވެ. ޑރ. މުރާދު ވިދާޅުވީ އޭނާއަށް އޮކްސިޖަން ދިނުން މިހާރު ހުއްޓާލާފައިވާ ކަމަށެވެ. އަދި އޭނާގެ ފުށުން ވައިރަހުގެ އަލާމާތްތައް ފެންނަމުން ނުދާ ކަމަށާއި އޭނާ އަމިއްލައަށްވެސް އެއްވެސް އުނދަގުލެއް އިހުސާސް ނުވާ ކަމަށް ބުނެފައިވާ ކަމަށް ވިދާޅުވި އެވެ.

އެހެން ކަމުން އެމީހުން މުޅިން ބަލިން ފަސޭހަވެ ދޫކޮށްލަން ޖެހޭ ދުވަސް ވަރަށް ކައިރި ވެއްޖެ ކަމަށް ޑރ. މުރާދު ވިދާޅުވި އެވެ.

އެކަމަކު މި އެންމެން ދޫކޮށްލާނީ ބަލީގެ ނިޝާންތައް އެއްކޮށް ފިލައިގެން ދިއުމުންނެވެ. އޭގެ ފަހުން ކޮންމެ މީހަކުވެސް ދެ ފަހަރު ކޮރޯނާ ވައިރަސްއަށް ޓެސްޓު ކުރާނެ އެވެ. އިތުރު 14 ދުވަހު ހޯމް އައިސޮލޭޝަންގައި ބައިތިއްބުމަށް ފަހު އެމީހުންނަކީ ކޮރޯނާ ވައިރަސް ޖެހިގެން ބަލި ރަނގަޅުވެފައި ތިބި ބައެއްކަމަށް ކަނޑައަޅާނީ އޭގެ ފަހުންނެވެ.

ޕޮސިޓިވްވެފައި ތިބި މީހުންގެ ތެރެއިން ދަރުމަވަންތަ ހޮސްޕިޓަލްގައި ސީރިއަސް ވެގެން ފަރުވާ ދެމުންދާ މީހާގެ އިތުރުން އޭނާގެ އަންހެނުން އައިސޮލޭޓޭޓް ކޮށްފައި އެބަ އޮތެވެ. އޭނާގެ ހާލު ސީރިއަސްއެއް ނޫނެވެ. އަނެއް11 މީހުންނަށް ފަރުވާދެމުންދަނީ ފަރުކޮޅުފުށީ އައިސޮލޭޝަން ފެސިލިޓީގައި އެވެ.

ރާއްޖެއިން ކޮރޯނާ ވައިރަސްއަށް ޕޮސިޓިވްވެފައިވާ ގިނަ މީހުންނަކީ އިޓަލީ މީހުންނެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް