ރާއްޖެއިން ކަނޑައެޅި އާ ސަފީރު އޮމާން ރަސްގެފާނަށް ފަތްކޮޅު އަރުވައިފި

ދިވެހިރާއްޖެއިން އޮމާންއަށް ކަނޑައެޅުއްވި އައު ސަފީރު، އޮމާންގެ ރަސްގެފާނަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި ދިވެހިރާއްޖެއިން އޮމާންއަށް ކަނޑައެޅުއްވި ނޮން ރެޒިޑެންޓް ސަފީރު މުޙައްމަދު ޚަލީލު، އެމަނި...

18 Feb 2021 | 11:39

ދިވެހިރާއްޖެއިން އޮމާންއަށް ކަނޑައެޅުއްވި އައު ސަފީރު، އޮމާންގެ ރަސްގެފާނަށް ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ދިވެހިރާއްޖެއިން އޮމާންއަށް ކަނޑައެޅުއްވި ނޮން ރެޒިޑެންޓް ސަފީރު މުޙައްމަދު ޚަލީލު، އެމަނިކުފާނުގެ ސަފީރުކަމުގެ ފަތްކޮޅު، އޮމާންގެ ރަސްގެފާނު ސުލްތާނު ހައިތަމް ބިން ތާރިކްއަށް އަރުވައިފިއެވެ.

ޚަލީލު، ސަފީރުކަމުގެ ފަތްކޮޅު ރަސްގެފާނަށް އަރުވާފައިވަނީ އެކަމަށްޓަކައި މިއަދު އޮމާންގެ ވެރިރަށް މަސްކަޓްގައި ބޭއްވެވި ރަސްމިއްޔާތެއްގައެވެ. މިބައްދަލުވުމުގައި އެމްބެސެޑަރ ޚަލީލުވަނީ އޮމާންގެ ރަސްގެފާނަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް އާއި ދިވެހި ރައްޔިތުންގެ ފަރާތުން މަރުޙަބާ ދަންނަވައި، ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

މި ރަސްމިއްޔާތުގައި އޮމާންގެ ރަސްގެފާނު ވަނީ އެމްބެސެޑަރ ޚަލީލަށް މަރުޙަބާ ވިދާޅުވެ، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިޙަށް ވެދުން އަރިސްކުރައްވާފައެވެ.

ސަފީރުކަމުގެ ފްތްކޮޅުގެ ރަސްގެފާނަށް އެރުވުމުގެ ކުރިން، އެމްބެސެޑަރ ޚަލީލު ވަނީ އެފަތްކޮޅުގެ ކޮޕީއެއް، އޮމާންގެ ޚަރިޖީ ވަޒީރު ސައްޔިދު ބަދުރު ބިން ހަމަދު ބިން ހަމޫދު އަލްބުސައިދީއަށް 15 ފެބްރުއަރީ 2021 ގައި ފޮނުއްވާފައެވެ.

ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތުގައި އޮމާންގެ ފަރާތުން އެޤައުމުގެ މާލީ ވަޒީރު އަދި ޚާރިޖީ ވަޒީރު އިތުރުން، ހެޑް އޮފް ރޯޔަލް ޕްރޮޓޮކޯލް، ކޮމާންޑަރ އޮފް ރޯޔަލް ގާޑް އަދި ރަސްގެފާނުގެ މިލިޓަރީ އެއިޑް ވަނީ ބައިވެރިވެވަޑާއިގަންނަވާފައެވެ. ދިވެހިރައްޖޭގެ ފަރާތުން ސަފީރުގެ އަރިހުގައި މިބައްދަލުވުމުގައި ބައިވެރިވީ ރިޔާދުގައި ހުންނަ ދިވެހި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ ޙުސައިން ސިނާހުއެވެ.

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް