ކޯވިޑް-19: ސައުދީގައި ގޭގައި ނަމާދު ކުރަން އެދި އިމާމު ބަންގި ގޮވަނީ ގިސްލާ ރޮމުން

ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެ ކޮންޓްރޯލް ކުރުމަށް ދަތިތަކާއި ކުރިމަތިވެފައިވާ މިދަނޑިވަޅުގައި ސައުދީ އަރަބިއްޔާގެ ސަރުކާރުން ރޭ ވަނީ ފަރުޟު ފަސް ނަމާދާއި ހުކުރު ނަމާދު މާތްވެގ...

18 Mar 2020 | 09:32

ކޮރޯނާ ވައިރަސްގެ ނުރައްކާތެރިކަން އިންތިހާއަށް ބޮޑުވެ ކޮންޓްރޯލް ކުރުމަށް ދަތިތަކާއި ކުރިމަތިވެފައިވާ މިދަނޑިވަޅުގައި ސައުދީ އަރަބިއްޔާގެ ސަރުކާރުން ރޭ ވަނީ ފަރުޟު ފަސް ނަމާދާއި ހުކުރު ނަމާދު މާތްވެގެންވާ ދެ ހަރަމް ފިޔަވާ ހުރިހާ މިސްކިތެއްގައި ކުރުން މަނާކޮށްފައި އެވެ.

ރޭ ފަތިސް ނަމާދުން ފެށިގެން ސައުދީގެ އެހެން ހުރިހާ މިސްކިތްތަކެއްގައި ގޮވަނީ ބަންގި އެކަންޏެވެ. އަދި ބަންގިއަށް ގޭގައި ނަމާދު ކުރުމަށް އެދޭކަމަށް ބުނާ ބައި އިތުރުކޮށްފައިވެ އެވެ. ރޭގެ ފަތިސް ނަމާދުގެ ބަންގި ސައުދީ މިސްކިތެއްގައި ގޮވި އަޑުގެ ވީޑިއޯ ކްލިޕެއް ސޯޝަލް މީޑިއާގައި މިހާރު ދަނީ ދައުރުވަމުންނެވެ.

އަޑުއަހަން އިނދެ ލޮލުން ކަރުނަ އާދެ އެވެ. އިމާމު ބަންގޮގޮވަމުން ގޮސް ގޭގައި ނަމާދު ކުރަން އެދޭކަމަށް ގޮވާ ހިސާބުން ގިސްލާ ރޯން ފަށައެވެ. އިސްލާމީ އުންމަތަށް މިސްކިތަށް ޖަމާއަތަށް ނަމާދަށް ނުދިއުމަށް އިލްތިމާސް ކުރުމަކީ އެއްވެސް އިމާމަކު ގޮވާލަން ބޭނުންވާނެ ކަމެއް ނޫނެވެ.

https://twitter.com/brgh_tumaer/status/1239959675937882112

ކޮރޯނާ ވައިރަސްގެ ސަބަބުން މީހުން އެއްވެ ނޫޅުމަށް ބާރު އެޅުމުގެ ގޮތުން ރާއްޖޭގެ އިތުރުން އިސްލާމީ ގިނަ ގައުމުތަކެއްގައި ޖަމާއަތުގައި ނަމާދު ކުރުން ވަނީ ހުއްޓާލާފައި އެވެ. އޭގެ ތެރޭގައި ކުވައިތު ފަދަ ގައުމުތައް ހިމެނެ އެވެ.

ރާއްޖޭގައިވެސް މާލެ، ވިލިމާލެ، ހުޅުމާލެ އަދި ހުރިހާ ރިސޯޓުތަކެއްގައި މިއަދު މެންދުރު ނަމާދުން ފެށިގެން ހޮނިހިރު ދުވަހުގެ އަސުރު ނަމާދާއި ހަމައަށް ޖަމާއަތުގައި ނަމާދު ކުރުން ވަނީ މެދުކަނޑާލާފައި އެެވެ. އަދި އެ ތަންތަނުގައި ހުކުރު ކުރުމެއްވެސް ނޯންނާނެ އެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް