ކޮރޯނާ ވައިރަސް އާއި ގުޅިގެން މިސްކިތްތަކުގައި ޖަމާއަތް ހަދައިގެން ނަމާދު ނުކުރުމަށް ނިންމާ ރާއްޖޭގައި ފުރަތަމަ ފަހަރަށް ގޭގައި ނަމާދު ކުރަން އެންދި ބަންގި ގޮވައިފި އެވެ.
މިއަދު މެންދުރު ނަމާދުގައި މާލެ، ވިލިމާލެ އަދި ހުޅުމާލެ އާއި ރާއްޖޭގެ ހުރިހާ ރިސޯޓެއްގެ ބަންގި ގޮވާފައިވަނީ ގޭގައި އަދާއަށް ނަމާދު ކުރުމަށް އެދި އެވެ. އެބައި ބަންގިއަށް އިތުރުކޮށްފައިވާއިރު ބަންގި ނިންމުމަށް ފަހު ދިވެހި ބަހުންވެސް ވަނީ އެބައި އިމާމް ކިޔާފައިވެ އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު މިއަދު ވިދާޅުވީ އަންނަ ހޮނިހިރު ދުވަހުގެ އަސުރު ނަމާދާއި ހަމައަށް ޖަމާއަތުގައި ނަމާދު ކުރުމާއި ހުކުރު ނުކުރާ ގޮތަށް ހަމަޖެއްސީ ގިނަ މީހުން އެއްވެ ނޫޅުމަށް ބާރު އެޅުމުގެ ގޮތުން ކަމަށެވެ. އަދި އެގޮތަށް ނިންމީ ދީނީ އިލްމުވެރިންނާއި އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މަޝްވަރާ އާއި އެކު ކަމަށެވެ.
މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދަށް ބަންގި ގޮވާނެ އެވެ. އަދި މިސްކިތްތައް ހުންނާނީ ހުޅުވާފައި ކަމަށާއި ގަވައިދުން މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރާނެ ކަމަށް މިިނިސްޓަރު ވިދާޅުވި އެވެ.
ރާއްޖޭގައި ފުރަތަމަ ފަހަރަށް ގޭގައި ނަމާދު ކުރުމަށް އެދި ބަންގި ގޮވުމުން ގިނަ ބަޔަކު ވަނީ އެކަމާ ހިތާމަ ކުރާކަމަށް ބުނެ ސޯޝަލް މީޑިއާގައި ޝުއޫރު ފާޅުކޮށްފައި އެވެ. އެގޮތުން ބައެއް ދީނީ އިލްމުވެރިން ވިދާޅުވެފައިވަނީ ކުރަން ބޭނުން ނުވިނަމަވެސް މިއީ މިވަގުތު އަޅަން މަޖުބޫރު ފިޔަވަޅެއް ކަމަށެވެ.
ރާއްޖޭގެ އިތުރުން ސައުދީ އަރަބިއްޔާ އާއި ގިނަ އިސްލާމީ ގައުމުތަކުން ވަނީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ރައްކާތެރި ކަމުގެ ފިޔަވަޅެއްގެ ގޮތުން ޖަމާއަތުގައި ނަމާދު ކުރުން މެދުކަނޑާލާފައި އެވެ. އަދި ބަންގި ގޮވާއިރު ގޭގައި ނަމާދު ކުރަން އެދެ އެވެ.
ސައުދީގައި ޖަމާއަތުގައި ނަމާދު ކުރުން ބަންދު ނުކުރަނީ މާތްވެގެންވާ މަސްޖިދުލް ހަރަމް އާއި މާތްވެގެންވާ މަސްޖިދުލް ނަބަވީގައި އެކަންޏެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް