ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ބޭސް ފަރުވާއަށް ރާއްޖެއިން ބޭރަށް ފުރުން މަނާ ކޮށް ޕާސްޕޯޓު ހިފެހެއްޓީ ގާނޫނާއި ހިލާފަށް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައިފި އެވެ.
ޖިހާދުގެ ޕާސްޕޯޓު ހިފަހައްޓަން ކްރިމިނަލް ކޯޓުން އަމުރު ކުރީ ފުށިދިއްގަރުފަޅު ތަރައްގީކުރަން ބަޔަކަށް ދިން އިރު، ދައުލަތަށް ފައިދާއެއް ލިބެން އޮތް ކަމެއްގައި އެހެން ގޮތަކަށް އަމަލްކުރެއްވި ކަމަށް ބުނެ އެ ކޯޓުގައި ޖިހާދާއި ދެކޮޅަށް އުފުލާފައިވާ ދައުވާ އާއި ގުޅިގެންނެވެ. މި މައްސަލައިގަ ޖިހާދަށް ދައުވާ ކުރީ އެ ހާދިސާ ހިނގި އިރު ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ވެރިކަމުގައި ފިނޭންސް މިނިސްޓަރަކަށް އެމަނިކުފާނު ހުންނެވުމުންނެވެ.
މި މައްސަލައިގަ ކްރިމިނަލް ކޯޓުން ޖިހާދުގެ ޕާސްޕޯޓު ހިފަހައްޓަން އަމުރު ކުރީ ރާއްޖެއިން ބޭރަށް ވަޑައިގެންނެވުމުގެ ހުއްދަ ދީފި ނަމަ ފިލައިގެން ހިނގައިދާނެ ކަމަށް ޕީޖީ އޮފީހުން ބުނުމުންނެވެ. މި މައްސަލަ ޖިހާދުގެ ފަރާތްޕުޅުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން ނިންމާފައިވަނީ ޖިހަދާއި އެއްކޮޅަށެވެ.
ހައި ކޯޓުގެ ހުކުމް ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރީ ޕީޖީ އޮފީހުންނެވެ.
މި މައްސަލަ ބެލުމަށް ފަހު މިއަދު ސުޕްރީމް ކޯޓުން ކުރި ހުކުމުގައި ބުނެފައިވަނީ ޕާސްޕޯޓު ހިފެހެއްޓޭނީ ދައުވާ ލިބޭ މީހާ ފިލާފާނެ ކަމަށް ބަލާފައި ކަމަށެވެ. ޖިހާދަކީ ރާއްޖެއިން ބޭރުގައި ފިލައިގެން އުޅުނުގެ ގާބިލް ކުރި ބޭފުޅެއް ކަމަށް ދައުލަތުން ބުނެފައިވިޔަސް އެއީ ޖިހާދު ފިއްލަވާފާނެ ކަމަށް ބެލެވެން އޮތް ސަބަބެއް ނޫން ކަމަށާއި އެފަދަ ހެތްކެއްވެސް ދައުލަތަށް ހުށަހެޅިފައި ނުވާ ކަމަށެވެ.
ޖިހާދު ފުރައިވަޑައިގަތުމުގެ ހުއްދައަށް އެދުމުގެ ކުރިން އެމަނިކުފާނުގެ ޕާސްޕޯޓް ހިފަހައްޓަން ދައުލަތުން އެދިފައި ނެތް ކަމަށާއި އެހާތަނަށް ފުރުން މަނާ ކުރުމުގެ އަމުރެއް ނެތް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ. އެހެންވެ، އޭނާ ފިއްލަވަން ހަގީގަތުގައި ވެސް އުޅުއްވި ނަމަ، ކޯޓުގެ ހުއްދަ ނެތި ބޭރަށް ވަޑައިގަތުމުގެ ފުރުސަތު އޭރު ވެސް އޮތް ކަމަށް ހުކުމުގައި ބުނެފައިވެ އެވެ.
ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓަން ދައުލަތުން އެދުނީ ޖިހާދު ފުރައިވަޑައިގަތުމުގެ ހުއްދައަށް އޭނާއަށް އަމިއްލައަށް ކޯޓުގައި އެދިވަޑައިގަތުމުން ކަމަށާއި އެ ހާލަތުގައި ޕާސްޕޯޓް ހިފަހައްޓަން އަމުރު ނުކުރެވޭނެ ކަމަށް އެ ހުކުމުގައިވެ އެވެ. އަދި އެ ހާލަތުގައި ކޯޓުން ނިންމަން ޖެހޭނީ ފުރުމުގެ ހުއްދަ ދެވޭނެތޯ ނުވަތަ ނޫންތޯ އެކަނި ކަމަށް އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުން އިއްތިފާގުން ކުރެއްވި ހުކުމުގައިވަނީ ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓަން ކްރިމިނަލް ކޯޓުން ނެރުނީ އަމުރުކުރީ ޖިނާއީ އިޖްރައާތުގެ ގާނޫނާ ޚިލާފަށް އެތައް ކަމެއް ކުރުމަށް ފަހު އެވެ. އެހެންވެ، ހައި ކޯޓުގެ ހުކުމް ދެމެހެއްޓީ ކަމަށް އެ ހުކުމުގައިވެ އެވެ.
އެ މައްސަލަ ބެއްލެވީ ފަނޑިޔާރު އައިޝާ ޝުޖޫން މުހައްމަދާއި ފަނޑިޔާރު އަލީ ރަޝީދުގެ އިތުރުން ފަނޑިޔާރު ޑރ. މުހައްމަދު އިބްރާހިމެވެ. ރިޔާސަތު ބެލެހެއްޓެވީ ފަނޑިޔާރު ޝުޖޫނެވެ.
މި މައްސަލައިގަ ސުޕްރީމް ކޯޓުން ގޮތެއް ނިންމަންދެން ޖިހާދު ފުރުން މަނާ ކުރުމުގެ އަމުރެއް ސުޕްރީމް ކޯޓުން އޮތީ ނެރެފަ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް