ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ މައްސަލަތަކާއި ގުޅިގެން ދައުވާކުރުމުގައި މިދިޔަ އަހަރު ބޮޑު ކުރިއެރުމެއް ހޯދިފައިވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެ އެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ވޭތުވެދިޔަ އަހަރު ހޯދުނު ކުރިއެރުން އަމިއްލަ ބްލޮގުގައި ހިއްސާކުރައްވަމުން ޝަމީމް ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ގުޅޭ މައްސަލަތަކުގައި މިދިޔަ އަހަރު ދައުވާ ކުރެވުނު އަދަދު 65 ޕަސެންޓު އިތުރު ކަމަށެވެ. ޝަމީމް ވިދާޅުވީ 2019 ވަނަ އަހަރު މިފަދަ މައްސަލަތަކުގައި142 ދައުވާއެއް އުފުލި އިރު މިދިޔަ އަހަރު232 ދައުވާއެއް އުފުލާފައިވާ ކަމަށެވެ.
ޕީޖީ ވިދާޅުވީ2019 ވަނަ އަހަރު102 މީހަކަށް ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމާއި ގުޅޭ މައްސަލަތަކުގައި ދައިވާ ކުރި ކަމަށެވެ. އެ އަދަދު މިދިޔަ އަހަރު 29 ބާވަތެއްގެ މައްސަލަތަކުގައި169 މީހެއްގެ މައްޗަށް ދައުވާ އުފުލި ކަމަށެވެ.
ޝަމީމް ވިދާޅުވީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ތަހުގީގު ރަނގަޅު ކުރެވި ދައުވާ ކުރެވޭ ވަރަށް ހެކި ވެސް ހޯދޭ ކަމަށެވެ. އެކަމަކު ކުރިއެކޭ އެއްގޮތަށް ކޯޓުތަކުގައި މައްސަލަތައް އެކަށީގެންވާ ވަރަށް ނުހިންގޭކަން ޕީޖީ އާއްމު ކުރެއްވި ހިސާބުތަކުން އެނގެން އޮތެވެ.
އެ ހިސާބުތަކުގައިވާ ގޮތުން 2019 ގައި މާލޭގެ ކޯޓުތަކަށް 70 މައްސަލަ އަދި އަތޮޅުތަކުގެ ކޯޓުތަކަށް ވެސް މައްސަލަ ހުށަހެޅި އެވެ. މީގެތެރެއިން ހުކުމްކޮށްފައި ވަނީ 15 މައްސަލައިގަ އެވެ. ކޯޓުތަކުގައި އެ އަހަރު ހުށަހެޅި 60 ޕަސެންޓް މައްސަލަ އަދިވެސް ހިނގާ ކަން ޕީޖީ ފާހަގަކުރައްވާފައިވެ އެވެ.
މާލޭގެ ކޯޓުތަކަށް 115 މައްސަލައާ އެކު ގިނަ މައްސަލަތަކެއްގައި މިދިޔަ އަހަރު ދައުވާ އުފުލި ނަމަވެސް ކޯޓުތަކުން ނިންމުނީ އެންމެ ދެ މައްސަލަކަން އެ ހިސާބުތަކުން އެނގެ އެވެ. އެއީ ހއ. މަރަންދޫ މެޖިސްޓްރޭޓް ކޯޓާއި އެ އަތޮޅު ފިއްލަދޫ ކޯޓަށް ހުށަހެޅި މައްސަލަ އެކެވެ.
ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކުގައި ފިޔަވަޅު ނޭޅި ހުރި ސަބަބުތައް ދައުލަތުގެ ހުރިހާ މުއައްސަސާތައް ގުޅިގެން ދެނެގަނެ ކާމިޔާބު މަސައްކަތްތަކެއް ކުރެވިފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ. އޭގެތެރޭގައި ޕީޖީ އޮފީހުގެ އިތުރުން ފުލުހުންނާއި އެޓާނީ ޖެނެރަލްގެ އޮފީހާއި ޖެންޑާ މިނިސްޓްރީ އާއި ރައީސް އޮފީސް ހިމެނެ އެވެ.
ކޮމެންޓް ކުރޭ
ކޮމެންޓްސް
މިހާތަނަށް ކޮމެންޓެއް ނެތް