މާލެ، ހުޅުމާލެ، ވިލިމާލެ އަދި ރާއްޖޭގެ ހުރިހާ ރިސޯޓެއްގައި ޖަމާއަތުގައި ނަމާދު ކުރުމާއި އަންނަ ހުރު ދުވަހުގެ ހުކުރު ކުރުން މެދު ކަނޑާލައިފި އެވެ.
އިސްލާމިކް މިނިސްޓްރީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވިދާޅުވީ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ނުކުރި ނަމަވެސް ފަރުޟު ފަސް ނަމާދަށް ބަންގި ގޮވާނެ ކަމަށެވެ. އަދި މިސްކިތްތައް ހުންނާނީ ހުޅުވާފައި ކަމަށާއި ގަވައިދުން މިސްކިތްތައް ސާފުކޮށް ބެލެހެއްޓުމުގެ މަސައްކަތް ކުރާނެ ކަމަށެވެ.
ބަންގި ގޮވާ ނިމުމަށް ފަހު ގޭގައި ނަމާދު ކުރުމަށް އަރަބި ބަހުންނާއި ދިވެހި ބަހުން އިމާމުން ގޮވާނެ ކަމަށް އިސްލާމިކް މިނިސްޓްރީ ބުނެ އެވެ.
މިގޮތަށް އަމަލު ކުރާނީ މިއަދު މެންދުރު ނަމާދުން ފެށިގެން އަންނަ ހޮނިހިރު ދުވަހުގެ އަސުރު ނަމާދާއި ހަމައަށެވެ.
https://twitter.com/MVIaffairs/status/1240161981404827649
އަދި ރާއްޖޭގައި މީހުން ދިރިއުޅޭ ރަށެއް ކޮރޯނާ ވައިރަސްއާއި ގުޅިގެން ވަގުތީ ގޮތުން ބަންދުކޮށްފައި އޮތް ނަމަ އެ ރަށެއްގައިވެސް މިގޮތަށް އަމަލު ކުރަން ޖެހޭނެ ކަމަށެވެ. މީހުން ދިރިއުޅޭ ރަށްރަށުގެ ތެރެއިން މިވަގުތު އއ. މަތިވެރި އޮތީ މޮނިޓަރިންގެ ހާލަތުގައި އެވެ.
މިގޮތަށް ނިންމީ ކޮރޯނާ ވައިރަސް އާއި ގުޅިގެން ގިނަ މީހުން އެއްތަނަކަށް އެއްވެ އުޅުން ރަނގަޅު ނޫންކަމަށް އެޗްޕީއޭއިން ބުނެފައިވާތީ އެވެ. މިގޮތަށް ނިންމީ ދީނީ އިލްމުވެރިންނާއި އިސްލާމީ ފަތުވާ ދޭ އެންމެ މަތީ މަޖިލީހުގެ މަޝްވަރާ އާއި އެކު ކަމަށް މިނިސްޓްރީން ބުނެ އެވެ.
ރޭ ސައުދީ އަރަބިއްޔާ ސަރުކާރުންވެސް ވަނީ އެ ގައުމުގެ މާތްވެގެންވާ ދެ ހަރަމް ފިޔަވާ ހުރިހާ މިސްކިތެއް ބަންދުކޮށްފައި އެވެ. އަދި ހަމައެކަނި މިސްކިތްތަކުގައި ބަންގި ގޮވާގޮތަށް ވަނީ ހަމަޖައްސާފައި އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް