ބީއެމްއެލް އެހީ ހަދިޔާކުރުމުގެ ތެރެއިން /ފޮޓޯ: ބީއެމްއެލް
ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް އަސާސީ ބޭނުންތައް ފުއްދުމަށް ދަތި
އާއިލާތަކަށް އެހީވުމަށް އެޑްވޮކޭޓިންގ ދަ ރައިޓްސް އޮފް ޗިލްޑްރެން (އާކް)
އެއިޑުން ހިންގާ ހާއްސަ ހަރަކާތަށް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ
މުވައްޒަފުން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
އާކް އެއިޑުގެ މި ޕްރޮގްރާމަކީ ނުކުޅެދުންތެރިކަން ހުންނަ ކުޑަކުދީންގެ
އާއިލާތަކާއި އެކަނިވެރި މައިންގެ އާއިލާތަކަށް އަސާސީ ބޭނުންތައް ފުއްދުމަށް
އެހީތެރިވެދިނުމުގެ މަގްސަދުގައި ކުރިއަށްގެންދާ ހަރަކާތެކެވެ. މި އަހަރުގެ
ޕްރޮގްރާމަށް ބޭންކުގެ މުވައްޒަފުން ފޯރުކޮށްދިން އެހީތެރިކަމާއެކު، ޖުމްލަ 200
އަށްވުރެ ގިނަ ކުދިންގެ އާއިލާތަކަށް ބޭނުންވާ އަސާސީ ކާބޯތަކެތި ހިމެނޭ 100
އަށްވުރެ ގިނަ ޕެކް ހަދިޔާކޮށްފައިވާކަމަށް ބީއެމްއެލް އިން ބުނިއެވެ.
ބޭންކް އޮފް މޯލްޑިވްސްގެ މުވައްޒަފުންނަކީ ކޮންމެ އަހަރެއްގެ ރަމަޟާން މަހާ
ދިމާކޮށް އިޖުތިމާއީ އެކި ހަރަކާތްތަކުގައި ބައިވެރިވެ، އެހީތެރިކަން ބޭނުންވާ
ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދެމުންދާ ބައެކެވެ. މިގޮތުން މީގެ ކުރިންވެސް
ބޭންކުގެ މުވައްޒަފުން ވަނީ އާކް އެއިޑަށް އެކި ގޮތްގޮތުން އެހީތެރިކަން
ފޯރުކޮށްދީފައެވެ.
މީގެ
އިތުރުން، މިދިޔަ އަހަރުގެ ރަމަޟާން މަހުވެސް ބޭންކުގެ މުވައްޒަފުން ވަނީ މަމްސް
އެއިޑް ޖަމިއްޔާ މެދުވެރިކޮށް އެހީތެރިކަން ބޭނުންވާ އާއިލާތަކަށް އެހީތެރިކަން
ފޯރުކޮށްދީފައެވެ. ބީއެމްއެލް އިން ބުނީ މުވައްޒަފުންގެ މިފަދަ އިސްނެގުންތަކަކީ
މުޖުތަމައަށް އެހީތެރިވުމަށް ބޭންކުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން
މުހިންމު ހަރަކާތްތަކެއް ކަމަށެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް