ކޮރޯނާ ވައިރަސް ހަލުވިކަމާއި ފެތުރެމުންދާ ގައުމުތަކުގައި ތިބި ދިވެހިން ރާއްޖެ ނައިސް އެ ގައުމެއްގައި ތިބުމަކީ އެންމެ ރަނގަޅު ގޮތް ކަމަށް ސަރުކާރާއި ޑޮކްޓަރުން ވިދާޅުވެއްޖެ އެވެ.
އިއްޔެ މިކަމާ ގުޅޭގޮތުން ފުރަތަމަ ވާހަކަދެއްކެވީ އައިޖީއެމްއެޗުގެ ޑޮކްޓަރު އަހުމަދު ޝަހީދެވެ. ފަހުން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒުވެސް ވަނީ އެކަމާ ގުޅޭގޮތުން ވާހަކަ ދައްކަވާފައި އެވެ.
ޑރ. ޝަހީދު ވިދާޅުވީ ވައިރަހުން ރައްކާތެރިވުމަށް ރަނގަޅު މާހައުލަކީ މާލެ ފަދަ ތޮއްޖެހިފައިވާ ތަނަކަށްވުރެ ބޭރު ގައުމެއްގައި ތިބި ބަޔަކު ނަމަ އެ ގައުމެއް ކަމަށެވެ. ރާއްޖެ އައުމުގެ ބަދަލުގައި އެ ގައުމެއްގެ ރައްކާތެރި ތަނަކަށް ބަދަލުވެ ގެއިން ނުނިކުމެ ތިބުން މާ ރައްކާތެރިވާނެ ކަމަށް ޑރ. ޝަހީދު ވިދާޅުވި އެވެ.
އޭނާ އިލްތިމާސް ކުރެއްވީ ހަމަ އެގޮތަށް ރާއްޖޭގައި ތިބި މީހުންވެސް ކޮންމެހެން ދާން ޖެހިގެން ނޫނީ ގައުމުން ބޭރަށް ނުދިއުމަށެވެ.
ރާއްޖެއިން ވަނީ ވައިރަސް ބޮޑަށް ފެތުރޭ ގައުމުތަކުން މީހުން އައުން މަނާކޮށްފައި އެވެ. އެކަމަކު އެ ގައުމުތަކުގައި ތިބި ދިވެހިންނަށް ރާއްޖެ އައުމުގެ ފުރުސަތު އޮވެ އެވެ. އެހެންވެ ވައިރަސް ބޮޑަށް ފެތުރެން ފެށުމުން އެ ގައުމުތަކުގައި ތިބި ދިވެހިން ރާއްޖެ އަންނަން ބޭނުންވެ އެވެ.
މަބްރޫކް ރޭ ވިދާޅުވީ މިވަގުތު ގައުމުތަކުގައި ދިވެހިންނަށް ކުރެވޭނެ އެންމެ ނުރައްކާތެރި ކަމަކީ، ރާއްޖެ އައުމަށްޓަކައި އެއާޕޯޓަކަށް ދިޔުން ކަމަށެވެ. އަދި އެއާޕޯޓްތަކަކީ، ވައިރަސް ޖެހުމަށް މަގުފަހިވާ ތަނެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އެއީ އެންމެ ބުއްދިވެރިގޮތެއް ނޫންކަން އޭނާ ފާހަގަ ކުރެއްވި އެވެ. އޭގެ ބަދަލުގައި އަމިއްލަ އެޕާޓްމަންޓުތަކުގައި ބޭރަށް ނުނިކުމެ ތިބުމަކީ އެންމެ ރައްކާތެރި ގޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
މަބްރޫކް ވިދާޅުވީ އެފަދަ ގައުމުތަކުގައި ތިބި ދިވެހިންނަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ސަރުކާރުން ފޯރުކޮށްދޭނެ ކަމަށެވެ.
ރާއްޖެއިން އަންނަނީ ކޮރޯނާ ވައިރަސް ފެތުރޭ ގައުމެއްގައި ތިބި ދިވެއްސަކު ރާއްޖެ އަތުވެއްޖެ ނަމަ ވައިރަހަށް ޓެސްޓުކޯށް14 ދުވަހަށް ކަރަންޓީން ކުރަމުންނެވެ.
މިހާތަނަށް ރާއްޖެއިން ބޭރުން އައި އެއްވެސް ދިވެއްސަކު ވައިރަހަށް ޕޮސިޓިވްވެފައި އެއް ނުވެ އެވެ. ރާއްޖެއިން13 މީހަކަށް ކޮރޯނާ ވައިރަސް ޖެހިފައިވާއިރު އެއީ ހުސް ބިދޭސީންނެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް