ހިޔާ މަޝްރޫއުގެ ދަށުން ދިނުމަށް ހަމަޖެހިފައިވާ އެއް ކޮޓަރީގެ ފްލެޓުތައް ހިމެނޭ ކެޓަގަރީތައް އުވާލަން ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.
އެ ކެޓަގަރީތަކަކީ 18 އަހަރާއި 40 އަހަރާ ދެމެދު ކައިވެނިކޮށްގެން އުޅޭ މީހުންނަށް ހާއްސަ އެޗް11 ކެޓަގަރީ، މާލޭ މުނިސިޕަލްޓީ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ މީހުންނަށް ހާއްސަ އެޗް13 ކެޓަގަރީ އެވެ. ދެން އެ ކެޓަގަރީގައި ހިމެނެނީ އަލަތު ކައިވެނިކޮށްގެން އުޅޭ ޒުވާނުންނަށް ހާއްސަކުރި އެޗް15 އެވެ.
ހައުސިން މިނިސްޓްރީން ބުނީ މި ކެޓަގަރީތަކުން ފްލެޓަށް އެދިފައިވާ ފަރާތްތަކުގެ ފޯމުތައް ބާތިލް ކޮށްފައިވާ ކަމަށެވެ.
އެ މިނިސްޓްރީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ 2018 ވަނަ އަހަރު ހިޔާ މަޝްރޫއަށް އިއުލާނުކުރިއިރު، ހަމަޖައްސާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސަރުކާރު ކުންފުނިތަކުން އެޅުމަށް ނިންމާފައިވާ ޓަވަރުތަކުން އެއް ކޮޓަރީގެ ބައެއް ފްލެޓްތައް ސަރުކާރަށް ގަންނަން ކަމަށެވެ. އަދި ފްލެޓުތައް ގަތުމަށް ފަހު އެ ތިން ކެޓަގަރީއަށް އެ ފްލެޓުތައް ބަހާލާގޮތަށް ކަމަށެވެ.
އެ މިނިސްޓްރީން ބުނީ ސަރުކާރުން ގަތުމަށް ލިބެންހުރި ފްލެޓްތަކާ ބެހޭ މައުލޫމާތު، ހުޅުމާލެ ދެވަނަ ފިޔަވަހީގައި ޓަވަރުތައް އެޅުމުގެ މަސައްކަތް ކުރިއަށްގެންދާ ކުންފުނިތަކުން ހޯދާފައިވާނެ ކަމަށެވެ. މިނިސްޓްރީއަށް ލިބުނު މައުލޫމާތުތަކަށް ބަލާއިރު ލިބެންހުރީ ހަމައެކަނި އެމްޑަބްލިއުއެސްސީން ސަރުކާރަށް ވިއްކަން ހާއްސަ ކޮށްފައިވާ 36 ފްލެޓު ކަމަށް ބުނެފައިވެ އެވެ.
ހައުސިން އިން ބުނީ ގަންނަން ލިބެން ހުރި 36 ފްލެޓު ދޫކުރާނީ އެޗް14 ކެޓަގަރީން ނުކުޅެދުންތެރިކަން ހުންނަ މީހުން ތިބޭ އާއިލާތަކަށް ކަމަށެވެ. އަދި އެއަށް ފަހު އެތަނުން ބާކީވާ ފްލެޓްތައް މާލޭގެ ރަށްވެހިންނަށް ހާއްސަ އެޗް12 ކެޓަގަރީއަށް ދޭން ނިންމާފައިވާ ކަމަށް ބުނެ އެވެ.
އުވާލަން ނިންމި ކެޓަގަރީތަކުގެ ތެރެއިން އެންމެ މަޝްހޫރުވެފައިވަނީ އެޗް15 ގެ ފްލެޓުތަކެވެ. އަލަތު ކައިންވެންޏާއެކު ފްލެޓް ދިނުމަކީ ކުރީގެ ރައީސް، އަބްދުﷲ ޔާމީންގެ ރިޔާސީ ވައުދެކެވެ.
ޔާމީންގެ ސަރުކާރުން ވަނީ އެ ކެޓަގަރީން ފްލެޓް ދޫކުރަން ނިންމި އަދަދަށް މީހުން ފޯމު ހުށަހަޅާފައި ނުވާތީ، ފޯމު ހުށަހެޅި ހުރިހާ އެންމެނަށް ފްލެޓް ދޭން ނިންމައިފަ އެވެ
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް