އަންނަ ހަފްތާގައި ރިޔާސީ ބަޔާނަށް އިދިކޮޅު މައި ޕާޓީ ޕީޕީއެމްއިން ޖަވާބުދާރީ ވާނެ ކަމަށް ބުނެފި އެވެ.
މިކަން ހާމަ ކުރެއްވި އެ ޕާޓީ އާއި އެކު ކޯލިޝަން ހަދާފައިވާ ޕީއެންސީގެ ޕީޖީ ގްރޫޕުގެ ލީޑަރު އާދަމް ޝަރީފު ކުރެއްވި ޓުވީޓެއްގައި އެވެ. އާދަމް ޝަރީފުގެ ޓުވީޓުގައި ވިދާޅުވީ އަންނަ ހަފްތާގައި ޕީޕީއެމްގެ ޕީޖީ ލީޑަރު އަދި އޭދަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް ރިޔާސީ ބަޔާނުގެ ޖަވާބު މަޖިލީހުގައި އިއްވަވާނެ ކަމަށެވެ.
އެކަމަކު ޖަވާބުދާރީ ވާނެ ވަކި ދުވަހެއް ވިދާޅެއް ނުވެ އެވެ. މަޖިލީހުުގެ ޖަލްސާތައް އޮންނާނީ ހޯމަ، އަންގާރަ އަދި ބުދަ ދުވަހު އެވެ.
އާދަމް ޝަރީފު ވިދާޅުވީ ރިޔާސީ ބަޔާނަށް ދޭ ޖަވާބުގައި ސަރުކާރުން އިތުރަށް ސާފުކޮށްދޭން ޖެހޭނެ ކަމަށް ބެލެވޭ ކަންކަމަށް ސަރުކާރުން ޖަވާބުދާރީ ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ. އޭނާ ވަނީ ސަރުކާރުން އެމައުލޫމާތުތައް ހޯދުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހައި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މަސައްކަތް ކޮށްދެއްވުމަށް އެދިވަޑައިގެންނަވާފަ އެވެ.
https://twitter.com/Adamshareefz/status/1362294828919267332
މި އަހަރަށް މަޖިލީސް ހުޅުވަން ބޭއްވި ޖަލްސާގައި ރައިސް ސޯލިހު އިއްވެވި ރިޔާސީ ބަޔާނަށް އިިދިކޮޅު ކޯލިޝަނުން ވަރަށް ބޮޑަށް ފާޑު ކިޔާފައިވެ އެވެ.
އެގޮތުން ރައީސް ސޯލިހަކީ އަމާޒެއްނެތި އިތުރުފުޅު ހައްދަވާ ވެރިއެއްކަން އަނެއްކާވެސް އަމިއްލަފުޅަށް ދެއްވި ރިޔާސީ ބަޔާނުން ސާބިތު ކޮށްދެއްވި ކަމަށް ބުނެފައިވެ އެވެ. އަދި ކުރައްވާނެ ކަންކަމުގެ ގޮތުގައި ރައީސް ވިދާޅުވީ ހަގީގަތަތެއް ނެތް ވާހަކަތަކެއް ކަމަށް އިދިކޮޅުން ބުނެފައިވެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް