ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލައިފި އެވެ.
މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް މިއަދުން ފެށިގެން މެދު ކަނޑާލާ ކަމަށެވެ. އަދި ދެން ޖަލްސާއެއް ބާއްވާނީ ކުއްލިއަކަށް ދިމާވާ ކަމަކާއި ގުޅިގެން ހާއްސަ ހާލަތެއްގައި ކަމަށެވެ.
ނަޝީދު ވިދާޅުވީ މަޖިލީހަށް ލިބިދާނެ ގެއްލުމަކަށް ސަލާމަތް ކުރުމަށް، ޖަލްސާތައް މެދުކަނޑާލުމުގެ ބާރާއި އިހުތިޔާރު މަޖިލީހުގެ ގަވާއިދުގެ 247 ވަނަ މާއްދާއިން މަޖިލީހުގެ ރިޔާސަތަށް ލިބިދީފައިވާ ކަމަށެވެ. އެކަމަކު މަޖިލީހުގެ ޒިންމާ މަޖިލީހުން ފުރިހަމަަ އަށް އަދާކުރަމުން ގެންދާނެ ކަމަށާއި ކޮވިޑް-19 ފެތުރޭ މި ހައްސާސް ވަގުތުގައި "މަޖިލިސް ބަންދެއް ނުކުރެވޭނެ" ކަމަށެވެ.
ޖަލްސާ ބާއްވަން ބޭނުންވާ ކޮންމެ ގަޑިއެއްގައި މެންބަރުންނަށް ދަންނަވާލުމުން އެއްވެވޭ ގޮތަށް ތިއްބެވުމަށް މަޖިލިސް މެންބަރުންގެ ކިބައިން ނަޝީދު އެދިވަޑައިގެންނެވި އެވެ.
މިއަދުގެ ޖަލްލސާގައި ނަޝީދު އިތުރަށް ވިދާޅުވީ މިއަދުން ފެށިގެން އިދާރީ މުވައްޒަފުން މަސައްކަތް ކުރާނީ ގޭގައި ކަމަށެވެ. އަދި ކުއްލި ޖަލްސާއެއް ބާއްވަން ޖެހޭ ފަދަ ހާލަތެއްގައިވެސް މަޖިލީހުގެ އިދާރީ މުވައްޒަފުން މަސައްކަތް ކުރާނީ ގޭގައި ތިބެގެން ކަމަށެވެ.
ނަޝީދު ވަނީ މި ދަނޑިވަޅުގައި މަޖިލީހުން ކޮންމެހެން ނިންމަން ޖެހިދާނެ ކަންކަމާއި ގުޅޭގޮތުން ވާހަކަފުޅުދައްކަވާފައި އެވެ. އެގޮތުން އިންތިހާބު ފަސް ކުރުމަށް ބޭނުންވާ ގާނޫނާއި އިންތިހާބު ނުބޭއްވި ދިގުލައިގެން ދާންޖެހޭ ހާލަތެއްގައި ގާނޫނީ ފަރުވާއެއް ހޯދުމުގެ އިތުރުން ވައިރަހާއި ގުޅިގެން މަޖިލީހުން ކޮށްދޭންޖެހޭ ކަމެއް އޮތްނަމަ އެކަމަކަށްވެސް މަޖިލީހުގެ ޖަލްސާއެއް ބާއްވަން ޖެހިދާނެ ކަމަށެވެ.
މިފަދަ ދަނޑިވަޅެއްގައި މަޖިލީހުގެ ގާނޫނީ ޒިންމާ އަދާކުރާނެ ކަމަށާއި، ސަރުކާރުން މަޖިލީހުގެ އެހީ ބޭނުންވާ ކޮންމެ ގަޑިއެއްގައި އެ މަސައްކަތަށް އަވަސްވެ ގަންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ނަޝީދު މިއަދު ވަނީ ދެއްވައިފަ އެވެ.
ކޮރޯނާވައިރަހާ ގުޅިގެން މާދަމާ އިން ފެށިގެން މި މަހުގެ 26 ވަނަ ދުވަހަށް ސަރުކާރު ބަންދުކުރަން ވެސް ވަނީ ނިންމައިފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް